ކުޅުދުއްފުށީ ހޮސްޕިޓްލްގެ ޖާގަ އިތުރުކުރުމަށް ހަދާ އާ އިމާރާތުގެ މަސައްކަތް ނިންމާ، އަންނަމަހު ބޭނުންކުރަން ފެށޭވަރުވާނެކަމަށް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ސިއްޙީ ޚިދުމަތް ހޯދުމަށް އެތައް ބަޔަކު ބަރޯސާވާ ހޮސްޕިޓަލެކެވެ. ކުޅުދުއްފުށީ ސިޓީގެ އާބާދީ 10000އިން މަތީގައި އުޅޭއިރު، ހދ.އަތޮޅުގައި ދެން ހިމެނޭ 12 ރަށުގެ އާބާދީ 16000އިން މައްޗަށް އަރައެވެ. މީގެއިތުރުންވެސް ކައިރި އަތޮޅުތަކާއި އަދި ކޮވިޑް ޙާލަތާ ގުޅިގެން ދުރު އަތޮޅުތަކުންވެސް ކުޅުދުއްފުށީ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން އާދެއެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި މިވަގުތު އެޑްމިޓްކޮށްގެން ފަރުވާދެވޭ ކެޕޭސިޓީއަކީ 36 އެނދެވެ. މީގެތެރޭގައި ޖެނެރަލް ވޯޑް 12 އެނދާ، ސަރޖިކަލް ވޯޑްގެ 8އެނދާ، އެމަޖެންސީ ރޫމް އަދި އެންއައިސީޔޫގެ 12 އެނދު ހިމެނެއެވެ. ހޮސްޕިޓަލުން ޚިދުމަތް ހޯދާ މީހުންގެ އަދަދަށްބަލާއިރު، ނިސްބަތުން މިއީ ވަރަށް ކުޑަ އަދަދެކެވެ.
ހޮސްޕިޓަލްގެ މެނޭޖަރ އަޙުމަދު ދާޢޫދު ވިދާޅުވި އެވްރެޖްކޮށް ދުވާލަކު 350-400 މީހުން އާއްމު ޚިދުމަތްތަކަށް ޑޮކްޓަރަށް ދައްކާކަމަށެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާދެވޭ އެނދު ހުރި އަދަދަށްވުރެ، އިތުރަށްވެސް އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ޙާލަތު ކުރިމަތިވެފައިވާކަމަށެވެ.
ހޮސްޕިޓަލަށް ޖާގަ އިތުރުކުރުމަށް އާ އިމާރާތެއް އެޅުމަށް ސަރުކާރުން އެމްޓީސީއާ ހަވާލުކޮށް އެކަމުގެ ޢަމަލީ މަސައްކަތް ފެށީ 2020 ވަނަ އަހަރުގެ މޭ މަހުއެވެ. މި މަޝްރޫޢުގެ %80 މަސައްކަތް މިހާރު މުޅިން ނިމިފައިވާކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
އާ އިމާރާތުގައި 36 އެންދުގެ ކެޕޭސިޓީ ހުންނައިރު އަލަށް ހަދާ އިމާރާތާއެކު މިހާރު ހޮސްޕިޓަލްގެ ބެޑް ކެޕޭސިޓީ ދެ ގުނައަށް އިތުރުވާނެއެވެ.
"އާ އިމާރާތުގެ މަސައްކަތް ނިމި ޑިސެމްބަރު މަހުގެ މެދުތެރޭ ބޭނުންކުރަން ފެށޭނެކަމަށް މި ބަލަނީ. އާ އިމާރާތް ހަދަނީ 3 ބުރިއަށް. 1 އަދި 2ވަނަ ފަންގިފިލާގައި ކޮންމެ ފްލޯއެއްގައި 15 ބެޑްސް. އަދި 3ވަނަ ފަންގިފިލާގައި ފުލް ފްލެޖް އައިސީޔޫއެއް ހިމެނޭ. އެއީ 6 އެނދު." ދާޢޫދު ވިދާޅުވިއެވެ.
ޕްރޮޖެކްޓްގެ މަސައްކަތް ލަސްވެގެން ދިޔައީ، މަޝްރޫޢުގެ ޑިޒައިނަށް ބައެއް ބަދަލުތައް ގެނައުމާއި ގުޅިގެންނެވެ. ކުރިން ޕްލޭންކުރީ 2 ފަންގިފިލާއަށް އިމާރާތްކުރުމަށެވެ. ނަމަވެސް އެނދު އިތުރުކޮށް ޚިދުމަތް ދިނުމަށް ލުއިފަސޭހަކުރުމަށް އިތުރު ފަންގިފިލާއެއް އިތުރުކުރުމަށް ނިންމިއެވެ.
"މިހާރު ވޯޑުތަކުގައިވެސް އައި އައިސީޔޫގައިވެސް އިތުރަށް ބެޑްސް ބަހައްޓައިގެން ޚިދުމަތް ދެވެނީ. އާ އިމާރާތަށް ޚިދުމަތްތައް ބަދަލުވެގެންދިއުމަށްއެކު ޖާގައިގެ މައްސަލަ ވަރަށް ބޯޑަށް ޙައްލުވެ ލުއިތައް ލިބޭނެ." ހޮސްޕިޓަލްގެ މެނޭޖަރ ވިދާޅުވިއެވެ.
ހޮސްޕިޓަލުން ވިދާޅުވީ އާ އިމާރާތްތައް ބޭނުންވާ ވަސީލަތްތައްވެސް ލިބި، ވަސީލަތްތައް ރޭވުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށެވެ. މި އިމާރާތާއެކު ހޮސްޕިޓަލްގެ ޖާގައިގެ މައްސަލަ ވަރަށް ބޮޑަށް ޙައްލުވެގެންދާނެކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.
ރާއްޖޭގެ ރަށްރަށުގައި ދެމުންދަ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރަމުން އަންނަ އެއް މަސައްކަތެކެވެ. އެގޮތުން ރާއްޖޭގެ 5 ސަރަހަދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ތަރައްޤީކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާއިރު، އޭގެތެރެއިން އެއް ހޮސްޕިޓަލް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީގައެވެ.