ކުޅިވަރު

އައްސަދު 6 މެޗަށް ސަސްޕެންޑްކޮށް 12،000 ރުރިޔާއިން ޖޫރިމަނާކޮށްފި


ބޯޅަ ނެތީސް ކުޅުންތެރިޔަކަށް ހަމަލާ ދިން މައްސަލައިގައި އައްސަދު ޢަލީ 6 މެޗަށް ސަސްޕެންޑްކޮށް ބާރަ ހާސް ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. ރާއްޖޭގެ މިޑްފީލްޑަރު އަދި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު ޢަލީ (އަޑުބަރޭ) ޖޫރިމަނާކޮށް ސަސްޕެންޑުކުރީ މިދިޔަ މަހުގައި ސްރީ ލަންކާގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި ސީޝެލްސްއާ ރާއްޖެ އެއްވަރުވި މެޗުގައި ސީޝެލްސްގެ ކުޅުންތެރިޔަކަށް ބޯޅަ ނެތީސް ހަމަލާ ދިން މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ބެލުމަށްފަހުއެވެ.

އައްސަދު ސީޝެލްސް ކުޅުންތެރިއަކަށް ހަމަލާދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއަރައި، މެޗްގެ މެޗްގެ ފުރިހަމަ ވަގުތުހަމަވެ، ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. އައްސަދު ކުޅެންއަރައި، އިރުކޮޅެއްގެ ތެރޭގައި އޭނާވަނީ ސީޝެލްސްގެ ކެޕްޓަން ބެނޮއިޓް މޭރީ މޫނުމަތީގައި އުޅަބޮށިން ޖަހާފައެވެ. މިއާއެކު ރެފްރީވަނީ އައްސަދަށް ވަގުތުން ރަތް ކާޑް ދައްކާ، ދަނޑުން ފޮނުވާލާފައެވެ.
އައްސަދުވަނީ އެންމެ ފަހުން މާލޭގައި ކުޅުނު ސާފް ޗެންޕިއަންޝިޕްގެ ސްކޮޑްގައިވެސް ހިމެނިގެން ކުޅެފައެވެ.

އައްސަދު އަލުން ޤައުމީ ޓީމްގައި ނާގަފައިވަނީ 2018ވަނަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް ފަހުއެވެ. އައްސަދުވަނީ ރާއްޖޭގެ ގިނަ ކުލަބްތަކަށް ކުޅެފައެވެ. ވިކްޓްރީ، ވީބީ، ބީޖީ، މާޒިޔާ އަދި ނިއު ރޭޑިއަންޓަށް ކުޅެފައިވާ އައްސަދަކީ މަސައްކަތުގެ ރޭޓު ވަރަށް މަތީ ކުޅުންތެރިއެކެވެ.