ވިޔަފާރި

ރީޖަނަލް ޖޮބް ސެންޓަރުތަކެއް ދުވާފަރު އަދި ގަމުގައި ހުޅުވަނީ


ރީޖަނަލް ޖޮބް ސެންޓަރުތަކެއް ރ.ދުވާފަރު އަދި ލ.ގަމުގައި ހުޅުވުމަށް ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިމަން ވޭޖް އިޢުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ޖޮބް ސެންޓަރުގެ މަސައްކަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެެ.

އެގޮތުން މެއިން ޖޮބް ސެންޓަރ ހުޅުމާލޭގައި ހުޅުވުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، އެތަނުން ވަޒީފާ ދޭ ފަރާތްތަކަށާއި ވަޒީފާ ހޯދާ ފަރާތްތަކަށް ގިނަ ޙިދުމަތްތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

" އަޅުގަނޑުމެން ނިންމީ، އޮންލައިން ޖޮބް ޕޯޓަލްގެ އިތުރުން، ފިޒިކަލް ޖޮބް ސެންޓަރތަކެއް ހަދަން ޖެހޭ ކަމަށް، އެގޮތުން މިމަހު ނޫނީ މިއަންނަ މަހުގެތެރޭގައި މައި ޖޮބް ސެންޓަރ ހުޅުމާލޭގައި ހުޅުވިގެންދާނެ، އަދި ދުވާފަރުގައާއި ގަމުގައި ޖޮބްސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތްދަނީ ކުރެވެމުން،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކައުންސިލްތަކާއި ގުޅިގެންވެސް ޖޮބް ސެންޓަރުގެ މަސައްކަތްތައް ފުޅާކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން ކޮންމެ ރަށެއްގައި ޖޮބް ސެންޓަރުގެ ޑެސްކެއް ބެހެއްޓުމަށް މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" ކޮންމެ ކައުންސިލެއްގައި ޖޮބް ސެންޓަރާއި ބެހޭ ޑެސްކެއް ޤާއިމްކޮށް، ވަކި މުވައްޒަފަކު އެކަމަށް އަހުލުވެރިކުރުވާ، އެރަށެއްގައި ވަޒީފާއަދާކުރަން ބޭނުންވާ ފަރާތްތަށް ކައުންސިލުން ހޯދައިގެން އޭގައި ރަޖިސްޓްރީ ކުރުވާ، އަބަދުވެސް އެކަންކަން ބަލާނެ ނިޒާމެއް ޤާއިމްކުރުން،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒް ވިދާޅުވީ މިގޮތަށް މަސައްކަތްކޮށްގެން ރަނގަޅު ނަތީޖާތަކެއް އަންނާނެކަމަށް ޤަބޫލްކުރާ ކަމަށެވެ.

ޖޮބް ސެންޓަރުގެ ޙިދުމަތްތައް މިހާރު ދެމުން އަންނަނީ އޮންލައިންކޮށެވެ. އެގޮތުން ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތައް އެއް ޕްލެޓްފޯމަކަށް ގެނެސް ވަޒީފާ އިއުލާންކުރުމާއި ހަމައިން ވަޒީފާއަށް ޝަރުތުހަމަވެ ޝޯޓްލިސްކުރުމާއި އިންޓަވިއު ކުރުމާއި ވަޒީފާއަށް ހޮވުމާއި ހަމައަށް ފުރިހަމަކުރަންޖެހޭ ކަންކަން ފަސޭހަކަމާއިއެކު ޖޮބް ސެންޓަރ ޕޯޓަލްއިން ކޮށްލެވެއެވެ.