ޚަބަރު

ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި


ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި ޤާއިމުކޮށްފައިވާ ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އަނެއްކާވެސް އިތުރު އެއްމަހަށް ދަމަހައްޓައިފިއެވެ.

ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ސޮއިކުރައްވައި ނެރެފައިވާ ޤަރާރުގައި ވަނީ ކޯވިޑާ ގުޅިގެން ރާއްޖޭގައި އޮތް ޙާލަތު ރަނގަޅުކުރުމަށް އަޅަންޖެހ ފިޔަވަޅުތައް އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގާކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ މާޗް މަހުގެ 12ވަނަ ދުވަހު ޢިއުލާންކޮށްފައިވާ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު މިމަހުގެ 30ވަނަ ދުވަހާއި ހަމައަށް ވަނީ ދަމަހައްޓާފައެވެ.

ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޢާއްމު ސިއްޙާތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާންކުރެވޭނީ އެންމެ ދިގުވެގެން މަހެއްގެ މުއްދަތަކަށެވެ. މިގޮތުން މިއީ މިޙާލަތުގައި މި މުއްދަތު އިތުރުކުރި 21ވަނަ ފަހަރެވެ.

މިޙާލަތުގައި ޚާއްސަ ފިޔަވަޅުތައް އެޅުމުގެ ބާރު ޤާނޫނުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދެއެވެ. އެގޮތުން ކޯވިޑްއިން ރައްކާތެރިވުމަށް ރަށްރަށުގައި އާއި މާލޭގައި އުސޫލުތައް ކަނޑައަޅާ ތަންފީޒީ އިދާރާތަކަށް އެނގުމަށް ޑީޖީގެ މައްޗަށް ލާޒިމުކުރެއެވެ.

ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އަނެއްކާވެސް އިތުރު މަހަކަށް ދަމަހައްޓާފައިވާއިރު މިހާރު ފެތުރެމުންދާ ކޯވިޑްގެ އައު ވޭރިއަންޓް "އޮމިކްރޯން" އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެފްރިކާ ސަރަހައްދުގެ 7 ޤައުމަކުން ރާއްޖެއަށް މީހުން އެތެރެވުން ވަނީ މަނާކޮށްފައެވެ. އަދި ރާއްޖޭގައިވެސް ރައްކާތެރިވުމުގެ ގޮތުން ކުރިންވެސް ދީފައިވާ އިރުޝާދުތަކައި އެއްގޮތަށް އަމަލު ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.