ހއ. ހޯރަފުށީގައި ގާއިމް ކޮށްފައިވާ ނަރުދަމާ ނިޒާމް އަންނަ އަހަރު ބޭނުން ކުރަން ފަށާނެ ކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.ސަރުކާރުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ހައްދަވާ ހޯރަފުށީގެ ނަރުދަމާގެ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ އެމް.ޑަބް.ލިއު.އެސް.ސީ.އިންނެވެ. ހޯރަފުށީގައި މިވަގުތު ހަރަކާތްތެރިވަމުންދާ އެންވަޔަރމަންޓް މިނިސްޓްރީގެ ވަފްދުން މިއަދު ވަނީ ނަރުދަމާ ނިޒާމްގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ.ޕީ.އެސް.އެމް.އާއި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުލް މަތީން ވިދާޅުވީ، ހޯރަފުށީގެ ނަރުދަމާ ނިޒާމް ބޭނުން ކުރަން ފެށުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިޔަށްދާއިރު، އެ ރަށުގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ފެއްޓެވުމަށް އެ މިނިސްޓްރީން މަސައްކަތް ކުރައްވަމުންދާ ކަމަށާއި، ފެނުގެ ނިޒާމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށެވެ. ހޯރަފުށީ ކައުންސިލްގެ ރައީސް، ޢަލީ އާރިފް ވިދާޅުވީ، ރަށުގައި ޤާއިމް ކުރެވިފައިވާ ނަރުދަމާ ނިޒާމާއެކު ރައްޔިތުންގެ ކަންބޮޑުވުން ތަކަށް ނިމުމެއް އަންނާނެ ކަމަށެވެ. އަދި، މިއީ ރަށަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. ހޯރަފުށީ ނަރުދަމާގެ މަސައްކަތް އެމް.ޑަބް.ލިއު.އެސް.ސީ.އިން ފަށާފައިވަނީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މި މަޝްރޫއުގެ ދަށުން ރަށުގެ 672 ގެއެއް ނަރުދަމާގެ ނިޒާމާއި ގުޅާފައިވާކަމަށް އެމް.ޑަބްލިއު.އެސް.ސީއިން މައުލޫމާތުދެއެވެ.