ޚަބަރު

ރަކީދޫގެ ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ފަށައިފި


ވ.ރަކީދުއަކީ ރާއްޖޭގެ އެންމެ އާބާދީ ކުޑަ އެއްރަށެވެ. ރަށުގެ އާބާދީގައި 370 މީހުން ރަޖިސްޓްރީވެފައި ވީނަމަވެސް، ރަށުގައި ދިރިއުޅޭ އާބާދީއަކީ ގާތްގަނޑަކަށް 100 މީހުންނެވެ.

އާބާދީ ކުޑަޔަސް ރަށްރަށަށް ކުރިމަތިވާ އެކިކަހަލަ މައްސަލަތައް ޙައްލު ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.

6.3 ހެކްޓަރުގެ ކުޑަ ރަކީދުއަށް މިވަގުތު ކުރިމަތިވެފައިވާވަމަ އެންމެބޮޑު މައްސަލައަކީ ރަށްގިރުމުގެ މައްސަލައެވެ. ރާޅުއަރާ ރަށުގެ ގޮނޑުދޮށުން ބޮޑުބައެއް ގިރާ އޭގެ އަސަރު މީހުން ދިރިއުޅޭ ސަރަޙައްދަށްވަނީ ކުރަން ފަށާފައެވެ. ރަކީދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ ރަށްގިރުމުގެ މައްސަލަ ބޮޑަށް ކުރިމަތިވާންފެށީ ބަނދަރުގެ މަސައްކަތަށްފަހުކަމަށެވެ. ރަކީދޫ ބަނދަރުގެ މަސައްކަތް ނިންމައި ބޭނުންކުރަންފެށީ މީގެ 6 މަހެއްހައި ދުވަސް ކުރިންނެވެ.

ރަށްގިރުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށުގެ ވެލިގަނޑު ގިރާލައި ބޮޑު ސަރަޙައްދަކުން ރުއްގަސްވެސް ދަނީ ވެއްޓެމުންނެވެ.

ރަކީދޫގެ އާބާދީ ކުޑަޔަސް، އެރަށް މިހާރުދަނީ ގެސްޓް ހައުސް ވިޔަފާރިއަށްވެސް ވަންނަމުންނެވެ. އެގޮތުން 13 އެނދުގެ ގެސްޓްހައުސްއެއް ހިންގަމުން އަންނައިރު، 9 އެނދުގެ އިތުރު ގެސްޓް ހައުސްއެއް ހެދުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

މިހާރު ހިންގަމުން އަންނަ ގެސްޓްހައުސް ހުރި ސަރަޙައްދަކީ ރަށުގެ ގިރާ ސަރަޙައްދުގެ ގޮނޑުށުގައެވެ. އެހެންކަމުން ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު، ވެފައިވަނީ ރަށުގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކަށްވެސް މުހިންމު މަޝްރޫޢުއަކަށެވެ.

"އުދަ އަރައިގެން އަންނައިރު، މީހުން ދިރިއުޅޭ ހިސާބަށް އަރައިގެން އަންނަނީ. މީހުން ދިރިއުޅޭ ގޭގޭގެ ފާރަށް ރާޅުއެބަ ޖަހާ. ގާތްގަނޑަކަށް 7-8 ގެއަށް އެބަ މިހާރުވެސް ލޮނުގެ އަސަރުކުރޭ." ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ރަކީދުއަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލަ ޙައްލުކޮށްދިނުމުގެ މަސައްކަތް އެމްޓީސީސީންވަނީ ފަށާފައެވެ.
މިމަސައްކަތްކުރަން ބޭނުންވާ ސާމާނު ރަށަށް ގެންގޮސް މިހާރުވަނީ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައެވެ.
މި މަޝްރޫޢުގެދަށުން 40 މީޓަރުގެ ސަރަޙައްދުގައި ހުރަސް ތޮށިލުމާއި، 200 މީޓަރުގެ ސަރަޙައްދުގައި ބޭރު ތޮށިލުމުގެ މަސައްކަތް ހިމެނެއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފަވަނީ 3.5 މަސްދުވަހުން ނިންމާގޮތަށެވެ. މުޅި މަޝްރޫޢަށް 9.16 މިލިއަން ރުފިޔާ ހޭދަވެއެވެ.