ވިޔަފާރި

ގޫގުލްގެ މުވައްޒަފުންނަށް އަނެއްކާވެސް ބޯނަސްއެއް ދެނީ


ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި ގޫގުލްގެ މުވައްޒަފުންނަށް އިތުރު ބޯނަސްއެއް ދިނުމަށް ނިންމާފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ގޫގުލްއިން ބުނެފައިވަނީ މިހިނގާ ޑިސެމްބަރުމަހު، އެކުންފުންޏަށް އެކި ގޮތްގޮތުން ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއި، އިންޓާރންޝިޕް ހަދަމުންދާ ފަރާތްތައްވެސް ހިމެނޭގޮތަށް ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް، 1600 ޑޮލަރު ނުވަތަ އެއާ އެއްވަރުގެ ޢަދަދަށްވާ އެޤައުމެއްގެ ފައިސާ، ބޯނަސްގެ ގޮތުގައި ދޭނެކަމަށެވެ.

މި ބޯނަސް ދޭން ނިންމާފައިވަނީ، ކޯވިޑާ ގުޅިގެން ގޭގައި ތިބެގެން މަސައްކަތްކުރަމުންދާ ގޫގުލްގެ މުވައްޒަފުން އޮފީހަށް ނިކުތުން މުއްދަތެއް ނެތްގޮތަށް ފަސްކުރުމަށް، މިދިޔަ ހަފްތާގައި އެކުންފުނިން ނިންމުމާ ގުޅިގެން، މުވައްޒަފުންނަށް ބޭނުންވާ ކަންކަމުގައި އިތުރު އެހީއެއް ފޯރުކޮށްދިނުމުގެ ގޮތުންކަމަށް އެކުންފުނިން ބުނެއެވެ.

މިދިޔަ އަހަރުންފެށިގެން ކޮންމެހެން އޮފީހަށް ނިކުންނަންޖެހޭ މީހުން ފިޔަވައި ގޫގުލްގެ ހުރިހާ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމަށް އަންގާފައި އޮތްއޮތުން، މިއަހަރުގެ ޖެނުއަރީގެ ނިޔަލަށް ނިމުމަކަށް ގެނައުމަށް އެކުންފުނިން ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ކުންފުނިން ކަނޑައަޅާފައިއޮތް ވެކްސިން ފުރިހަމަ ކުރުމުގެ މިންގަނޑަށް ޢަމަލުކުރުމުގައި ބައެއް މުވައްޒަފުންގެ އިޢުތިރާޒުތައް ހުރުމާއި، ކޯވިޑް-19ގެ އައު ވޭރިއެންޓް އޮމިކްރޯން، ފެތުރެންފެށުމުން، މި ނިންމުން އަނެއްކާވެސް ފަސްކުރީކަމަށް އެކުންފުނިން ބުނެއެވެ.

ގޫގުލް އިން މިދިޔަ އަހަރު ވަނީ ކޯވިޑުގެ ޙާލަތުގައި ގޭގައި ތިބެގެން މަސައްކަތްކުރުމަށް އެހީވެދިނުމުގެ ގޮތުން ހުރިހާ މުވައްޒަފުންނަށް 1000 ޑޮލަރުގެ ބޯނަސްއެއް ދީފައެވެ. އަދި މުވައްޒަފުންގެ ސިއްޙީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި މިއަހަރު ވަނީ 500 ޑޮލަރުގެ އިތުރު ބޯނަސްއެއްވެސް ދީފައެވެ.