ސިއްހަތު

ބަޖެޓް 2022 : ޞިއްޙީ ނިޒާމު ލާމަރުކަޒުކޮށް، 60 ރަށެއްގެ ހޮސްޕިޓަލް އަޕްގްރޭޑްކުރަނީ


ޞިއްޙީ ނިޒާމު ލާމަރުކަޒުކޮށް، ރާއްޖޭގެ 60 ރަށެއްގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ ދެއްވި ބަޔާނުގައި، ސިއްހީ ދާއިރާގައި ސަރުކާރުގެ އެންމެ މުހިންމު އަމާޒަކީ ރައްޔިތުންނާއި ގާތުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުންކަން ވަނީ ފާހަގަކުރައްވާފައެވެ.

ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި ޞިއްޙީ ދާއިރާގެ ތެރެއިން ކޯވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދަން ރާވާފައިވާކަމަށެވެ. އެގޮތުން ހަގު އުމުރުފުރާތަކުގެ ކުދިންނަށް ވެކްސިން ދެވޭނެ މަގު ފަހިވެގެންދިޔަހާ އަވަހަކަށް އެކުދިންނަށްވެސް ބޭނުންވާނެ ވެކްސިން ހޯދުމަށާއި، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ކޯވިޑް ފެސިލިޓީތަކުގެ ޚިދުމަތް މެދުކެނޑުމެއްނެތި، މިހާރަށްވުރެ ރަނގަޅު ފެންވަރުގައި ކުރިއަށްގެންދަން ރާވާފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާއިން ސަރުކާރުން ބޭނުންވާ އަމާޒު ޙާޞިލުކުރުމަށްޓަކައި ކުރަމުންދާ އެންމެ މުހިއްމު އެއް މަސައްކަތަކީ ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓަރޝަރީ ހޮސްޕިޓަލު ތަރައްޤީކުރުމެވެ. މި މަޝްރޫޢުގެ ތެރެއިން 5 ހޮސްޕިޓަލުގެ ވަސީލަތްތަކާއި ޚިދުމަތްތައް ފުޅާކޮށް ފެންވަރު ރަނގަޅުކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިންވެސް އުމްރާނީ ގޮތުން މި ހޮސްޕިޓަލްތަކަށް އިންވެސްޓްކުރެވޭނެކަމަށެވެ. އަދި 5 ހޮސްޕިޓަލަކީވެސް އަމިއްލައަށް ހިންގާ ހޮސްޕިޓަލްތަކަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި މީގެ ސަބަބުން ސިއްޙީ ޚިދުމަތް ލާމަރުކަޒުވެ، ޚިދުމަތްތައް އަވަސްވެ، ކުރިއަރާ ދިއުމަށް މަގުފަހިވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ 60 ރަށެއްގެ ހޮސްޕިޓަލްތައް އަޕްގްރޭޑްކުރުމަށް ބޭނުންވާ ފައިސާވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖޭގެ ސިއްޙީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކޮށް ހޮސްޕިޓަލުތަކަކަށް ބަދަލުކުރުމަށް މި ބަޖެޓުގައިވާނީ އަމާޒު ހިފާފައި. ރައްޔިތުންނާ އެންމެ ގާތުން ސިއްހީ ހިދުމަތް ލިބޭނެކަން ކަށަވަރުކުރުމުގެ ގޮތުން، 60 ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމަށްވެސް 2022 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ. ބޭނުމަކީ ސިއްޙީ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްޤީއާއި ވަސީލަތްތައް މުއްސަނދިކުރުމާއި ޚިދުމަތް ފުޅާކޮށް ފެންވަރު ރަނގަޅުކުރުން" ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ޞިއްޙީ ދާއިރާގެ ތެރެއިން ކުރުމަށް ނިންމާފައިވާ ޚަރަދުގެ ތެރޭގައި މުވައްޒަފުންނަށް ހިނގާ ޚަރަދުގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ، މެޑިކަލް ސަޕްލައިޒް އަދި ކޮންސިއުމަބަލްސްއަށް 1.1 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި ކޯވިޑާގުޅިގެން ކުރާ އެކި އެކި ރިކަރަންޓް ޚަރަދުތަކަށް 323 މިލިއަން ރުފިޔާ، ރަށްރަށުގެ ހޮސްޕިޓަލް އަދި ހެލްތު ސެންޓަރުތައް އެޅުމަށާއި ޖާގަ އިތުރުކުރުމަށް 448 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

ކެންސަރުގެ ފަރުވާއަށް ޚާއްސަކޮށް ލ. ގަމުގައި ތަރައްގީކުރާ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތަކީވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ މުހިއްމު މަޝްރޫޢެކެވެ. މި ހޮސްޕިޓަލް އެޅުމަށް 53 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ. މީގެއިތުރުން، ޕްރައިމަރީ ހެލްތް ކެއަރ ނިޒާމު ފުޅާކުރުމާއި، އަތޮޅު ތެރޭގައި ރީޖަނަލް މެންޓަލް ހެލްތް ޕްރޮގްރާމްތައް ފެށުމާއި، އެމަޖެންސީ މެޑިކަލް ސާރވިސް ގެ ޚިދުމަތް ހަރުދަނާކުރުމަށްވެސް ވަނީ ރާވާފައެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ކަންކޮޅުތަކުގައި ޞިއްޙީ ހިދުމަތްތެރިން މަދުވުމުގެ ސަބަބުން އެންމެ އެކަށީގެންވާ ފަރުވާ ދިނުމަށް އެޅޭ ހުރަސްތަކަށް ހައްލު ހޯދުމުގެ ގޮތުން، 2022 ވަނަ އަހަރު ޞިއްޙީ ދާއިރާގެ އައު ގިނަ މުވައްޒަފުންތަކަކަށް ޖާގަ ދީފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެތެރޭގައި 160 ޑޮކްޓަރުންނާއި 200 އަށްވުރެ ގިނަ ނަރުހުން ހިމެނޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.