ދުނިޔޭގެ ވިޔަފާރި

"އޮމިކްރޯން" ވޭރިއަންޓާއެކު ޤައުމުތަކުން ދަތުރުކުރުމުގެ ފިޔަވަޅުތައް ހަރުކަށިކުރަނީ


ކޯވިޑުގެ އައު ވޭރިއަންޓް 'އޮމިކްރޯން'އާއެކު ޤައުމުތަކުގެ ބޯޑަރުތަކުގައި ފިޔަވަޅުތައް ވަރުގަދަކޮށް، ދެކުނު އެފްރިކާއަށް ދަތުރުކުރާ ފްލައިޓުތައް ހުއްޓުވަން ފަށައިއެވެ.

ކޯވިޑު އައު ވޭރިއަންޓު ފެނުނުކަން ދުނިޔޭގެ ސިއްޙަތު ޖަމީއްޔާއަށް އަންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ވޭރިއަންޓަކީ ކަންބޮޑުވާންޖެހޭ އެއްޗެއް ގޮތުގައި ބަލައި، މި ވޭރިއަންޓަށް އޮމިކްރޯންގެ ނަމުން އެ ޖަމީއްޔާއިން ވަނީ ނަންދީފައެވެ.

ދެކުނު އެފްރިކާއިން މި ވޭރިއަންޓް ފެނުނުކަން އިއުލާން ކުރުމާއެކު ބުރާސްފަތިދުވަހު އިނގިރޭސި ވިލާތުން ވަނީ 6 ޤައުމަކުން ފްލައިޓުތައް އައުން ހުއްޓުވާފައެވެ. އަދި ޔޫރަޕިއަން ޔޫނިއަންއިން ވަނީ ޔޫރަޕްގެ ޤައުމުތަކަށްވެސް ދެކުނު އެފްރިކާއިން އަންނަ ފްލައިޓުތައް ވަގުތީ ގޮތުން އައުން ހުއްޓާލުމަށް އެއްބަސްވެފައެވެ. ޔޫރަޕުގެ އިތުރުން އެމެރިކާގެ ރައީސް ޖޯ ބައިޑެންވެސް ވަނީ އެމެރިކާއަށް ދެކުނު އެފްރިކާގެ އިތުރުން އެފްރިކާގެ އިތުރު 7 ޤައުމަކުން ދަތުރުކުރުން މަނާ ކުރައްވާފައިވާކަން ހާމަކޮށްފައެވެ.

ދެކުނުގެ އެފްރިކާއިން އޮމަކްރޯން ވެރިއަންޓު ފެނުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ގިނަ ޤައުމަތަކުން ވަރަގަދަ ކުރަމުންދާއިރު އޭޝިއާ ސަރަހައްދުގެ ޤައުމުތަކުންވެސް ދަނީ ހުޅަނގުގެ ޤައުމުތަކާއި އެއްގޮތަށް ފިޔަވަޅު އަޅަމުންނެވެ. އެގޮތުން އެފްރިކާގެ ދެކުނު ހިސާބުތަކުން އަންނަ މީހުން ސިންގަޕޫރަށް އެތެރެވުން މަނާކޮށްފައިވާއިރު، ޖަޕާނުން ވަނީ ބޯޑަރު ކޮންޓްރޯލް ވަރުގަދަ ކޮށްފައެވެ. މީގެއިތުރުން އިންޑިއާއަށް އަންނަ ބޭރު މީޙުންވެސް ޓެސްޓް ހެދުން އިތުރުކޮށްފައިވާކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

ދުނިޔޭގެ ޤައުމުތަކުން މިފަދަ ފިޔަވަޅުތައް އަޅަން ފެށުމާއިއެކު ދެކުނު އެފްރިކާގެ ހެލްތު މިނިސްޓަރު ވަނީ މިއީ ފިޔަވަޅުތައް އަޅައި، ވަކިވެގަންނަންވީ ވަގުތު ނޫން ކަމަށާއި އެހީތެރިވެ އެކުގައި މަސައްކަތް ކުރަންވީ ވަގުތުކަމަށް ވިދާޅުވެފައެވެ.

ކޯވިޑް ފެތުރެން ފެށުމާއިއެކު ދުނިޔޭގެ ޤައުމުތަކުން ދަތުރުފަތުރު މަޑުޖެހި އެއާލައިންތައް ބަނގުރޫޓުވެގެން ދިޔައިރު، ގިނަ އެއާލައިންތަކުން ވަނީ މުވައްޒަފުންވެސް މަދުކޮށްފައެވެ. ނަމަވެސް ދުނިޔެ އާންމު ހާލަތާއި ދިމާލަށް މިއަހަރު ދަތުރު ކުރަން ފެށުމާއިއެކު އެވިއޭޝަން ދާއިރާ ފާގަތިވާނެކަމަށް ގިނަ ތަޖުރިބާކާރުން ޤަބޫލުކުރެއެވެ. ނަމަވެސް ކޮވިޑުގެ އައު ވޭރިއަންޓު އިއުލާން ކުރުމާއިއެކު އެމެރިކާގެ ހިއްސާގެ ބާޒާރުގައި އެއާލައިންތަކުގެ ހިއްސާ އަގު ވަނީ ވެއްޓެން ފަށާފައެވެ.