ރާއްޖޭގެ ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީއަށް އެންމެ ބޮޑަށް މަސައްކަތްކުރަމުންދަނީ މި ސަރުކާރުން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި މެންބަރުން ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބުދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ، ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީއަށް މިހާ ބޮޑު ޑިމާންޑެއް އުފެދިފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ސްކޫލްތަކަށް އަޅާނުލެވި ހުރުމުންކަމަށެވެ. އެގޮތުން ބައެއް ސްކޫލްތައް އެ ސްކޫލްތައް އިމާރާތްކުރިފަހުން މިއަދާ ޖެހެންދެންވެސް އެއްވެސް ވަރަކަށް ޢުމްރާނީ ތަރައްޤީއެއް ނުގެނެސް ހުރި ސްކޫލްތައް ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ތަޢުލީމީ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެވަޑައިގެންނެވި ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއްކަމަކީ ހުރިހާ ސްކޫލްތަކެއް އެއް ދަންފަޅިއަށް ބަދަލުކުރުންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އެކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީވެސް ސްކޫލްތަކުގެ ޖާގައިގެ ދަތިކަމާއި ވަޞީލަތްތައް ނެތުންކަމަށެވެ. އަދި ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީއަށް އެންމެ ބޮޑު ހޭދައެއްކޮށް މަސައްކަތްކުރާ ސަރުކާރަކަށް މި ސަރުކާރުން ވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިވަގުތުވެސް އެކި މަރުހަލާތަކުގައި 169 މަޝްރޫޢެއް ހިނގަމުންދާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
"އަޅުގަނޑު ހަމަ ފާހަގަކޮށްލާނަން މިހާރުވެސް އަޅުގަނޑުމެންގެ 169 ޕްރޮޖެކްޓެއް ހިނގަމުން އެބަދޭ. އޭގެ ތެރޭގައި އެބަ ހިމެނޭ 1068 ކްލާސްރޫމުގެ މަސައްކަތް، 66 މަލްޓި-ޕަރޕަސް ހޯލުގެ މަސައްކަތް އަދި 255 އެހެނިހެން އިމާރާތްތަކުގެ މަސައްކަތް. އެހެނިހެން އިމާރާތްތަކުގެ ތެރޭގައި އެބަ ހިމެނޭ ސައިންސް ލެބާއި، ވަށާފާރު ރޭނުމާއި، އޭވީ ރޫމާއި، ސެން ރޫމާއި އެގޮތަށް ސްކޫލް ފުރާ ފުރިހަމަ ސްކޫލަކަށް ހެދުމަށްޓަކާ ބޭނުންވާ ހުރިހާ ވަސީލަތްތަކެއް" މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ، ސަރުކާރުގެ ބެލުމުގެ ދަށުގައި 213 ސްކޫލެއް ހުރިއިރު، އެ ހުރިހާ ސްކޫލެއްގައި ހުރި ދަތިކަން އެއްފަހަރާ ހައްލުނުކުރެވޭނެކަން އެއީ ޤަބޫލުކުރަންޖެހޭކަމެއްކަމަށެވެ. އަދި މިނިސްޓްރީން މަސައްކަތްކުރަމުންދަނީ ބަޖެޓް ތަންދިން މިންވަރަކުންކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ސްކޫލްތަކަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ އިތުރުން ދަރިވަރުންނަށް ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކަށްވެސް މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ސްކޫލްތައް ނެތް ރަށްރަށާއި، އާބާދީ މަދު ސްކޫލްތަކަށް އަމާޒުކޮށް ސެޓެލައިޓް ސްކޫލިންގ ނިޒާމު ތަޢާރަފުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ސަރުކާރަކީ ލާމަރުކަޒުކުރުމަށް ތާއީދުކުރާ ސަރުކާރަކަށްވާތީ، އަޅުގަނޑުމެން ބޭނުންވަނީ އެ ދަރިވަރުން އެކުދިންގެ ރަށްރަށުގައި ތިބެގެން ތައުލީމު އުނގެނެން. އެހެންވީމަ އެ މަގަށް މަސައްކަތް ކުރުމަށްޓަކާ އަޅުގަނޑުމެން ސެޓެލައިޓް ނިޒާމު މިހާރު ޤާއިމުކޮށްފައި ވ. ރަކީދޫ، ވ. ތިނަދޫ އަދި ބ. ފެހެންދޫގައި މި ނިޒާމުން ގުޅާލެވިގެން ކިޔެވުން ފެށިގެންދާނެ" މިނިސްޓަރ ވިދާޅުވިއެވެ.
މީގެ ކުރިން ބައެއް އަތޮޅުތަކުގައި އޭ ލެވެލް ފެންވަރަށް ކިޔެވުމުގެ ފުރުޞަތު ފަހިވެފައިނެތްނަމަވެސް، މިހާރު ރާއްޖޭގެ ހުރިޙާ އަތޮޅެއްގައިވެސް އެ ފުރުޞަތު ފަހިކޮށްދެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޒަމާނުއްސުރެއް ތަޢުލީމީ ދާއިރާގައި އޮތް އެންމެ ބޮޑު ކަންބޮޑުވުންކަމަށްވާ ޓީޗަރުންގެ މުސާރައިގެ ކަންކަންކަމަށް އަންނަ އަހަރު ހެޔޮ ބަދަލުތަކެއް އަތުވެގެންދާނެކަމަށާއި އެކަމަށް ބޭނުންވާ ބަޖެޓްވެސް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.