ރިޕޯޓް

އިހަވަންދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިއްޖެ


ހއ.އިހަވަންދުއަކީ މަސްވެރިކަމުގައި ފާހަގަ ކޮށްލެވޭ ރަށެކެވެ. އެރަށުގެ ބަނދަރަށް ނަޒަރު ހިންގާލުމުންވެސް އެކަން ވަރަށް ރަނގަޅަށް ފާހަގަ ވެގެންދެއެވެ. މަސްވެރިކަމާއި، މާލެދަތުރުކުރާ ބޮޑެތި ބޯޓުފަހަރާއެކު އިހަވަންދޫގެ ބަނދަރު ފެންނަނީ ބާރުބޮޑު ތޮއްޖެހިފައިވާ ބަނދަރެއްގެ ގޮތުގައެވެ.

3500އަށްވުރެ ބޮޑު އާބާދީއެއް އޮތް އިހަވަންދުއަކީ ރަށުގެ ރައްޔިތުންގެ އިތުރަށް އެކި ޚިދުމަތްތަކުގައި ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ދަތުރުކުރަމުންދާ ރަށެކެވެ. އިހަވަންދުއަކީ މަސްވެރި ރަށަކަށްވެފައި އުތުރުގެ މަސްވެރިން އައިސް އެޅުމަށްޓަކައިވެސް އެރަށުގެ ބަނދަރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ބޭނުން ކުރަމުންދެއެވެ.

އިހަވަންދޫ ރައްޔިތުން ހާމަކުރިގޮތުގައި އެރަށަށް ކުރިމަތިވެފައި އޮތް އެންމެބޮޑު ދައްޗަކީ ބަނދަރުގެ މައްސަލައެވެ. އިހަވަންދޫގައި މިވަގުތު ބޭނުންކުރަމުންދާ ބަނދަރަކީ ނިސްބަތުން ބޮޑު ބަނދަރެއް ނަމަވެސް، އެރަށުގައި ދުއްވާ ކަނޑު އުޅަނދުފަހަރު ގިނަކަމުން ބަނދަރު އޮންނަނީ ތޮއްޖެހި ފުރި ބާރުވެފައެވެ. ގިނަފަހަރަށް ތޮށި މައްޗަށް ފައިބަން ޖެހެނީ އެއްދޯނިން އަނެއް ދޯންޏަށް އަރައިގެންނެވެ. މިކަމުގެ ސަބަބުން މަސްވެރިންނާއި އޮޑިވެރިންނަށްވެސް ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވާކަމަށް އެރަށުގެ މަސްވެރިން ބުނެއެވެ.

އިހަވަންދޫގެ ބަނދަރުގެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރަށު ކައުންސިލްގެ ރައީސް މުޙައްމަދު ޞަބާހު ވިދާޅުވީީ އިހަވަންދޫގައި މިހާރު ކުރިޔަށްދާ ބަނދަރުގެ މަޝްރޫޢު ނިމޭއިރު އެ ބަނދަރަކީ ފުރިހަމަ ބަނދަރަކަށް ވެގެން ދާނެކަމަށެވެ. އަދި ބަނދަރު ވަރަށް ބޮޑަށް ފުޅާވެ ދަތުރުފަތުރުކުރާ ފަރާތްތަކަށާއި އަދި މަސްވެރިންނަށްވެސް ބަނދަރުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިގެން ދާނެކަމަށް ޞަބާހު ވިދާޅުވިއެވެ. އަދި ބަނދަރު ނިމިގެންދާއިރު ކައުންސިލްގެ ވިސްނުމަކީ ބަނދަރުން ލިބިގެންދާ އެހެން ޚިދުމަތްތައްވެސް އިތުރުކުރުންކަމަށް ޞަބާހު ވަނީ ވިދާޅުވެފައެވެ.

އިހަވަންދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބަނދަރުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް އެރަށު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ޙަވާލުކޮށްގެން މަސައްކަތް ފަށާފައިވަނީ 2020ވަނަ އަހަރުގެ ޖޫންމަހުއެވެ. މިމަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށާއި މިހާރު ކުރިޔަށް ދަނީ ބޭރު ތޮށީގެ މަސައްކަތާއި ކީވޯލް ޖެހުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.

އިހަވަންދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން 30,509 އަކަމީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމުގެ އިތުރުން 4،582 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމަށްވަނީ ހަމަޖެހިފައެވެ.

މިމަޝްރޫއަކީ 48.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.