ތަރައްްޤީ

"މޫސުމީ ބަދަލުތަކަކީ ރާއްޖޭގައި އިންވެސްޓްކުރަން ޖެހިލުންވާންޖެހޭ ސަބަބެއް ނޫން"


މޫސުމީ ބަދަލުތަކަކީ ރާއްޖޭގައި އިންވެސްޓްކުރަން ޖެހިލުންވާންޖެހޭ ސަބަބެއް ނޫންކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޕްލޭނިންގ މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ، ސެންޓާރާގެ އައު ރިސޯޓުގައި ހިމެނޭ 3 ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ނިންމާ، ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސްގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ، އެމަނިކުފާނުގެ މަސައްކަތު ޙަޔާތުގައި ބިން ހިއްކުމާއި ގޮނޑުދޮށްތައް ޙިމާޔަތްކުރުމުގެ ގިނަ މަސައްކަތްތަކެއްގައި ބައިވެރިވެވިފައިވާކަމަށާއި، ނަމަވެސް މިއީ މި ފެންވަރުގައި ކުރިއަށްގެންދިޔަ އެންމެ ކާމިޔާބު އަދި އެންމެ ފުރިހަމަ އެއް މަޝްރޫޢުކަމަށެވެ. އަދި މި މަސައްކަތް %100 ދިވެހި ކުންފުންޏަކުން ކުރީތީ އެކަމާ ފަޚުރުވެރިވާކަމަށެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ، ސެންޓާރާ ފަދަ މަޝްހޫރު ކުންފުންޏަކުން ރާއްޖޭގައި އިންވެސްޓްކުރުން ކުރިއަށް ގެންދާތީ އެކަމާ އުފާކުރާކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ވިލުންވެރި ޤައުމެއްކަން އެކިފަހަރު މަތިން ދައްކުވައިދީފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއިން ލިބުނު ގެއްލުންތަކުން ރާއްޖެ ވަރަށް އަވަހަށް އަރައިގަތްކަމަށާއި، 2008 އަދި 2009 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި މާލީގޮންޖެހުންތަކުގެ ތެރެއިންވެސް ރާއްޖެ އަރައިގަތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކޯވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލްކޮށް މެނޭޖްކުރުމުގައިވެސް ރާއްޖެއިން ކުރިއެރުންތަކެއް ހޯދާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކަކީ ރާއްޖެފަދަ ޖަޒީރާ ޤައުމުތަކަށް އޮތް ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވާ މިނިސްޓަރ އަސްލަމް ވިދާޅުވީ، އެއީ ރާއްޖޭގައި އިންވެސްޓްކުރުމަށް ޖެހިލުންވާންވީ ސަބަބެއް ނޫންކަމަށެވެ. އަދި ރާއްޖެއަކީ އިންވެސްޓަރުންނަށް ފަހި ފުރުޞަތުތަކެއް އޮތް ޤައުމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ތިބޭފުޅުން ރާއްޖެ އައިސް އިންވެސްޓް ކުރަން ފަސްނުޖެހޭ. އަޅުގަނޑުމެންނަކީ ރެސިލިއަންޓް ޤައުމެއް. އަޅުގަނޑުމެންނަށް އެނގޭ އަޅުގަނޑުމެންގެ މައްސަލަތައް ޙައްލުކުރާނެގޮތް. އަޅުގަނޑުމެންގެ މައްސަލަތަކަށް ޙައްލުތަކެއް އެބަހުރި. އަޅުގަނޑުމެން މިތަނުގައި ތިބޭނީ ޤައުމެއްގެ ގޮތުގައި. އަދި ތިޔަބޭފުޅުން ރާއްޖެވަޑައިގަތުމުން، އަޅުގަނޑުމެން ތިޔަ ބޭފުޅުންނަށް ލޯތްބާއެކު އިޙްތިރާމް ކުރާނަން" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ސެންޓާރާގެ އައު ރިސޯޓުގައި ހިމެނޭ 3 ރަށުގެ ބިން ހިއްކުމުގެ މަސައްކަތްތައް އެމް.ޓީ.ސީ.ސީން ނިންމާލާފައިވާއިރު، މި ރަށްތައް ހިއްކާފައިވަނީ ވައްޓަރުފަޅުގައެވެ. މިއިން ކޮންމެ ރަށެއްގައި 7 ހެކްޓަރުގެ ސަރަހައްދެއް އޮވެއެވެ. ލެގޫން އެސެޓްސް ޕްރައިވެޓް ލިމިޓެޑުން، އެމް.ޓީ.ސީ.ސީއާއި ހާވަކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ 29.26 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ. މި މަޝްރޫޢަކީ އެމް.ޓީ.ސީ.ސީގެ 40 އަހަރުގެ ދިގު ތާރީޚުގައި ބައިނަލްއަޤްވާމީ ކްލައިންޓަކަށް ފުރިހަމަކޮށްދިން އަގުގެގޮތުން އެންމެ ބޮޑު މަޝްރޫޢުކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 21 ހެކްޓަރުގެ ބިން އެމް.ޓީ.ސީ.ސީން ވަނީ ހިއްކާފައެވެ. އަދި 922 މީޓަރުގެ ބޭރު ތޮއްޓެއްލުމާއި، 19،000 ކިއުބިކް މީޓަރުގެ އެކްސެސް ޗެނަލެއް ފުންކުރުމާއި، 2228 މީޓަރުގެ ގްރޮއިންސްއާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް އެކުންފުނިން ވަނީ ކޮށްފައެވެ. މިމަޝްރޫޢު ކުރިއަށްގެންގޮސްފައިވަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށާއި، ތިމާވެއްޓާއި ރައްޓެހިގޮތަކަށްކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ.