ޚަބަރު

ފައިނުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް އިފްތިތާޙްކޮށްފި


ރ.ފައިނުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް އިފްތިތާޙްކޮށްފިއެވެ.

މިމަސައްކަތް ފަށްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަޙްމަދާއި އެމްޑަބްލިއުއެސްސީގެ
ޗެއަރމަން އަޙްމަދު މަޢުސޫމާއި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހާއި ފައިނު ކައުންސިލްގެ ރައީސް މޫސާ ޢުމަރު މަނިކެވެ.

މިމަސައްކަތް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ވިދާޅުވީ ކަމެއްކޮށްދިނުމުގެ ނިޔަތުގައި ކަމެއް މިސަރުކާރުންކޮށް ނުދޭނެކަމަށާ، އެކަން ކުރާނީ ދެމެހެއްޓެނިގޮތްތަކަށް ބަލައިގެން ރައްޔިތުން ބޭނުންވާގޮތްތަކަށްކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހް ވިދާޅުވީ މިމަސައްކަތް ފެށުމުން ކަނޑައަޅާފައި އޮތް މުއްދަތަށް މަސައްކަތް ނިންމާލުމަށް ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެކަމަށެވެ. އަދި މިމަސައްކަތް ކާމިޔާބު ކަމާއެކީ ނިންމާލުމަށް ރަށުގެ ރައްޔިތުންނާއި ކައުންސިލާއި ރަށުގައި ހުރި މުއައްސަސާތަކުގެ އެއްބާރުން ދެއްވުމަށް ޝާހް ވަނީ އެދިވަޑައިގެންފައެވެ. އަދި ކޯވިޑްގެ ބަލިމަޑުކަމުގެ ދުވަސްވަރުގައިވެސް ފެނާ ނަރުދަމާގެ އެއްވެސް މަސައްކަތެއް ނުހުއްޓި ކުރިއަށްދަނީ ރައީސުލްޖުމްޙޫރިއްޔާ އެކަމަށްދެއްވާ ޚާއްސަ އަހަމިއްޔަތުންކަން، ޝާހު ފާހަގަކުރައްވައި ޝާހުވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާއެވެ.

"ފެނާއި ނަރުދަމާގެ އެއްވެސް މަސައްކަތެއް ނުހުއްޓޭ. އެއީ ސަރުކާރުން މިފަސްއަހަރު ރާއްޖޭގެ މީހުންއުޅޭ ހުރިހާ ރަށެއްގައި އެކަންކުރުމަށް ވައުދުވެ، އެވައުދު ފުއްދުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަމިއްޔަތުން. އަދި މަސައްކަތް ކުރަމުންދާ ވަގުތުތަކުގައި ރައްޔިތުންނަށް އުނދަގޫވާހެން ކަމެއް ދިމާވެދާނެ. އެއީ މިސާލަކަށް މަގުމަތި ކޮންނަމުންދާއިރު ކޭބަލެއް ކަނޑައިގެން ގޮސް ކަނރަންޓް ކެނޑޭ ހާލަތެއްވެސް މެދުވެރިވެދާނެ. އެއީ މިމަސައްކަތަކީ މަގުކޮނެގެން ކުރާ ބޮޑު މަސައްކަތަކަށް ވާތީ." ޝާހި ވިދާޅުވިއެވެ.

މިމަސައްކަތުގެ ދަށުން ހަދާ އާރްއޯ ޢިމާރާތުގެ %60 މަސައްކަތް މިހާރުވަނީ ނިމިފައެވެ. އަދި މުޅި މަޝްރޫގެ %9.3 މަސައްކަތް ނިމިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މިމަޝްރޫޢުގެ ދަށުން އެރަށުގައި 5.38 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް ޤާއިމުކުރާނެއެވެ. ޖުމުލަ 130 ގެއަކަށް ފެނުގެ ޚިދުމަތް ގުޅައިދޭނެއެވެ. އަދި ފެން އުފެއްދުމަށް އެރަށުގައި ބަހައްޓާ ދެ އާރްއޯ ޕްލާންޓުން ދުވާލަކު ވިހި ޓަނުގެ ފެން އުފައްދައި އެ ފެން ރައްކާކުރުމަށް 175 އަކަ މީޓަރުގެ 2 ތާނގީއާއި ވާރޭފެން ރައްކާކުރުމަށް 490 އަކަމީޓަރުގެ ފެން ރައްކާކުރެވޭ ވަރުގެ އެއް ތާނގީ ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން ވާރޭ ފެން ހިންދުމަށް ޚާއްސަ ނިޒާމެއްވެސް އެރަށުގައި ޤާއިމް ކުރުމަށްވަނީ ހަމަޖެހިފައެވެ.

ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން 4.86 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށް 130 ގޭބިސީއަކަށް ކަނެކްޝަން ގުޅައިދޭނެއެވެ. އަދި ޕަމްޕްސްޓޭޝަން ޤާއިމްކޮށް ސީ އައުޓްފޯލެއް އަޅައި 1.53 ގެ ޕަންޕިން މެއިންއެއް ޤާއިމް ކުރުންވެސް ހިމެނެއެވެ.

ރ.ފައިނު ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވަނީ 15 ނޮވްމްބަރ 2020ގައެވެ. އަދި މިކަމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ހަމައެއަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ. އަދި މިމަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހަށެވެ. މިދެ މަސައްކަތައް 63.3 މިލިއަން ރުފިޔާއަށެވެ.