ތަރައްްޤީ

1000 ކިލޯވޮޓްއާ ހަމައަށް އިންޖީނު އެސެމްބްލްކުރުމުގެ ޤާބިލްކަން މިހާރު އެބަހުރި: ފެނަކަ


100 ކިލޯވޮޓުން ފެށިގެން 1000 ކިލޯވޮޓާއި ހަމައަށް ޑީސަލް އިންޖީނު އެސެމްބްލްކުރުމުގެ ޤާބިލްކަން މިހާރު އެބަހުރިކަމަށް ފެނަކަ ކޯރޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ފެނަކައިން ވިދާޅުވީ، ދިވެހި އިންޖިނިއަރުން ބޭނުންކޮށްގެން ކަރަންޓް އުފެއްދުމަށް ބޭނުންވާ ޖެންސެޓް އަމިއްލައަށް އެސެމްބަލްކޮށް އިންސްޓޯލްކުރުމަށް އެކުންފުނިން ފަށާފައިވާ މަސައްކަތް ވަރަށް ކާމިޔާބުކަމަށެވެ.

ފެނަކައިން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އީޖާދީ ވިސްނުންތަކާއެކު ޚިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތްތަކަށް އާ ބޮޅެއް އިތުރުކޮށް، ރަށްރަށަށް ބޭނުންވާ ޖެންސެޓްތައް އެކުންފުނިން ރާއްޖޭގައި އެސެމްބަލް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި އަހަރު ޖޫން މަހު ފެށި މި މަސައްކަތުގެ ދަށުން މިހާތަނަށް 6 ރަށަކަށް ބޭނުންވާ ޖެންސެޓްތައް އެސެމްބަލްކޮށް އިންސްޓޯލްކޮށް ޚިދުމަތްދޭން ވަނީ ފަށާފައެވެ. އަދި ފާއިތުވި 5 މަސްދުވަހު ކުރެވުނު މަސައްކަތުގެ ނަތީޖާ ރަނގަޅުވެފައި ކާމިޔާބުކަމަށް ފެނަކައިން ވިދާޅުވެއެވެ.

މި މަސައްކަތް ފެނަކައިން ކުރަނީ ރާއްޖެއިން ބޭރުން އިތުބާރު ހިފޭ އޮރިޖިނަލް ސްޕެއަރ ޕާރޓްސް ގެނެސް، ރަށްރަށުގައި ހުންނަ ކުންފުނީގެ ވޯރކްޝޮޕްތަކުގައި، ކުންފުނީގެ ދިވެހި އިންޖިނިއަރުން މަސައްކަތް ކޮށްގެންނެވެ.

އެގޮތުން މިހާރު 100 ކިލޯވޮޓުން ފެށިގެން 1000 ކިލޯވޮޓާއި ހަމައަށް ޑީސަލް އިންޖީނު އެސެމްބްލް ކުރުމުގެ ޤާބިލްކަން މިހާރު ހުރިކަން ފެނަކައިން ފާހަގަކުރައްވާފައިވެއެވެ. އަދި މިގޮތަށް މި މަސައްކަތް ކުރުމުން، ރާއްޖެއިން ބޭރުން އިންޖީނު އެތެރެކުރުމާ އަޅާބަލާއިރު، ޚަރަދު ކުޑަވެ، ވަގުތު ސަލާމަތްވެ، ދެމެހެއްޓެނިވި އިތުބާރުހުރި ޚިދުމަތެއް ދިނުމަށް މަގުފަހިވެގެން ގޮސްފައިވާކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

ފެނަކައިން ވިދާޅުވީ، މި މަސައްކަތް އިތުރަށް ފުޅާ ކުރުމުގެގޮތުން ގދ. ތިނަދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދީ ވޯރކްޝޮޕް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އޮޕަރޭޝަނަށްލުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެންމެ ޒަމާނީ ފުރިހަމަ ވަޞީލަތްތަކާއެކު ޤާއިމްކުރާ މި ވޯރކްޝޮޕް ވެގެންދާނީ ރާއްޖޭގައި މި މަސައްކަތް އެންމެ ފުރިހަމައަށް ކުރެވޭ ވޯރކްޝޮޕް ކަމުގައި އެކުންފުނިން ވިދާޅުވެއެވެ.

ރަށްރަށަށް ބޭނުންވާ އާރް.އޯ ޕްލާންޓްތައްވެސް ފެނަކައިން ރާއްޖޭގައި އެސެމްބަލްކޮށް އިންސްޓޯލްކޮށް ޚިދުމަތް ދެމުން ދާއިރު، އެކުންފުނިން މިހާރު އަމާޒު ހިފާފައިވަނީ، އެ މަސައްކަތްތައްވެސް އިތުރަށް ފުޅާކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށެވެ. މިގޮތަށް މަސައްކަތްތައް ބައްޓަން ކުރެވުމުން، މިހާރު ޕްލާންޓްތައް ހިންގުމުގައި ދިމާވާ ދަތިތަކަށް ރިޢާޔަތްކޮށް، ރާއްޖޭގެ މާޙައުލަށް އެންމެ އެކަށޭނަ އަދި ރައްޔިތުންނަށް އިތުބާރާއެކު މިހާރަށްވުރެ ފުރިހަމަ ޚަރަދުކުޑަ ޚިދުމަތްތަކެއް ދިނުމަށް މަގުފަހިވެގެންދާނެކަމަށް ފެނަކައިން ވިދާޅުވެފައިވެއެވެ.