ތަރައްްޤީ

ނ. ވެލިދޫ މަގުތަކުގައި ތާރުއެޅުމަށް އާރްޑީސީއަށް


ނ. ވެލިދޫ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫޢު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރް.ޑީ.ސީއާ ޙަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދެވެ. އާރް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކެވެ. ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން އެކުންފުންޏާއި މި މަސައްކަތް ޙަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުންނެވެ.

ވެލިދޫ މަގުތަކުގައި ތާރުއެޅުމަށް ހިންގާ މި މަޝްރޫޢުގެ ދަށުން އެ ރަށުގެ 5 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، މަގުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް ކުރުންވެސް ހިމެނެއެވެ.

އާރް.ޑީ.ސީއާއި މި މަސައްކަތް ޙަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ. އަދި މި މަޝްރޫޢަށް 88 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

45.5 ހެކްޓަރުގެ ވެލިދޫއަކީ ނ. އަތޮޅުގައި އެންމެ އާބާދީ ބޮޑު އެއް ރަށެވެ. އަދި އެރަށުގައި އިޤްތިޞާދީ ގިނަ ހަރަކާތްތަކެއް ކުރިއަށްދެއެވެ.