ޚަބަރު

މާޅޮހު ނަރުދަމާގެ ޢަމަލީ މަސައްކަތާއެކު ރައްޔިތުންނަށް އުންމީދު


ބ.މާޅޮހުގެ ފެނާއި ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތުގެ ތެރެއިން ނަރުދަމާގެ މައިހޮޅި ވަޅުލުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފަށްޓަވައި ދެއްވީ އެރަށު ކައުންސިލްގެ ރައީސް އަދި ބ.އަތޮޅު ކައުންސިލްގެ ނާއިބުރައީސް ޢަބްދުﷲ ޝުޖާއެވެ.

މިމަސައްކަތް ފެށުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްވަމުން ޢަބްދުﷲ ޝުޖާއު ވިދާޅުވީ މިކަމަކީ މާޅޮހު ރައްޔިތުން ދެކެމުންއައި ވަރަށްބޮޑު ހުވަފެނެއްކަމަށާ، އެކަން ހަޤީގަތަކަށް ވެގެން ދިއުމަކީ ރައްޔިތުން ތަރައްޤީގެ ރޮނގުގައި ދެކެން ބޭނުންވާ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ.

ނަރުދަމާ ނިޒާމުގެ ޚިދުމަތް ރައްޔިތުންނަށް ލިބެން ފެށުމުން ރަށުގެ އިޤްތިސާދު މިހާރަށްވުރެ ރަގަޅުވެގެން ދާނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މިމަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ އެމްޑަބްލިއު އެސްސީއާއެވެ. އެކުންފުނިން ވިދާޅުވީ މިމަސައްކަތުގެ ދަށުން އެރަށުގައި ހަދާ އާރުއޯ ބިލްޑިންގްގެ ކޮންކްރީޓް މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށެވެ.

ނަރުދަމާ ނިޒާމުގެ މަސައްކަތާއެކު އެރަށަށް ރައްކާތެރި ސާފު ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރިއަށް ދާނެއެވެ. ފެނުގެ މައިހޮޅި ވަޅުލުމުގެ މަސައްކަތް ފަށާނީ ރަށުގެ ބައެއް ސަރަހައްދުތަކުގައި ނަރުދަމާ ހޮޅިވަޅުލުމަށް ފަހުއެވެ.

ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން މާޅޮހުގެ 230 ގެއަކަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދީ 4500 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައަކާއި 4943 މީޓަރު ނުވަތަ 4 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކެއް ޤާއިމްކުރާނެއެވެ.

އަދި ފެން ރައްކާކުރުމަށް 310 އަކަމީޓަރުގެ ދެ ތާނގީއާއި ވާރޭފެން ރައްކާކުރުމަށް 740 އަކަމީޓަރުގެ ތާންގީއެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕަންޕް ސްޓޭޝަނަކާއި 144 ސްވަރޭޖް މެއިން ހޯލް ހެދުމަށް ފެނުގެ މަސްރޫއުގެ ތެރެއިން ވަނީ ހަމަޖެހިފައެވެ.

540 ދުވަހުގެތެރޭގައި މަސައްކަތް ނިންމާގޮތަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޑަބްލިއުއެސްސީއާ މިމަސައްކަތް ހަވާލުކޮށްފައިވަނީ 60.4 މިލިއަން ރުފިޔާއަށެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 14ވަނަ ދުވަހު ހަވާލުކުރި މަސައްކަތެކެވެ. މިމަސައްކަތްތައް ނިންމަން ކަނޑައަޅާފައި ވަނީ 2022ވަނަ އަހަރުގެ ޖޫންމަހުގެ 7ވަނަ ދުވަހަށެވެ.