ޚަބަރު

ތ.އަތޮޅުގެ ހުރިހާ ރަށެއްގައި ސޯލަރ ހަރުކުރަނީ


ތ.އަތޮޅުގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި ސޯލަރ ހަރުކުރުމަށް ޗައިނާގެ ސައިނޯސޯރ ހައިބްރިޑް ޓެކްނޮލޮޖީއާ ހަވާލުކޮށްފައެވެ.

ސޯލާޕީވީ- ބެޓެރީ - ޑީސަލް ހައިބްރިޑް ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށް އެކުންފުންޏާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖަރ ސާއީ ޒިއޮމިންގް އެވެ. އަދި ރާއްޖެއިން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔރަމަންޓް އައިމިނަތު ޝައުނާއެވެ.

މި މަސައްކަތް ކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މަސައްކަތްތައް ކޮންޓްރެކްޓް އިފެކްޓިވްވާ ތާރީޚުން ފެށިގެން 360 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށެވެ.

މި އެއްބަސްވުމުގެ ދަށުން ތ.އަތޮޅުގެ މީހުން ދިރިއުޅޭ 12 ރަށުގައި ޖުމްލަ 2.5 މެގަވޮޓްގެ އިރުގެ އަލި ބޭނުންކޮށްގެން ހަކަތަ އުފެއްދޭނެގޮތް ޤާއިމުކުރާނެއެވެ. މީގެއިތުރުން 975 ކިލޯވޮޓުގެ ބެޓެރީ ސިސްޓަމް ޤާއިމުކުރުމާއި 3،180 މީޓަރުގެ ކޭބަލް އެޅުމާއި ޒަމާނީ ފެންވަރުގެ ޖަނެރޭޓަރ ކޮންޓްރޯލް ޕެނަލް ބަހައްޓާނެއެވެ. މީގެ ސަބަބުން، އަހަރަކު 1.2 މިލިއަން ލިޓަރުގެ ޑީސަލް، ނުވަތަ 12 މިލިއަން ރުފިޔާ ސަލާމަތްކުރެވި ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 2،900 ޓަނުގެ ސީއޯ ޓޫ މަދުކުރެވޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ޝައުނާ ވިދާޅުވީ ސޯލަރ ހަރުކުރުމުގެ މައިގަނޑު ބޭނުމަކީ ތެލަށްބަރޯސާވާ މިންވަރު ކުޑަކޮށް، ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ގުދުރަތީ ވަސީލަތްތައް ހޯދައި، އެވަސީލަތްތައް ބޭނުންކުރުން އިތުރުކުރުންކަމަށެވެ. އަދި އެކަމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުން އަންނަކަމަށާއި ސަރުކާރުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭނުގައި މުހިއްމު ސިޔާސަތުތަކެއް ހިމަނާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެސިޔާސަތުތައް ޙާޞިލުކުރުމަށްޓަކައި ލަނޑުދަނޑިތައް ކަނޑައަޅާފައިވާއިރު 2023 ވަނަ އަހަރު ނިމޭއިރު، 2018 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތަ ރާއްޖޭގައި ޤާއިމުކޮށްފައިވާ އިންސައްތައަށްވުރެ 20 އިންސައްތަ އިތުރަށް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ވަނީ ނިންމާފައެވެ. މިނިސްޓަރ ވިދާޅުވީ މިއަމާޒާއެކު، އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ ދިވެހިރާއްޖެ އަކީ 2030 ގެ ނިޔަލަށް ނެޓް ޒީރޯ ޤައުމަކަށް ހެދުންކަމަށެވެ.

2018 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި ޤާއިމުކޮށްފައި ހުރީ 16.5 މެގަވޮޓުގެ ސޯލާ ޕީވީއެވެ. ނަމަވެސް އެ ޢަދަދު ވަނީ 36.5 މެގަވޮޓަށް އިތުރުކޮށްފައެވެ. އެއީ 45 އިންސައްތަ ކުރިއެރުމެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދިވެހިރާއްޖެ ހަލުވި ކުރިއެރުންތަކެއް ހޯދަމުން އަންނަކަމަށާއި ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި މަދުވެގެން 50 މެގަވޮޓުގެ އިތުރު ހައިބްރިޑް ސިސްޓަމްތައް ޤާއިމުކުރެވޭނެކަމަށެވެ.