ޚަބަރު

ނުފެށި ހުރި ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް އަންނަ އަހަރު ފަށަނީ


ފެނާއި ނަރުދާމާ ޤާއިމުކުރުމުގެ މަސައްކަތް ނުފެށިވާ ހުރިހާ ރަށެއްގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފަށާނެކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާޙިމް އަމީރް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ 2022 ވަނަ އަހަރަށް ކަނޑައަޅައި ބަޖެޓު މަޖިލީހަށް ހުށައަޅުއްވައިދެއްވަމުންނެވެ.

ފެނާއި ނަރުދަމާގެ މަސައްކަތަކީ ޕީއެސްއައިޕީ ބަޖެޓުގައި 2 ވަނައަށް އެންމެ ބޮޑު ހޭދައެއް ކުރުމަށް ހިމަނާފައިވާ ދާއިރާއެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ސާފު ބޯފެނާ ނަރުދަމާގެ ޚިދުމަތް ކަށަވަރުކުރުމަކީ ސަރުކާރުގެ ރިޔާސީ ވަޢުދެކެވެ. މި ލަނޑުދަނޑިއަށް ވާސިލްވުމަށް ކުރާ މަސައްކަތަށް 2022 ވަނަ އަހަރުގެ ބަޖެޓުގައި ޖުމްލަ 954 މިލިއަން ރުފިޔާ ހިމަނާފައިވާކަމަށް މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ވަޢުދާ އެއްގޮތަށް މަސައްކަތް ކުރިއަށްގެންދިއުމުގައި، ކޯވިޑް ޙާލަތާ ގުޅިގެން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވިކަމަށެވެ. ނަމަވެސް އެކަންކަމުން އަރައިގަނެވި، އަންނަ އަހަރުގެ ޢަމާޒަކީ ހުރިހާ ރަށްތަކެއްގައި ފެނާއި ނަރުދަމާގެ ޢަމަލީ މަސައްކަތް ފެށުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަކީ ސަރުކާރުގެ ވައުދެއް. މި ނިޒާމުތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މިހާތަނަށް ނުފެށި ހުރި ހުރިހާ ރަށެއްގައި ކުރިއަށް އޮތް އަހަރު މަސައްކަތް ފެށިގެންދާނެ. އަދި ކޮވިޑް-19 އާ ގުޅިގެން މަސައްކަތް މަޑުޖެހިފައި ހުރި ރަށްތަކުގައި ވެސް މަސައްކަތްތައް ބާރަށް ހިންގޭނެ." މިނިސްޓަރ އަމީރް ވިދާޅުވިއެވެ.

މިއަހަރުގެ ބަޖެޓުގައި ފެނާއި ނަރުދަމާއަށް ބޮޑު ހޭދައެއްކުރުމަށް ކަނޑައަޅާފައިވާއިރު މީގެތެރޭގައި 2021 ވަނަ އަހަރު ފަށާފައިވާ މަސައްކަތްތައް ނިންމުންވެސް ހިމެނެއެވެ.

ބަޖެޓުގައި ވަނީ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތަށް 131.1 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ. މީގެތެރެއިން ހިންގަމުންދާ 26 މަޝްރޫޢުއަށް 77.9 މިލިއަން ކަނޑައަޅާފައިވެއެވެ.

މީގެތެރޭގައި އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓާއި ދައުލަތުގެ ޑޮމެސްޓިކް ބަޖެޓުން ޚަރަދުކޮށްގެން އެކި ރަށްތަކުގައި ކުރިއަށްގެންދާ އައިލެންޑްސް ވޯޓަރ އެންޑް ސްވަރޭޖް ޕްރޮޖެކްޓާއި އޮފިޑު ލޯނުން އެކި ރަށްތަކުގައި ކުރިއަށްގެންދާ ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި ސެނިޓޭޝަން އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓު 34 ރަށުގައި ކުރިއަށްގެންދިއުން ހިމެނެއެވެ.

ދާދިފަހުން ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ މިވަގުތު މަސައްކަތް ކުރިއަށްނުގެންދެވިވަނީ 22 ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް އެކަނިކަމަށެވެ. މީގެތެރެއިން ގިނަ ރަށްތަކެއްގެ މަސައްކަތްތައް ބިޑަށް ހުޅުވާލުމަށް ދަނީ ތައްޔާރުވަމުންނެވެ.