ވިޔަފާރި

ވޯލްޑް ބޭންކުން ފިލިޕީންސްއަށް 600 މިލިއަން ޑޮލަރުގެ ލޯނުއެހީއެއް ދެނީ


ފިލިޕީންސްގެ އިޤްތިޞާދު ހަރުދަނާކުރުމަށްޓަކައި އެޤައުމަށް 600 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނުއެހީ ދިނުމަށް ނިންމާފައިވާކަމަށް ވޯލްޑް ބޭންކުން ހާމަކޮށްފިއެވެ.

ވޯލްޑް ބޭންކުން މިއަދު ހާމަކޮށްފައިވާގޮތުގައި އަވަސް މުއްދަތެއްގައި ދީ ނިންމާ އުޞޫލުން ފިލިޕީންސަށް ލޯނުއެހީ ދިނުމަށް ނިންމާފައިވަނީ އެޤައުމުގެ އިޤުތިޞާދު މިހާރަށްވުރެ ހަރުދަނާކޮށް، ވިޔަފާރީގެ މުހިއްމު ދާއިރާތަކުގެ މެދުގައި އޮންނަ ވާދަވެރިކަން އިތުރުކުރުމަށް އެޤައުމުން ހިންގަމުންދާ ރީފޯރމް ޕްރޮގްރާމެއްގެ ދަށުންނެވެ. މި ރީފޯރމްގެ ދަށުން ބޮރޯޑްބޭންޑުގެ ޚިދުމަތްތައް ފުޅާކުރުމާއި، ވިޔަފާރި ހިންގުމުގެ އަގުތައް ދަށްކުރުމުގެ އިތުރުން، ބޭރުގެ އިންވެސްޓަރުން ހޯދުމަށް މަސައްކަތްކުރުން ހިމެނެއެވެ.

ވޯލްޑް ބޭންކުން އިތުރަށް ބުނެފައިވަނީ އިރުމަތީ އޭޝިއާ ސަރަޙައްދުގެ ޤައުމުތަކާ އަޅާބަލާއިރު ފިލިޕީންސް ފާހަގަކުރެވެނީ ރީޓެއިލް ވިޔަފާރިފަދަ ދާއިރާތަކަށް ބޭރުގެ އިންވެސްޓަރުން ނުލިބޭ ޤައުމެއްގެ ގޮތުގައި ކަމަށާއި، އިޤްތިޞާދަށް ހަރުދަނާ ބަދަލުތަކެއް ގެނައުމަށް ހިންގާ ރީފޯރމް އަކީ ދިގުމުއްދަތަށް ބަލާއިރު އަދި މިހާރުން މިހާރަށްވެސް އިޤްތިޞާދީ ދުވެލި ބާރުވެ، ބޭރުގެ ވިޔަފާރިތަކާ އެއްވަރަށް ޢާއްމުންގެ ވިޔަފާރިތައް ފުޅާވެ، ވާދަވެރި މާޙައުލެއްގައި އިންވެސްޓަރުން ހޯދުމުގެ ފުރުޞަތު ލިއްބައިދޭނެ ޕްރޮގްރާމެއްކަމަށް ދެކޭކަމަށެވެ.

ފިލިޕީންސަށް ދިނުމަށް ހަމަޖެހިފައިވާ ލޯނު އެހީއާއި ގުޅޭގޮތުން ވޯލްޑް ބޭންކުގައި ހުންނަ ފިލިޕީންސްގެ ޑިރެކްޓަރ އެންދަޔަމީ ދިއަޕް ވިދާޅުވެފައިވަނީ ލޯނު އެހީ މައިގަނޑުގޮތެއްގައި ދެވޭ އެއް ދާއިރާއަކީ މުޢާޞަލާތީ ޚިދުމަތުގެ ދާއިރާ ކަމަށެވެ. އެގޮތުން މި ދާއިރާގައި ހިމެނޭ ބްރޯޑްބޭންޑް ފަދަ ޚިދުމަތްތަކުގެ ވާދަވެރި މާކެޓެއް އުފެދުމުން، ފަޤީރު ހިސާބުތަކުގައި ދިރިއުޅޭ މީހުންގެ ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް ފަސޭހަވެ، އެމީހުންނަށް ހަމަހަމަ އުޞޫލުން މުދަލާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވުމުގެ ސަބަބުން ހުރިހާ ހިސާބެއްގައި ޢާއްމު ރައްޔިތުން ހިންގާ ވިޔަފާރިތަކަށް އޮންނަ މާކެޓް ފުޅާވެގެންދާނެކަމަށް ދިއަޕް ވިދާޅުވިއެވެ.