ސިއްހަތު

ޑޮކްޓަރަށް އެކަނި ދައްކާލުމަކުން ޞިއްޙީ ޚިދުމަތް ފުރިހަމަވީކީ ނޫން: ނައިބު ރައީސް


ޑޮކްޓަރަށް އެކަނި ދައްކާލުމަކުން ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ފުރިހަމަވީކީ ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، އައްޑޫ ސިޓީ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ކުރިއަށްދާ "ސަރވިސް އެކްސެލެންސް ޕްރޮގްރާމް" ރަސްމީކޮށް ފައްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ، ޞިއްޙީ ޚިދުމަތަކީ ރައްޔިތުންނާއި ވަރަށް ބޮޑަށް ގުޅިފައިވާ މުހިންމު އަސާސީ ޚިދުމަތެއްކަމަށެވެ. އެހެންކަމުން ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި، މެނޭޖްމަންޓުން ފެށިގެންގޮސް އެންމެ އާދައިގެ މުވައްޒަފާއި ހަމައަށްވެސް، ރައްޔިތުންނާއި ގާތުން ލޯތްބާއި އޯގާތެރިކަމާއެކު ޚިދުމަތްދިނުމުގެ ހުނަރުތަކާއި ސިފަތައް އަށަގަނުންވަންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ބަލި މީހާ ހޮސްޕިޓަލަށް އައިސް ހަމައެކަނި ޑޮކްޓަރަށް ދައްކާލުމަކުން އެތަނަކުން ފޯރުކޮށްދޭ ޚިދުމަތްތައް ފުރިހަމަވީކަމަށް ދެކިގެންނުވާނެކަމަށެވެ. އެގޮތުން ބަލި މީހާ ހޮސްޕިޓަލުން ޚިދުމަތް ލިބިގަނެ، ހޮސްޕިޓަލުން ނުކުތުމާ ހަމައަށް ލޯތްބާއި އޯގާތެރިކަމާއެކު ބަލި މީހާއާއި މުޢާމަލާތުކޮށް، ޚިދުމަތްދިނުމަށް ބޭނުންވާ ހުނަރާއި އުކުޅުތައް ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށްވެސް އެނގުން މުހިއްމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދެވޭނީ ހުރިހާ މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތުންކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

"ޓަރޝަރީ ހޮސްޕިޓަލްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާއިރު ފުރިހަމަގޮތެއްގައި ރައްޔިތުންނަށް ޚިދުމަތްދޭން މަސައްކަތްކުރަން އެބަޖެހޭ. ދުވަހުން ދުވަހަށް އިމްޕްރޫވްވާންޖެހޭ. މިކަންކުރެވޭނީ ޓީމްވޯކް ވަރުގަދަކޮށްގެން. މުއައްސަސާތަކާމެދު އޮންނަ ގުޅުން ވަރުގަދަކޮށްގެން" ނައިބު ރައީސް ވިދާޅުވިއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ފެށި ސަރވިސް އެކްސެލެންސް ޕްރޮގްރާމަކީ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްދީ، މުވައްޒަފުންގެ ކަސްޓަމަރ ކެއަރ ހުނަރުތައް އިތުރަށް ތަރައްޤީކުރުން ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސިވިލް ސަރވިސް އިންސްޓިޓިއުޓާއި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވުމަށްފަހު ނައިބު ރައީސް ވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް ބައްލަވާލައްވާފައެވެ.