ޚަބަރު

17 ރަށަކުން 25000 ޓަނަށްވުރެ ގިނަ ކުނި ބޭރުކޮށްފި


ގިނަ ރަށްރަށުގައި އެތައް ޒަމާނެއް ވީ ކުނީގެ ބޮޑެތި ފުނިތައް ހުރި އިރު މިކުނި ބޭރުކުރެވޭނެ ނިޒާމެއް މީގެކުރިއަކުން ނެތެވެ. އަދި ގިނަ ރަށްރަށުގައި ކުނި މެނޭޖްކުރާނެ ރަނގަޅު މަރުކަޒުތަކެއްވެސް ހެދިފައެއް ނެތެވެ. އެތައް ޒަމާނެއްވީ މިފަދަ ކުނި އެރަށްރަށުން ބޭރުކުރުމުގެ ބޮޑު ޕްރޮޖެކްޓެއް ރައީސުލްޖުމްހޫރިއްޔާގެ ސީދާ އިސްނެންގެވުމަށް ވެމްކޯއާއި ޙަވާލުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގައެވެ. 20 ރަށެއްގައި ހުރި އެތައް އަހަރެއްވީ ކުނި ނެރުމަށް ފެށި މަސައްކަތާއެކު މިހަތަނަށް 17 ރަށަކުން ކުނި ނެރެވިފައިވާކަމަށް ވެމްކޯއިން ވިދާޅުވެއެވެ.

"ލެގަސީ ވޭސްޓް ކްލީންއަޕް" މަޝްރޫޢުގެ ނަމުގައި ކުރިއަށްގެންދާ މިމަޝްރޫއާއެކު މިހާތަނަށް 17 ރަށުން 25000 ޓަނުގެ ކުނި ބޭރުކޮށްފައިވާކަމަށް ވެމްކޯއިން ވިދާޅުވެއެވެ. ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވެމްކޯއިން ވިދާޅުވީ މިމަޝްރޫޢުގެ ދަށުން މި 17 ރަށުން ހަތްލައްކަ ހަތްދިހަ ހަތަރުހާހަށްވުރެ ބޮޑު ސަރަޙައްދެއް ސާފުކޮށްފައިވާކަމަށެވެ. އަދި މިހާރު 3 ރަށެއްގެ މަސައްކަތްކުރިއަށްދާއިރު މި 3 ރަށުގެ މަސައްކަތުގެ 80 އިންސައްތަ ނިމިފައިވާކަމަށް ވެމްކޯއިން ވިދާޅުވެއެވެ. މީގެ ތެރޭގައި ހިމެނެނީ ހއ.ކެލާއާއި ހދ.ކުޅުދުއްފުއްޓާއި ވައިކަރަދޫއެވެ. މީގެތެރެއިން ކުޅުދުއްފުށިން އެކަނިވެސް 92 ހާސް ޓަނުގެ ކުނި ބޭރުކުރަންޖެހިފައިވާ ކަމަށް ވެމްކޯއިން މައުލޫމާތުދެއެވެ.

ރާއްޖޭގެ 20 ރަށެއްގައި ހުރި އެތައް އަހަރެއްވީ ކުނި ފުނިތައް ހުސްކުރުމުގެ މަސައްކަތް ވެމްކޯއާއި ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެމައްސައްކަތް ފާށާ ދުވަހުން ފެށިގެން 7 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މުއްދަތު ފަހަނައަޅާ ދިޔައިރުވެސް މަސައްކަތް ނިމިފައިނުވެއެވެ. ވެމްކޯއިން ވިދާޅުވީ އެގޮތަށް ދިމާވީ ކޯވިޑްގެ ސަބަބުން ރަށްރަށަށް އަރާ ފޭބުމުގައި ކުރިމަތިވި އެތައް ގޮންޖެހުމުގެ ސަބަބުންކަމަށެވެ. އެހެންކަމުން ބައެއް ރަށްރަށަށް އެރުމަށް އެޗްޕީއޭގެ ހުއްދަނެތުމުގެ ސަބަބުން މަސައްކަތް މަޑުކޮށްލަންޖެހުނު ނަމަވެސް ރަށްރަށަށް އެރުމުގެ ހުއްދަ ލިބުމާއެކު މަދު ދުވަސްކޮޅެއްގެ ތެރޭގައި ވެމްކޯގެ މުވައްޒަފުން އެރަށެއްގެ ކުނިގޮނޑު ސަރަޙައްދު ސާފުކޮށް ނިންމާލާކަމަށް ވެމްކޯއިން ވިދާޅުވެއެވެ.

ކުނި ބޭރުކޮށް ރަށްރަށުގެ ބޮޑު ސަރަޙައްދެއް ވެމްކޯއިން ވަނީ ސާފުކޮށްދީފައެވެ. ބިމުގެ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ރަށްރަށަށް މިފަދަ ތަންތަން ސާފުވުމުގެ ސަބަބުން ބޮޑެތި ލުއިތަކެއް ލިބެމުންދާކަން އެރަށްރަށުން ފާހަގަކުރައްވައެވެ.

ކުނީގެ މައްސަލައަކީ މުޅި ރާއްޖެއަށްވެސް މެނޭޖްކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މައްސަލައެކެވެ. މިމައްސަލައަށް ޙައްލެއް ގެނައުމަށް ރަށްރަށުގައި ޖަމާވެފައި ހުރި ކުނި ބޭރުކޮށް ރަނގަޅު ފެންވަރުގެ ކުނި މެނޭޖްކުރާނެ މަރުކަޒުތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ކުނިން ހަކަތަ އުފެއްދުމުގެ ބިޔަ މަޝްރޫޢުތައްވެސް އަންނަނީ ހިންގަމުންނެވެ. މީގެ އިތުރުން ކުނި މަދުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކާއި ޖަމިއްޔާ ޖަމާޢަތްތައް ގުޅިގެން އަންނަނީ ޢާއްމުން ހޭލުންތެރިކޮށް އުސޫލުތަކާއި ގަވާއިދުތަކާއެކު ރަނގަޅަށް ކުނި މެނޭޖްކުރެވޭނެ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.