ތަރައްްޤީ

ހޯރަފުށީ އެއަރޕޯޓަށް ކުރާ ދަތުރުތައް އިތުރުކުރުމާމެދު ދަނީ މަޝްވަރާކުރަމުން: ނަހުލާ


ހޯރަފުށީ އެއަރޕޯޓަށް ކުރާ ދަތުރުތައް އިތުރުކުރުމާމެދު ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުންދާކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަހުލާ މިހެން ވިދާޅުވީ، ހޯރަފުށީ އެއަރޕޯޓާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވިދާޅުވީ، ހޯރަފުށީ އެއަރޕޯޓަށް ކުރާ ދަތުރުތައް މަދުވުމާއި، ޖާގަ ހޯދުމުގައި ހުރި ކަންބޮޑުވުންތައް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އާއްމުކޮށް އެއަރޕޯޓްތަކަށް ދަތުރުތައް ޝެޑިއުލްކުރަނީ އެތަނަކަށް އޮންނަ ޑިމާންޑަކަށް ބެލުމަށްފަހުކަން ފާހަގަކުރައްވާ މިނިސްޓަރ ނަހުލާ ވިދާޅުވީ، ހޯރަފުށީ އެއަރޕޯޓަށް އޮތް ޑިމާންޑަށް ބަލާ ދަތުރުތައް ކުރަމުންދާކަމަށް މޯލްޑިވިއަނުން ބުނެފައިވާކަމަށެވެ. ނަމަވެސް އަދިވެސް ޖާގަ ހޯދުމުގައި ދަތިތައް ހުރުމާއެކު، އެއަރޕޯޓަށް ކުރާ ދަތުރުތައް އިތުރުކުރުމާމެދު މަޝްވަރާކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ފްލައިޓްތައް އަޅަން ޝެޑިއުލް ހަމަޖައްސަނީ ނޫނީ އެއަރޕޯޓަކަށް އަޅާނީ ކިތަށް ފްލައިޓްކަން އަޅުގަނޑުމެން މި ބަލަނީ އެތަނުގައި އޮންނަ ޑިމާންޑަކާ އެއްވަރަށް. އެހެންވީމަ އެ ޑިމާންޑަށް ބަލާފައި އެކަން ކުރިއަށްގެންދާކަމުގައި މޯލްޑިވިއަނުން ވަނީ ބުނެފައި. އެހެންނަމަވެސް އިއްޒަތްތެރި މެންބަރު ފާހަގަކުރެއްވި ފަދައިން ޖާގަލިބުމުގައި ދަތިކަން މިހާރުވެސް ޑިމާންޑް އެތަނުގައި އޮތްކަމަށް ބައެއް ފަރާތްތަކުން އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބި އަދި ޝަކުވާވެސް ހުށަހެޅިފައިވަނީ. އެހެންވީމަ އެކަމަށް ގެނެވޭނެ ހައްލަކީ ކޮބާތޯ ބެލުމަށްޓަކާ ވާހަކަދެކެވިފައިވަނީ" މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ހޯރަފުށީ އެއަރޕޯޓުގެ ޖެޓީ މަސައްކަތް ލަސްވާތީ އެކަމާގުޅޭގޮތުން އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ، ހޯރަފުށީ އެއަރޕޯޓުގެ ޖެޓީ ހެދުމުގެ އެގްރީމެންޓުގައި އެމް.ޓީ.ސީ.ސީއާއެކު 5 އޯގަސްޓް 2021 ގައި ސޮއިކޮށްފައިވާކަމަށެވެ. އެކުންފުންޏާ މި މަސައްކަތް ޙަވާލުކޮށްފައިވަނީ 150 ދުވަހުގެ ތެރޭގައި ނިންމާގޮތަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޖެޓީ ހެދުމަށް ހަމަޖެހިފައިވާ ސަރަހައްދަކީ ހޯރަފުށީ ކައުންސިލުން ޗެނަލެއް ކެނޑުމަށް މިހާރުވެސް އީ.އައި.އޭ ހަދާފައިވާ ސަރަޙައްދެއްކަމަށާއި، އެމް.ޓީ.ސީ.ސީން މީގެކުރިން މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ނިންމާފައިއޮތީ ކައުންސިލުން ހެދި އީ.އައި.އޭއަށް ބަލައިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް ޖެޓީ ޕްރޮޖެކްޓަށް އަލުން އީ.އައި.އޭ ހެދުމަށް އީ.ޕީ.އޭ އޮކްޓޯބަރުމަހުގެ ތެރޭގައި އެންގުމާއި ގުޅިގެން މިހާރު އީ.އައި.އޭ ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެމް.ޓީ.ސީ.ސީން އަންގާފައިވާކަމަށްވެސް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.