ޚަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން ވޯލްޑް ބޭންކާއި އައިއެމްއެފްއިން ބަލައިގެންފި


  • މާލީ ވަޒީރު ވަނީ އައިއެމްއެފްގެ އެގްޒެކެޓިވް ޑިރެކްޓަރާ ބައްދަލުކުރައްވާފައި

  • ފިޗުން އަދި މޫޑީސްއިންވެސް ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފައި

މާލީ ހާލަތުން އަރައިގަތުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތް ބަލައިގަންނަ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފް އަދި ވޯލްޑް ބޭންކުން ހާމަކޮށްފިއެވެ.

ބައިނަލްއަޤްވާމީ މާލީ ދެ އިދާރާއިން މިކަން ހާމަކޮށްފައިވަނީ ދެއިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރުން މާލީ ވަޒީރު ހަސަން ޒަރީރާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރ މާލީ ވަޒީރު ހަސަން ޒަރީރުއާއި ބައްދަލުކުރައްވާފައިވަނީ މިހާރު ތައިލޭންޑްގެ ބެންގްކޮކްގައި ކުރިއަށްދާ އައިއެމްއެފް އަދި ވޯލްްޑް ބޭންކުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައެވެ. މާލީ ވަޒީރު ފުރަތަމަ ބައްދަލުކުރައްވާފައިވަނީ އައިއެމްއެފް އެގްޒެކެޓިވް ޑިރެކްޓަރ ޑރ. މުޙައްމަދު މާއިތުއާއެވެ. މާލީ ވަޒީރުން ދެން ބައްދަލުކުރައްވާފައިވަނީ ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރ އަބްދުލްޢަޒީޒް އަލް މުއްލާ އާއެވެ.

ވަކިވަކިން ބޭއްވެވި މި ބައްދަލުކުރެއްވުންތަކުގައި މާލީ ވަޒީރު އަދި މާލީ އިދާރާތަކުގެ އިސްވެރިން ވަނީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް، ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި، އައިއެމްއެފް އަދި ވޯލްޑް ބޭންކުން ވަނީ ރާއްޖެއިން ހޯދާފައިވާ ކުރިއެރުން ބަލައިގަންނަ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުން ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއެކު ބާއްވަމުންދާ ގުޅުން ފާހަގަކުރެއްވިއެވެ.



ރާއްޖޭގެ ރޭޓިން 2017 ވަނަ އަހަރުން ފެށިގެން މޫޑީސް އަދި ފިޗުން ދަނީ ހަދަމުންނެވެ. މިކަން ކުރަން ފެށިފައިވަނީ ބޮޑެތި ދަރަނިތައް ނަގައި ޢުމްރާނީ ތަރައްޤީގެ މަސައްކަތް ކުރަން ފެށުމާއެކު ރާއްޖޭގެ މާލީ ހާލަތު ވަޒަން ކުރުމަށާއި ބެރުގެ އިދާރާތަކަށް އެކަން ބަޔާން ކުރެވޭނެ ނިޒާމެއް ފަހި ކުރުމަށެވެ.

ކޯވިޑާއި ގުޅިގެން ރާއްޖޭގެ ރޭޓިންތައް ދަށްވުމަށް އާމްދަނީއާއި ނުބައްދަލު ޚަރަދުތައް ކުރުމާއި، ދަރަނިތައް އިތުރުވުމުގެ ސަބަބުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ފިޗު އަދި މޫޑީސްއިންވެސް ވަނީ ދަށްކޮށްފައެވެ. ދަރަނީގެ ހިރާސް އޮތް މިންވަރަށް ބަލައި ރޭޓިންތައް ދަށް ކުރިނަމަވެސް، ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު ދަރަނިތައް އަނބުރާ ދައްކަމުން ދިއުމާއެކު އެދެ އިދާރާއިންވެސް ވަނީ ރޭޓިންތައް ރަނގަޅު ކުރުމަށް ނިންމާފައެވެ.

މިގޮތުން ފިޗުން ވަނީ މިދިޔަ ޖޫން މަހު ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީސީ" އިން "ސީސީސީ" ނުވަތަ އެއް ދަރަޖަ މައްޗަށް ޖައްސާފައެވެ. އަދި މޫޑީސްއިން ވަނީ މިދިޔަ ހަފުތާގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށް ސީއޭއޭ 1 އަށް މަތިކޮށްފައެވެ.

ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިން ދެ އޭޖެންސީންވެސް ރޭޓިން މައްޗަށް ޖެއްސުމުގެ ސަބަބެއް ކަމަށް ފާހަގަކޮށްފައިވަނީ ރާއްޖެއިން އަދާކުރަން ޖެހޭ ދަރަނިތައް އަދާކުރުމުން ދިއުމެވެ. މިގޮތުން މިއަހަރުގެ އެޕްރީލް މަހު 500 މިލިޔަން ޑޮލަރުގެ ސުކޫކް އަނބުރާ ދެއްކުމާއި، އިންޑިއާއިން ނަގާފައިވާ ދަރަނިތައް އަނބުރާ ދެއްކުން ފާހަގަކޮށްލެވެއެވެ.