ޚަބަރު

އުނގޫފާރުގެ އިތުރު މަގުތަކެއް ތާރުއަޅައިގެން ތަރައްޤީކުރަން ޙަވާލުކޮށްފި


އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. އުގޫފާރު މަގުހެދުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ނިމުނު އޮކްޓޯބަރުމަހު 31ވަނަ ދުވަހުއެވެ.

އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޒީނިޔާ އަޙުމަދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ.

މި މަޝްރޫޢުގެދަށުން އުނގޫފާރުގެ އިތުރު މަގުތަކުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާ، މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކުރުމާ މަގުބައްތި ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 1އަހަރު ދުވަހުން ނިންމާގޮތަށެވެ. މިމަސައްކަތަށް 21.6 މިލިޔަން ރުފިޔާ ހޭދަވާނެއެވެ.

އުނގޫފާރު މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގެދަށުން، ރަށުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްތައް މިދިޔަ އޮކްޓޯބަރުމަހުގެ 10ވަނަ ދުވަހުވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ މަގުތަކުގެ ފެން ހިންދާ ނިޒާމުގެ ބައެއް މަސައްކަތްތަކާއި މަގުތަކުގައި ސްޕިޑްބްރޭކަރު ހަރުކުރުމާއި މަގުތަކުގައި ޓްރެފިކް ނިޝާންތައް ކުރެހުންފަދަ މަސައްކަތްތަކެވެ. މި މަސައްކަތްތައް ވަރަށްއަވަހަށް ނިމޭނެކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

އުނގޫފާރު މަގުތައްހެދުމުގެ ފުރަތަމަ ފިޔަވަހީގައި 14މަގެއް ހިމެނެއެވެ. އެގޮތުން ތަރައްޤީކޮށްފައިވަނީ ޢާއްމު ޚިދުމަތްތައް ހޯދުމަށް އެންމެ ގިނައިން ބޭނުންކުރަމުންދާ ރަށުގެ ބޮޑެތި މަގުތަކެވެ.

މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެދަށުން ތަރައްޤީކުރާނީ ރަށުގެ ކައުންސިލްގެ އެދުމުގެމަތިން، ރަށުގެ ދެން އެންމެ ގިނަ ބަޔަކު ބޭނުންކުރަމުންދާ މުހިންމު ގުތަކެވެ. އެގޮތުން 5މަގެއް ތަރައްޤީކުރުމަށް ސަރުކާރުގައި އެދުނުއިރު އޭގެތެރޭގައި ވިއްސާރަވެ ފެންބޮޑުވާ ދުވަސްތަކުގައި ސްކޫލް ދަރިވަރުން ސްކޫލަށް ދަތުރުކުރުމަށް އެންމެ ގިނައިން ބޭނުންކުރާ މަގުތަކާއި ބަނދަރު ސަރަރަހައްދުގައި އޮންނަ ބޮޑުމަގެވެ.

އުނގޫފާރު މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ފެށީ މިއަހަރުގެ މާޗްމަހުއެވެ. މި މަޝްރޫޢުއަށް 28 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.