ތަރައްްޤީ

ޚަރަދުތައް ކުޑަކުރަން އަސާސީ ޚިދުމަތްތަކެއް ޤުރުބާނެއް ނުކުރާނެ: ޝާޙު


ރަށްރަށުގައި ސަރުކާރުން ކުރިއަށްގެންދާ ތަފާތު މަޝްރޫޢުތަކާއެކު މި ސަރުކާރުން ކޯވިޑާއެކު ޚަރަދުތައް ކުޑަކުރަން އަސާސީ ޚިދުމަތްތައް ޤުރުބާން ނުކުރާނެކަން ސާބިތުވާކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާޙު ވިދާޅުވެއްޖެއެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ މިފަދައިން ވިދާޅުވީ، ހދ. ހިރިމަރަދޫގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ހިރިމަރަދޫގައި ސަރުކާރުން ކުރިއަށްގެންދާ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއާއި، އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާޙުއާއި، ހދ. އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ސިރާޖް އަދި ހިރިމަރަދޫ ކައުންސިލުގެ ރައީސް މުޙައްމަދު ވަޙީދެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާޙް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މިސަރުކާރުގެ ވަރަށް މުހިންމު ވަޢުދެއްކަމަށެވެ. މިގޮތުން ހިރިމަރަދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ސަރުކާރުން އެމް.ޑަބްލިޔު.އެސް.ސީއާއި ހަވާލުކުރައްވާފައިވާއިރު، މަޝްރޫޢުގައި ބޭނުންކުރާ ތަކެއްޗާއި މަސައްކަތުގެވެސް ކޮލިޓީ ދެމެހެއްޓުމަކީ އެކުންފުނިން ވަރަށް އިސްކަންދޭނެ ކަމެއްކަމަށް ޝާޙު ވިދާޅުވިއެވެ.

ޝާޙު ވިދާޅުވީ، ކޯވިޑާއެކު ކުރިމަތިވި އިޤްތިޞާދީ ދަތިކަމުގެ ތެރެއިންވެސް، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީ ގެނެސްދިނުމަށް މި ސަރުކާރުން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ކޯވިޑާއެކު ޚަރަދުތައް ކުޑަކުރުމަށް މި ސަރުކާރުން އަސާސީ ހައްޤުތައް ޤުރުބާން ނުކުރާނެކަން މިކަންކަމުން ހާމަވާކަމަށް ޝާޙު ވިދާޅުވިއެވެ.

"ކޯވިޑް-19އާއި ގުޅިގެން މުޅި ދުނިޔެއަށް ދިމާވި އިޤްތިޞާދީ ދަތިކަމުގެ ތެރޭގައިވެސް އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށްޓަކާ ސަރުކާރުން ދެއްވި އެއްބާރުލުން އަޅުގަނޑު ފާހަގަކުރަން. ޚަރަދު ކުޑަކުރުމަށްޓަކާ މި އަސާސީ ހައްޤު ޤުރުބާން ކުރިތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. އެހެންވީމަ އެކަމަށްޓަކާ ރައީސަށާއި ސަރުކާރަށް ފަށްފަށުން ޝުކުރު ދަންނަވަން" ޝާޙު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވީ، މި މަޝްރޫޢަކީ ހިރިމަރަދޫގެ ރައްޔިތުންގެ އުއްމީދުތަކާއި ރަށުގެ ތަރައްޤީއާއި ގުޅިފައިވާ ވަރަށް މުހިއްމު މަޝްރޫޢެއްކަމަށެވެ. އަދި އެމް.ޑަބްލިޔު.އެސް.ސީގެ މަސައްކަތްތަކާމެދު ފުރިހަމަ އިތުބާރާއި ޔަޤީންކަން އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.

"އެމް.ޑަބްލިޔު.އެސް.ސީއަކީ ރާއްޖޭގައި އޮތް އެންމެ ރަނގަޅު އެންމެ އިތުބާރާއެއްކޮށް މަސައްކަތް ކުރާ އެއް ކުންފުނި. މިއަދު ހިރިމަރަދޫ ތަމްސީލުކުރަން ހުރި މެންބަރެއްގެ ހައިސިއްޔަތުން އަޅުގަނޑު މިއަދު ވަރަށް އުއްމީދާއެކީ މި މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީން ގެންދާނެކަމާމެދު އެއްވެސް ޝައްކެއްނުކުރަން. އިރާދަކުރެއްވިއްޔާ ކައިރި މުސްތަޤުބަލެއްގެ ތެރޭގައި މި ރަށުގެ ނަރުދަމާގެ މަސައްކަތް ނިމި މިރަށުގެ ލޮބުވެތި ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތް ލިބިގެންދާނެ" ޢަބްދުލްޣަފޫރު ވިދާޅުވިއެވެ.

ހދ. ހިރިމަރަދޫގެ ފެނާއި ނަރުދަމާ ނިޒާމްގެ މަޝްރޫޢު އެމް.ޑަބްލިޔު.އެސް.ސީއާއި ޙަވާލުކޮށްފައިވަނީ 15 ނޮވެމްބަރު 2020ގައެވެ. މި މަޝްރޫޢުގެ އަގަކީ 69.14 މިލިއަން ރުފިޔާއެވެ.

މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން ހިރިމަރަދޫގައި 8.07 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ޤާއިމުކުރުމާއި، އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމާއި، 2 އާރް.އޯ ޕްލާންޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ހިރިމަރަދޫގައި 5.02 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ޤާއިމުކުރުމާއި، 1.12 ކިލޯ މީޓަރުގެ ޕަންޕިންގ ލައިން އެޅުމާއި 3 ޕަންޕިންގ ސްޓޭޝަނަކާއި، 1 ސީ އައުޓް ފޯލް ޤާއިމުކުރުމަށްވެސް ހަމަޖެހިފައިވެއެވެ.