ރިޕޯޓް

ކުނީގެ މައްސަލަ، ދިއްދޫ ރައްޔިތުންގެ އެންމެބޮޑު އެއް ކަންބޮޑުވުން


ރާއްޖޭގެ ގިނަ ރަށްރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރުމުގެ ރަނގަޅު ނިޒާމެއް ޤާއިމުވެފައިނެތުމެވެ. ޚާއްޞަކޮށް އާބާދީ ބޮޑެތި ރަށްރަށުގައި މިމައްސަލައަކީ ކަންބޮޑުވާވަރުގެ ބޮޑު އަދި އަވަސް ޙައްލެއް ބޭނުންވެފައިވާ މައްސަލައެކެވެ.

ހއ.ދިއްދުއަކީވެސް، މިއަދާހަމައަށް އައިއިރު ކުނި ނައްތާލެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުވެފައިނެތް ރަށެކެވެ. ދިއްދޫގެ ކުނިގޮނޑު ހުރި ސަރަޙައްދަކީ މީހުން ދިރިއުޅޭ ސަރަހައްދަކަށްވުމުން އެސަރަޙައްދުގެ ރައްޔިތުނަށް ކުނިގޮޑުގެ ސަބަބުން ބޮޑެތި އުނދަގޫތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

ދިއްދޫގެ ކުނިގޮޑު ހުރި ސަރަހައްދުން ފެނިގެންދަނީ ކުނިން ފުރިބާރުވެ ތަޣައްޔަރުވެފައިވާ މަންޒަރެވެ. މުޅި އެހިސާބުގަނޑުވަނީ ކުނީގެ ޝިކާރައަކަށްވެފައެވެ. ގުނިގޮނޑު ހުރި ސަރަޙައްދުގައި ޢާމުން ހިނގާބިނގާވެއުޅުމަށާއި އެއްގަމު އުޅަނދު ދުއްވުމަށް ބޭނުންކުރާ މަގުވެސްވަނީ ކުނިބުނިން ފުރިބާރުވެފައެވެ. އެކަށީގެންވާ ގޮތުގައި ކުނި މެނޭޖުކުރެވޭނެ ގޮތެއް ނެތްތާގައި އެންމެ އެދެވޭ ގޮތުގައި ކުނިކޮށި ބަލަހައްޓަމުން ނުދިއުމަކީވެސް ރައްޔިތުން ކަންބޮޑުވާ މައްސަލައެކެވެ.

4700އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ދިއްދޫގައިި ކުނިއުކަން ރަޖިސްޓްރީކޮށްފައިވާ ގޭބީސީތަކުން ކުނި ޖަމާކޮށް، ކުނިއުކާ ސަރަޙައްދަށް ކުނިއުކުމުގެ މަސައްކަތްކުރަނީ ފެނަކަ ކޯރޕަރޭޝަންގެ ދިއްދޫ ބްރާންޗުންނެވެ.

ފެނަކައިން ގާތްގަޑަކަށް ދުވާލަކު 10 ޓަނުގެ ކުނި އުކާއެވެ. ކުނި އުކަން ރަޖިސްޓްރީވެފައިނުވާ ގޭބީސީތަކުގެ ކުންޏާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުން އުފައްދާ ކުނި އަޅަމުންދަނީވެސް މިސަރަހައްދަށެވެ.

ދިއްދޫ ކައުންސިލްގެ ރައީސް ޢަބްދުއްﷲ ރަޝީދު ވިދާޅުވީ ދިއްދުއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ކައުންސިލުން މަސައްކަތް ކުރަމުން ދާކަމަށެވެ. އެގޮތުން ރައްކާތެރި ގޮތެއްގައި ކުނި މެނޭޖުކުރުމަށްޓަކައި އެކަމަށް ބެނުންވާ ވެހިކަލް ގެނައުމަށް މިހާރު އިއުލާންކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ވެހިކަލްތައް ލިބުންހާ އަވަހަކަށް ކުނި މެނޭޖުކުރުމުގެ މަސައްކަތް ސީދާ ކައުންސިލުގެ ބެލުމުގެދަށުން ކުރިޔަށްގެންދާނެ ކަމަށްވެސް ޢަބްދުއްﷲ ރަޝީދު ވަނީ ވިދާޅުވެފައެވެ.

ދިއްދުއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބެންދެން ދިއްދޫގެ ކުނި މެނޭޖްކުރުމަށްޓަކައި ކައުންސިލުގެ ވިސްނުން ހުރީ ކޮންމެފަހަރަކު ކުނިގޮނޑު ފުރުމުން ކުނި އެންދުމުގެ ބަދަލުގައި ދުވަހުންދުވަހަށް ކުނި އެންދުމަށްކަމަށެވެ. މިކަމުގެ ސަބަބުން އެރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ކޮންމެސްވަރެއްގެ ޙައްލެއް ލިބިގެންދާނެކަމަށް ކައުންސިލުން ދެކެއެވެ.