ރިޕޯޓް

މަގު ހެދުމުގެ މަޝްރޫޢާއެކު މިލަންދުއަށް އުފާވެރިކަން


ރާއްޖެގެ އެކި ކަންކޮޅުތަކަށް ނަޒަރު ހިންގާލާއިރު ފެންނަނީ ރަށްރަށުގެ ރައްޔިތުން އެދިއެދިތިބި ތަރައްގީގެ ބޮޑެތި އެތައް މަޝްރޫއެއް ކުރިއަށްދާ މަންޒަރެވެ.

ކޯވިޑް-19ގެ ޙާލަތުގަވެސް ސަރުކާރުން އަންނަނީ ރަށްރަށުގެ ރައްޔިތުންނަށ،ް ބޭނުންވާ ތަރައްގީ ގެނެސް ދެއްވަމުންނެވެ. އެގޮތުން މިލަންދޫގައި ކުރިޔަށްދާ މަގުހެދުމުގެ މަޝްރޫއަކީ މިހާތަނަށް އެރަށުގެ ރަށްޔިތުން އެންމެބޭނުންވި އެއް މަޝްރޫޢެވެ. މިމަޝްރޫޢާއެކު އެރަށުގެ ރައްޔިތުންނަށް ވަނީ ހިނިތުންވުން ގެނުވާފައެވެ.

2500އަށްވުރެ ބޮޑު އާބާދީއެއް އޮންނަ މިލަންދޫގެ މަގުތައް މީގެކުރިން އޮތްގޮތުން އެރަށުގެ ރައްޔިތުންނަށް އޮތީ ގިނަ ދަތިތަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން ވިއްސާރަ ދުވަސްވަރެއްނަމަ މަގުތަކުގައި ފެންބޮޑުވެ، ހިނގާބިނގާވެ އުޅުމަށާއި ދުއްވާތަކެތި ދުވުމަށް ގިނަ ދަތިތަކަކާ ކުރިމަތިވެއެވެ.

އެހެންނަމަވެސް މިލަންދޫގައި މިހާރު ކުރިއަށްގެންދާ މަގުހެދުމުގެ މަޝްރޫޢު ނިމުމުން މިދަތިތަކަށް ޙައްލު ލިބިގެންދާނެއެވެ. މިއީ އެރަށުގެ ރަށްޔިތުން އެންމެ ދެކެން ބޭނުންވި އެއްދުވަސް ކަމަށް ރައްޔިތުން ބުނެއެވެ.

މިލަންދޫ ކައުންސިލްގެ ރައީސް ޢަބްދުއްﷲ އާތިފް ވިދާޅުވީ މަގުހެދުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިޔަށް ދަނީ ޕޭމަންޓު ހެދުމުގެ މަސައްކަތްކަމަށެވެ. އަދި ފެންހިންދާ ނިޒާމު ހަދން ބޭނުންވާ ތަކެތި މިހާރު ރަށަށް ގެނެސްފައި ވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިލަންދޫ މަގުހެދުމުގެ މަޝްރޫއުގެ ދަށުން 8 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޑިޒައިން އެންޑް ބިލްޑު އުސޫލުން އާރުޑީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މިމަޝްރޫޢުގެ ދަށުން 6.15 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެއެވެ.

މިލަންދޫ މަގުހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ މާރޗްމަހުގެ 12ވަނަ ދުވަހުއެވެ. މިމަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ މަސައްކަތް ފެށި ދުވަހުންފެށިގެން 705 ދުވަހުގެތެރޭގައެވެ. މި މަޝްރޫޢުގެ އަގަކީ 156.4 މިލިއަން ރުފިޔާއެވެ.