ޚަބަރު

ކުޑަގިރި ހިއްކުމުގެ މަސައްކަތް އަންނަ މާރިޗުމަހަށް ނިންމާލެވޭނެ : އެމްޓީސީސީ


ކ.ކުޑަގިރީގެ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު އަންނަ މާރިޗުމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ، އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.

މާލޭ ސަރަޙައްދުގައި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކުޑަގިރި ފަޅު ހިއްކުމުގެ މަސައްކަތް ސަރުކާރުން އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ އެއްވަނަ ދުވަހުއެވެ.

ކުޑަގިރި ފަޅަކީ މާލެއާއި ގާތްގަނޑަކަށް 10.5 ކިލޯ މީޓަރު ދުރުގައި އޮންނަ ފަޅެކެވެ. މިތަނަށް ސްޕީޑް ލޯންޗެއްގައި 15 ވަރަކަށް މިނެޓުން ދެވެއެވެ. ޕިކްނިކް އައިލެންޑް ހެދުމަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަޝްރޫޢުގައި ކުޑަގިރީ ފަޅުން 2 ރަށް ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އެއީ ދަތުރު ދިއުމަށް 8 ހެކްޓަރުގެ ރަށަކާއި، ފިނޮޅެއްގެ ގޮތުގައި ހަދާ 1.5 ހެކްޓަރުގެ ރަށެވެ.

ޕިކްނިކް އައިލެންޑް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމަށްޓަކައި ސައިޓް މޮބިލައިޒްކޮށް ވާންޖެހޭ ތައްޔާރީތައް އެމް.ޓީ.ސީ.ސީން މިހާރު ވަނީ ފަށާފައެވެ. މިވަގުތު ކުރަމުންދަނީ ބަންޑްވޯލް ޖެހުމުގެ މަސައްކަތެވެ.

އެމް.ޓީ.ސީ.ސީގެ އެގްޒެކެޓިވް ޕްރޮޖެކްޓް މެނޭޖަރ އިބްރާހީމް ޙަސަން ވިދާޅުވީ، މިވަގުތު މިމަސައްކަތުގައި އެންމެ އެކްސްކަވޭޓަރެއް ބޭނުންކުރިނަމަވެސް ކުރިއަށްއޮތް 2 ދުވަހެއްގެ ތެރޭގައި އިތުރު އެކްސްކަވޭޓަރެއް ޕްރޮޖެކްޓް ސައިޓަށް ގެންދާނެކަމަށެވެ. އަދި ބަންޑްވޯލުގެ މަސައްކަތް ނިންމައި، މަހާޖައްރާފު އެ ސަރަޙައްދަށް ގެންގޮސް ބިން ހިއްކުމުގެ މަސައްކަތް ކައިރި މުސްތަޤުބަލެއްގައި ފެށިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިހާރު ކުރަމުން މިދާ މަސައްކަތަކީ ޕިކްނިކް އައިލެންޑުގެ ބަންޑުވޯލު ޖެހުމުގެ މަސައްކަތް. އިއްޔެ މި މަސައްކަތް ފަށައިފިން. ދެ ދުވަހެއްގެ ތެރޭގައި އިތުރު އެކްސްކަވޭޓަރެއް އަޅުގަނޑުމެން މިތަނަށް ގެނެސްފައި، ދެ އެކްސްކަވޭޓަރުން މަސައްކަތްކޮށްފައި ބަންޑުވޯލު ޖަހާފައި މި ނޮވެމްބަރު މަހުގެ ތެރޭގައި މަހާޖައްރާފުން ފަސް އެޅުމުގެ މަސައްކަތް ފެށޭނެ" ޙަސަން ވިދާޅުވިއެވެ.

ޕިކްނިކް އައިލެންޑް ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން 8 ހެކްޓަރުގެ ބިން ހިއްކުމާއި، 397.27 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށިލުމާއި، 428.32 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢުގެ ހުރިހާ މަސައްކަތެއް އަންނަ އަހަރުގެ މާރިޗް މަހުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. އަދި މިމަސައްކަތަށް 41 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށްވެސް އެކުންފުނިން މަޢުލޫމާތުދެއްވައެވެ.

ކުޑަގިރި ފަޅު ހިއްކުމަށް ބޭނުންވާ ވެލި ނެގުމަށް ހަމަޖެހިފައިވަނީ މިހާރުވެސް ބިން ހިއްކުމުގެ ގިނަ މަޝްރޫޢުތަކަށް ވެލި ނަގަމުން އަންނަ، މާލެ އަތޮޅު އެތެރެވަރިންކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. ކުޑަގިރި ފަޅު ހިއްކުމަށް 250،000 ކޮޑިމީޓަރުގެ ވެލި ބޭނުންވެއެވެ.

ޕިކްނިކް އައިލެންޑްގައި ހިމެނޭ ކަންކަމުގެ ތެރޭގައި، ޢާއިލީ ކޮޓަރިތަކާއި، ފާޚާނައާއި، ޗޭންޖިން ރޫމް، ނަރސިންގ ރޫމް، އައި ލޮކަރސް، އިވެންޓް ސްޕޭސް އަދި ނަމާދު ކޮޓަރި ހިމެނެއެވެ. މި ރަށް ފަރުމާކޮށްފައިވަނީ ތަފާތު ގިނަ ކުޅިވަރުތައް ކުޅެވޭނެ ޖާގައާއެކުއެވެ. އެގޮތުން ކުޑަކުދިން ކުޅޭ ސަރަހައްދާއި، ބީޗް ކުޅިވަރުތައް ކުޅޭ ސަރަހައްދުގެ އިތުރުން، ބާބަކިއު ސަރަޙައްދު ހިމެނެއެވެ.

މާލޭގައި ދިރިއުޅޭ މީހުން ދަތުރުދިއުމަށް އެންމެ ކުރީއްސުރެ ބޭނުން ކުރަމުން އައިސްފައި ވަނީ ކުޑަ ބަނޑޮހެވެ. ނަމަވެސް ރިސޯޓެއް ހެދުމަށް އެރަށް ބަންދުކޮށްފައިވަނީ 2013ވަނަ އަހަރުއެވެ. ކުޑަބަނޑޮހަށް ދަތުރުދިއުން ޢާއްމުންނަށް ބަންދުވުމާއެކު މާލޭގައި ދިރިއުޅޭ މީހުން ހިތްހަމަ ޖައްސާލައި ދަތުރުދިޔުމަށް އޮތް ހަމައެކަނި ފުރުސަތު ބަންދުވީއެވެ.

މި ސަރަޙައްދުގައި ޢާއްމުން ދަތުރު ދިއުމަށް ޤުދުރަތީ އިތުރު އެއްވެސް ރަށެއް ނެތެވެ. މިއީ ޢާއްމުންގެ ކަންބޮޑުވުމެކެވެ. މި މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވަނީ ދަތުރު ދިއުމަށް މާލެ ކައިރިން ރަށެށް ކަނޑައަޅައިދިނުމަށް ވަޢުދުވެވަޑައިގެންފައެވެ.