ކުޅުދުއްފުށީގައި މީގެ 10 އަހަރު ކުރިން އިމާރާތްކުރަން ފެށި ރޯހައުސްތަކުގެ މަސައްކަތް ނިންމާ، އަންނަ އަހަރުގެ މެދުތެރޭގައި އެ ގެތަކަށް އާއިލާތަކަށް ބަދަލުވެވޭވަރަށް މަސައްކަތް ނިންމަމުންދާކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީގައި މީގެ 10 އަހަރު ކުރިން އިމާރާތްކުރަން ފެށި ރޯހައުސްތަކުގެ މަސައްކަތް ހުއްޓިފައިވަނިކޮށް މިކަމުގެ ޢަމަލީ މަސައްކަތް ފެށީ މިއަހަރުގެ މެދުތެރޭގައެވެ.
ކުޅުދުއްފުށީގެ އާބާދީ 1000 އިން މައްޗަށް އަރާއިރު، ވަޒީފާގެ ފުރުޞަތުތަކާ، ތަޢުލީމީ އަދި ސިއްޙީ ޚިދުމަތްތަކަށް އެރަށަށް އެތައް އާއިލާތަކެއް ވަނީ ހިޖުރަކޮށްފައެވެ. މިއާއެކު އެރަށުގެ އާބާދީ 12000 އިން މައްޗަށް ވަނީ އަރާފައެވެ.
އާބާދީ އިތުރުވުމާއި ގުޅިގެން ރަށަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖުތިމާޢީ މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ. އާބާދީގެ %20 މީހުންނަކީ އަމިއްލަ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ އައިލާތެކެވެ. އެއް ގެއެއްގައި ކުދި ކޮޓަރިތައް ހަދައިގެން އެތައް އާއިލާތަކެއް އަންނަނީ ދިރިއުޅެމުންނެވެ.
"ހައުސިންގ މައްސަލައަކީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާޢީ މައްސަލަ. ކައުންސިލުން ބެލިބެލުމުން، ރަށުގައި އަމިއްލަ ބޯހިޔާވަހިކަމެއް ބޭނުންވެފައިވާ 1200 އަށްވުރެ ގިނަ އާއިލާ އެބަތިބި" ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް އެރަށުގައި ހައުސިންގެ ބޮޑު މަޝްރޫޢުއެއް ހިންގަން ފެށީ 2011 ވަނަ އަހަރުއެވެ. އެއީ 165 ރޯހައުސްގެ މަސައްކަތެވެ. މީގެތެރޭގައި ހިމެނެނީ ހިއްކި ސަރަޙައްދުގައި ޢިމާރާތްކުރާ 100 ރޯހައުސްއާއި ޖަލާލުންދީން ސްކޫލު ކައިރީގައި ޢިމާރާތްކުރާ 18 ރޯހައުސްއާއި ރަށުގެ ހަސަނާތު މިސްކިތް ކައިރީގައި ޢިމާރާތްކުރާ 40 ރޯހައުސްއެވެ.
ކުޅުދުއްފުށީ ހިއްކި ސަރަޙައްދު ހިމެނޭހެން ރޯހައުސްތައް ތަރައްޤީކުރުމުގެ ޕްރޮޖެކްޓްގެ މަސައްކަތް ހުއްޓުނީ 2012 ވަނަ އަހަރު، އޭރުގެ ސަރުކާރު ބަދަލުވުމާއެކުވެ. މަސައްކަތް ހުއްޓުނުއިރު، ގޭގޭގެ ކޮންކްރީޓް މަސައްކަތްތަކާއި ރޭނުމާއި، އަދި ހައުސިންގ ޔުނިޓްތަކުގެ ފުރާޅުގެ މަސައްކަތްތައްވެސް ހުރީ ފަށާފައެވެ.
ނަމަވެސް މިހާތަނަށް މި މަޝްރޫޢުގައި މަސައްކަތް ނިންމާ ހަވާލުކުރެވުނީ 40 ރޯހައުސްއެވެ. ބާކީ 145 ރޯހައުސް މިހާތަނަށްވެސް ހުރީ ވީރާނާވާން ދޫކޮށްލާފައެވެ. މަޝްރޫޢުއަށް 10 އަހަރުވީއިރު، އޭގެ ހައްޤުވެރިން ތިބީ ގެތައް ނިމި އެމީހުންނަށް ގޭގެއަށް ބަދަލުވެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. މަސައްކަތް ހުއްޓުނުނަމަވެސް، 2018 ވަނަ އަހަރުގެ ކުރީކޮޅުވަނީ ގެތައް ލިބޭ މީހުން ހޮވާފައެވެ.
މިއިން ކޮންމެ ޔުނިޓަކީ 3 ކޮޓަރިއާ 3 ފާޚަނައާއި ކައްކާބަޔާއި ލޯންޑްރީ އަދި ބޭރަށް ނިކުމެލާ އުޅެވޭނެހެން ކޮންމެ ގެއެއްގައި ކުޑަ ފްރަންޓް ޔަރޑެއްވެސް ހިމެނޭ ގެތަކެވެ.
އާ ސަރުކާރު ހަވާލުވެ މިހާރު މިވަނީ ހައުސިންގ ޔުނިޓްތައް ނިންމުމުގެ ޢަމަލީ މަސައްކަތް ފަށާފައެވެ. މި މަސައްކަތުގެ ދަށުން މިހާރުވަނީ ގެތަކުގެ ފުރާޅުތައް ބަދަލުކޮށް، ގޭގޭގެ ނުނިމިހުރި ރޭނުމުގެ މަސައްކަތްވެސް ފަށާފައެވެ. މިއީ އެތައް އާއިލާތަކެއްގެ އިންތިޒާރެކެވެ.
ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި ރޯހައުސްތަކުގެ ޢަމަލީ މަސައްކަތްތައް އަންނަ އަހަރުގެ ފެބްރުއަރީ ހިސާބުގައި ނިމޭނެއެވެ. އަދި ފިނިޝިންގ މަސައްކަތަކާއެކު ނިންމާ، އަހަރުގެ މެދާ ހަމައަށް ދިއުމުގެ ކުރިން ގެތަކުގައި މީހުންނަށް ދިރިއުޅެން ފެށޭނެއެވެ.
ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދެއްވުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެރަށުގައި 400 ހައުސިންގ ޔުނިޓްގެ މަޝްރޫޢުއެއް ކުރިއަށްގެންދަވާނެކަނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވަނީ ހާމަކުރައްވާފައެވެ. އަދި ބޭރު ކުންފުންޏެއްގެ އެހީގައި އިތުރު 1000ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ މާލީ ދިރާސާތައްވެސް ހަދާފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.