ޚަބަރު

އިންޑޮނީޝިޔާގެ ރައީސަށް، ރައީސް ހަމްދަރްދީ ފޮނުއްވައިފި


އިންޑޮނީޝިއާގެ ސުލަވެސި ޕްރޮވިންސްގައި ހިނގި ފެރީ ބަންޑުންޖަހާލުމުގެ ހިތާމަވެރި ޙާދިޘާގައި، ‏އެތައް ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އިންޑޮނީޝިއާގެ ސުލަވެސި ޕްރޮވިންސްގައި ހިނގި ފެރީ ބަންޑުންޖަހާލުމުގެ ޙާދިޘާގެ ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި މި ޙާދިޘާގެ ވީނުވީއެއް ނޭނގި ގެއްލިފާވާ މީހުން ހޯދުމުގެ މަސައްކަތަށް ކާމިޔާބު ދެއްވައި ވިހާވެސް ގިނަ ބަޔަކު ސަލާމަތްކުރެއްވުމަށް އެމަނިކުފާނާއި ރާއްޖޭގެ ރައްޔިތުން އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައިވެއެވެ.ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ހިތާމައިގައި އެމަނިކުފާނާއި ރާއްޖޭގެ ރައްޔިތުންގެ ފަރާތުން އިންޑޮނީޝިއާގެ ރައީސަށާއި، އިންޑޮނީޝިއާގެ ސަރުކާރަށާއި، ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ވިދާޅުވެފައިވެއެވެ. އަދި މި ޙާދިޘާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި އެޤައުމުގެ ރައްޔިތުން ދައްކަމުން ގެންދާ އެއްބައިވަންތަކަމާއި ހިތްވަރު ފާހަގަކުރައްވައި، އެ މަސައްކަތް ކާމިޔާބު ވާނެކަމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައިވެއެވެ.މިމެސެޖުގައި، މިޙާދިޘާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.