ކުޅިވަރު

ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވެއްޖެ


ސާބާ ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝް އަތުން 21 ޕޮއިންޓުގެ ތަފާތުން ބަލިވެއްޖެއެވެ. މިމުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި އިންޑިޔާ އާއި ވާދަކޮށް، ވަނީ ބަލިވެފައެވެ. ސާބާ ޗެމްޕިއަންޝިޕުގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗުން ބަންގްލަދޭޝް އަތުން ބަލިވެފައިވަނީ 86 ޕޮއިންޓް 65 ޕޮއިންޓުންނެވެ. މިއަދު ކުޅުނު މެޗްގައި ރާއްޖެއިން ނިކުމެފައިވަނީ އިންޑިޔާ އަތުން ބަލިވުމާއި ގުޅިގެން މެޗުން މޮޅުވުމުގެ ވަރަށް ބޮޑު އަޒުމެއްގައެވެ. ނަމަވެސް މެޗުގެ ފުރަތަމަ ދެ ކުއަޓަރގައި ރާއްޖޭގެ ކުޅުންތެރިންނަށް މާ ރަގަނޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

މެޗްގެ ފުރަތަމަ ކުއަޓަރގައި 15 ޕޮއިންޓްގެ ތަފާތުން ބަންގްލަދޭޝް ކާމިޔާބުކުރިއިރުގައި ފުރަތަމަ ކުއަޓަރގައި ރާއްޖޭގެ ކުޅުންތެރިންގެ ފެށުން ދިޔައީ ގޯސްކޮށްކަން ފާހަގަކޮށްލެވެއެވެ. ފެށުން ގޯސްވުމުގެ ސަބަބުން ބަންގްލަދޭޝްއިން ފުރަތަމަ ކުއަރޓަރގައި ބޮޑު ލީޑެއް ނެގިއެވެ. މިކުއަޓަރ ބަންގްލަދޭޝްއިން ކާމިޔާބުކުރީ 25 ޕޮއިންޓް 10 ޕޮއިންޓުންނެވެ. މެޗްގެ ފުރަތަމަ ކުުއަޓަރގައި ބަންގްލަދޭޝްއިން ބޮޑު ލީޑެއް ނެގުމާއެކު ރާއްޖެއަށް ފަހަތުން އަރާ އެއްވަރު ކުރުމަށް ގިނަ އުނދަގޫތަކާއި ކުރިމަތިވިއެވެ. ނަމަވެސް ރާއްޖެއިން ހިތްވރު ދޫކޮށްނުލާ ކުޅުމުގެ ނަތީޖާއަކަށްވީ ބަންގްލަދޭޝްއަށް ލީޑް އިތުރަށް ފުޅާ ކުޅެވޭ ގޮތެއް ނުވުމެވެ. މެޗްގެ ދެވަނަ ކުއަރޓާ ނިމުނީ 44 ޕޮއިންޓް 25 ޕޮއިންޓުން ބަންގްލަދޭޝް ކުރީގައި އޮވެގެންނެވެ. މެޗްގެ ތިންވަނަ ކުއަޓަރގައި ރާއްޖޭގެ ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އަދި މިކުއަޓަރގައި ރާއްޖެއިން ބަންގްލަދޭޝްއަށް ލިބިފައިވާ ލީޑް 10 ޕޮއިންޓަށް ކުޑަކުރިއެވެ. ނަމަވެސް ބަންގްލަދޭޝްއިން ޖަހަމުންދިޔަ ތްރީ ޕޮއިންޓްގެ ސަބަބުން ލީޑް އިތުރަށް ފުޅާވިއެވެ. މިމެޗްގެ ތިންވަނަ ކުއަޓަރ ނިމުނީ 60 ޕޮއިންޓް 46 ޕޮއިންޓުންނެވެ. މެޗްގެ ފަހު ކުއަޓަރގެ ކުރީގައި ރާއްޖޭގެ ޓީމުން ކުޅުން ރަގަނޅުކޮށް ލީޑް ހަނިކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ނަމަވެސް ރާއްޖެއިން ނެގި ޓައިމްއައުޓަށްފަހު ބަނަގްލަދޭޝްއިން ކުޅެންފެށީ ވަރަށް ބޮޑަށް ކުރިއަށް ޖައްސާލައިގެންނެވެ. އެއާއެކު ރާއްޖެއަށް ބަންގްލަދޭޝްއިން ހޯދަމުންދިޔަ ޕޮއިންޓް ހުއްޓުވޭގޮތެއް ނުވިއެވެ. މެޗްގެ ފަހު ކުއަޓަރ ބަންގްލަދޭޝްއިން ގެންދިޔައީ 86 ޕޮއިންޓް 65 ޕޮއިންޓުންނެވެ.

މެޗްއަށްފަހު ވާހަކަދައްކަމުން ގައުމީ ކޯޗް އިލްޔާސް އިބްރާހީމް ބުނީ މެޗްއަށް ނިކުތީ މޮޅުވުމުގެ އަޒުމްގައިކަމަށާއި ނަމަވެސް މެޗުން ބަލިވުމުން ބޭނުންވާ ގޮތަށް ކަންތައްތައް ނުދިޔަކަމަށެވެ. އަދި މެޗުން ބަލިވުމުގައި ވަރަށް ގިނަ ކަންތަށްތަކެއް ދިމާވިކަމަށެވެ. އިލްޔާސްބުނީ މެޗުން ބަލިވީ މެޗްގެ ފުރަތަމަ ކުއަޓަރގައި ބޮޑު ލީޑެއް ބަންގްލަދޭޝްއިން ނެގުމުންކަމަށާއި އެލީޑް ހަނިކުރުމަށް ކުރަންޖެހޭ މަސައްކަތް އިތުރުވުމުގެ ސަބަބުންކަމަށެވެ. ނަމަވެސް މެޗްގައި ވަރަށް ގިނަ ރަގަނޅު ކަންތައްތަކެއް ފެނިގެންދިޔަކަމަށްވެސް އިލްޔާސް ބުންޏެވެ.

ސާބާ ޗެމްޕިއަންޝިޕުގައި ރާއްޖެއިން މާދަމާ ނިކުންނާނީ ލަންކާއާއި ދެކޮޅަށެވެ.