ތަރައްްޤީ

ހިޔާ ފްލެޓްތަކަށް ގޭސް ފޯރުކޮށްދިނުން މޯލްޑިވް ގޭސްއަށް


ހިޔާ ފްލެޓްތަކަށް ގޭސް ފޯރުކޮށްދިނުމުގެ ސިސްޓަމެއް ޤާއިމުކުރުމަށް މޯލްޑިވް ގޭސްއާއެކު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސުޙެއިލް އަޙްމަދެވެ. މޯލްޑިވް ގޭހުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ސިޔާމެވެ.

އެޗް.ޑީ.ސީން ވިދާޅުވީ، މިއީ މިގޮތަށް ސޯޝަލް ހައުސިންގ މަޝްރޫޢެއްގައި ރާއްޖޭގައި ކުރާ ފުރަތަމަ މަސައްކަތްކަމަށެވެ. އެގޮތުން ގޭސް ފޯރުކޮށްދިނުމަށް ސިސްޓަމެއް އެޅުމަށް ނިންމާފައިވަނީ، ހިޔާ ފްލެޓްތަކަކީ ނިސްބަތުން އުސް އިމާރާތްތަކަކަށްވާތީ، ގޭސް ފުޅި އަރުވާ ބޭލުމުގައި އާއްމު ރައްޔިތުންނަށް ދިމާވެދާނެ ތަކުލީފު ކުޑަކުރުމަށްޓަކާ ކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ. އަދި ލިފްޓުތަކުގައި ގޭސް ފުޅި އެހާ ގިނަ ފަރާތްތަކަކުން އުފުލުމަކީވެސް އެންމެ ރައްކާތެރިކަމަކަށްނުވާތީ ކަމަށްވެސް އެޗް.ޑީ.ސީން ވިދާޅުވެއެވެ.

މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ޓަވަރެއްގެ ތިރީގައި ސްޓޯރޭޖް ޔުނިޓްތަކެއް ޤާއިމުކޮށްގެންނެވެ. އަދި މިކަން ކުރެވިގެންދާނީ އެމް.އެން.ޑީ.އެފްގެ ރެގިއުލޭޝަންސްތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ. މި މަސައްކަތް އަންނަ އަހަރުގެ ދެވަނަ ކުއާޓާގައި ނިންމުމަށް ހަމަޖެހިފައިވާއިރު، މި ޚިދުމަތް ދިނުމަށް މޯލްޑިވް ގޭސްއާ ޙަވާލުކޮށްފައިވަނީ 20 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓްތަކުގައި އާއްމުން މިހާރު ދިރިއުޅެން ފަށާފައިވާއިރު، އެ ސަރަޙައްދުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރާގުޅިގެން އެޗް.ޑީ.ސީން އަންނަނީ ކުރަމުންނެވެ.