ޚަބަރު

ހުޅުމާލެ 2ވަނަ ފިޔަވަހީގެ ފުރަތަމަ މިސްކިތް މާދަމާ ހުޅުވަނީ


ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކުރި ފުރަތަމަ މިސްކިތް "މަސްޖިދް ޢަމީލް ޖަލީލް" މާދަމާގެ ހުކުރު ނަމާދަށް ހުޅުވުމަށް ހަމަޖެހިއްޖެއެވެ. މި މިސްކިތަކީ ހެޔޮއެދޭ އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ މިސްކިތެކެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިސްކިތެއް ބިނާކުރަން އަމިއްލަ ފަރާތަކަށް އިސްލާމިކް މިނިސްޓްރިއިން ބިން ދޫކުރީ 2018ވަނަ އަހަރުގެ އޮކްޓޯބަރުމަހުއެވެ. ޢަމަލީ މަސައްކަތް ފެށީ އެއަހަރުގެ ނޮވެމްބަރު މަހުއެވެ.

މިސްކިތް ހުޅުއްވައިދެއްވާނީ މިނިސްޓަރ އޮފް ހޯމް އެފެއަޒް އައްޝައިޚް އިމްރާން އަބްދުﷲއެވެ. މިސްކިތް ހުޅުއްވައިދެއްވާ ހުކުރުނަމާދަށްފަހު، މިސްކިތުގެ ލައިބްރަރީއާއި ކްލާސްރޫމް އޭރިއާ މިނިސްޓަރ ބައްލަވާލެއްވުމަށްވަނީ ހަމަޖެހިފައެވެ.

މިއީ 480 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ނަމަވެސް އެތެރޭގެ ޖާގައިގެ އިތުރުން، މިސްކިތުގެ ހަރިއްމަ ތެރޭގައި އިތުރު 650އެއްހައި މީހުންނަށް ނަމާދުކުރެވޭނެއެވެ. މިސްކިތުގައި ފިރިހެނުންނަށް ޚާއްސަ ބައިގެ އިތުރުން އަންހެނުންނަށްވެސް ނަމާދުކުރުމަށް ޚާއްސަ ޖާގައެއްވަނީ ކަނޑައަޅާފައެވެ. އަދި އަންހެނުންނަށް ވުޟޫ ކުރެވޭނެ އިންތިޒާމްވެސް ހިމެނެއެވެ.

މިސްކިތް ޢިމާރާތްކޮށްފަވަނީ 2 ފަންގިފިލާއަށެވެ. ތިރީ ފަންގިފިލާ ނަމަދުކުރުމަށް ޚާއްސަކޮށްފަވާއިރު، މަތީ ފަންގިފިލާއަކީ މަލްޓި ފަންކްޝަނަލް އޭރިއާއެކެވެ. އެ ފަންގިފިލާ ލައިބްރަރީއަކީ ކްލާސްރޫމް އޭރިއާއެއް ހިމެނެއެވެ.

މިސްކިތް ތަރައްޤީކޮށްފަވަނީ ހުޅުމާލެ ފޭސް އެކަކުން ހުޅުމާލޭ ފޭސް ދޭކަށް ވަންނަ ބޮޑު މަގުގައެވެ. މިސްކިތް ފަރުމާކޮށްފައިވަނީ މިސްކިތުގެ ވަށައިގެން ހުރިހާ ފަޅިއަކުންވެސް މިސްކިތަށް ވަދެވޭގޮތަށެވެ.

"މަސްޖިދް ޢަމީލް ޖަލީލު" ތަރައްޤީކޮށްފަވަނީ 16400 އަކަފޫޓުގެ ބިމެންގައެވެ. މިސްކިތް ޑިޒައިންކުރީ "އިންސައިޑް ޕްލަސް"ކިޔާ ކުންފުންޏަކުންނެވެ. އަދި މިސްކިތް އިމާރާތްކުރުމާ އެތެރޭގެ ހުރިހާ މަސައްކަތް ކުރިއަށްގެންދިޔަކީ "ޒާން ކޮންސްޓްރަކްޝަން ކޮމްޕެނީ"އިންނެވެ.