ޚަބަރު

މަދަނީ ޖަމްއިއްޔާތައް ބާރުވެރިކުރުވުމުގެ ދެވަނަ މަހާސިންތާ ފަށައިފި


ހަރުދަނާ މަދަނީ މުޖުތަމަޢެއް ބިނާކުރުމަށް މަދަނީ ޖަމްއިއްޔާތަކުގެ ދައުރު ފުޅާކޮށް ހޭލުންތެެރި ކުރުމުގެ ގޮތުން ބާއްވާ ދެވަނަ މަހާސިންތާ ފަށައިފިއެވެ. މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ޖަމިއްޔާތަކަށް އަމާޒުކޮށް ހިންގާ ދެވަނަ މަހާސިންތާ ކުރިއަށްދަނީ ޅ.ހިންނަވަރުގައެވެ.

މަދަނީ ޖަމްއިއްޔާތަކުގެ ދައުރު ފުޅާކޮށް ޖަމްއިއްޔާތަކުގެ ބައިވެރިވުން ތަރައްޤީގެ ކަންކަމުގައި މިހާރަށްވުރެ ބޮޑަ އިތުރުކުރުމަށް ބާރުއަޅާ މުޖުތަމަޢުގެ ކުރިއެރުމުގައި ޖަމިއްޔާތަކުގެ ދައުރާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަހާސިންތާގެ ދެވަނަ ބުރު އަމާޒުކޮށްފައިވަނީ ނ، ރ، ބ. ޅ. ގައި ހިމެނޭ ޖަމިއްޔާތަކަށެވެ. 4 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިމަހާސިންތާ ޝަރަފުވެރިކޮށްދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފްއެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން އަފްޝަން ވިދާޅުވީ ސަރުކާރުން ލާމަރުކަޒީ އުސޫލުން ބާރުތައް ކައުންސިލްތަކަށް ދޫކުރަމުންދާއިރު ރަށުގެ ތަރައްޤީގައި ކައުންސިލްތަކުން ކުރާ މަސައްކަތް ކާމިޔާބުކުރުމުގައި މަދަނީ ޖަމިއްޔާތަކުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ޝުޢޫރު ދެނަގަތުމަށް ކައުންސިލާއި ގުޅިގެން ވީހާވެސް ގިނަ ބައްދަލުވުންތައް ބާއްވާ މަޝްވަރާގެ އުސޫލުން ތަރައްޤީއަށް ވާޞިލުވުމަށް މަސައްކަތްކޮށްދެއްވުމަށް މަދަނީ ޖަމިއްޔާތަކުގެ ކިބައިން އަފްޝަންވަނީ އެދިވަޑައިގެންފައެވެ.

"މަދަނީ ޖަމްއިިއްޔާތަކުން ގެނެސްދޭ ކަންކަމަކީ ސީދާ ރައްޔިތުންގެ އަޑު. އެއީ ރައްޔިތުންނާ ވަރަށް ގާތުން ރަށު ފެންވަރުގައި ޙަރަކާތްތެރިވާ ބަޔަކަށްވާތީ. އަޅުގަނޑުގެ އިލްތިމާސަކީ ތަރައްޤީގެ ޕްލޭންތައް އެކުލަވާލާ ތަންފީޒުކުރުމުގައި މިހާރަށްވުރެވެސް ބޮޑަށް ޖަމްއިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމަށް. މިހާރުވެސް ބައެއް ކައުންސިލްތަކުން މިގޮތަށް ޢަމަލުކުރާކަން ފާހަގަކުރެވޭ." އަފްޝަން ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަދަނީ ޖަމްއިއްޔާތަކުގެ ރަޖިސްޓްރާ އަޙްމަދު އިރާޝް ވިދާޅުވީ މިމަހާސިންތާގެ އެންމެ ބޮޑު ބޭނުމަކީ އަތޮޅުތަކުގައި ހުރި ޖަމްއިއްޔާތަކުގެ ގުޅުންބަދަހިކޮށް ނެޓްވޯކިންގ ވަރުގަދަކުރުންކަމަށެވެ. އޭގެ ސަބަބުން ރަށުގައި ހިންގާ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި މިހާރަށްވުރެ ބޮޑަށް ފަސޭހަ އަދި ފުޅާދާއިރާއެއްގައި ކަންކަން ކުރެވޭނެކަން އިރާޝް ފާހަގަކުރެއްވިއެވެ.

"މިމަހާސިންތާގެ އެންމެ ބޮޑު ބޭނުމަކީ ޖަމްއިއްޔާތަކުގެ މެދުގައި ހަރުދަނާ ނެޓްވޯކެއް ޤާއިމުކުރުން. އޭގެސަބަބުން އަތޮޅުތެރޭގައި ހުރި ގިނަ ޖަމްއިއްޔާތަކަށް އެކުގައި މަސައްކަތްކުރެވޭނެ ގޮތްތައް ހަމަޖެހިގެންދާނެ." އިރާޝް ވިދާޅުވިއެވެ.

މިމަހުގެ 7 އިން 11 އަށް ކުރިއަށްގެންދާ މަދަނީ ޖަމްއިއްޔާތަކުގެ މަހާސިންތާގައި ނ.ރ.ބ.އަދި ޅ.އަތޮޅުން 33 ޖަމްއިއްޔާއަކުން 34 މީހަކުވަނީ ބައިވެރިވެފައެވެ. ޔޫތު މިނިސްޓްރީން ކުރިއަށްގެންދާ މި މަހާސިންތާގައި ކަރުދާސް ހުށައަޅައިގެން 8 ފަރާތަކުން ސެޝަންތައް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި ޔޫއެންޑީޕީއާއި އިސްލާމިކް ޔުނިވަރސީޓީއާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި ތަފާސްހިސާބާ ބެހޭ ޤައުމީ މަރުކަޒާއި އެލްޖީއޭ ހިމެނެއެވެ. މި މަހާސިންތާގެ ތެރެއިން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ބާރުއަޅާ ގިނަ ޙަރަކާތްތައް ހިންގުމަށްވަނީ ހަމަޖެހިފައެވެ.