ޚަބަރު

ކޮޕް 26 : މޫސުމީ ގެއްލުންތަކުން އަރައިގަތުމަށް ލިބޭ އެހީ އިތުރުކުރަން ބާރުއަޅާނަން - ރާއްޖެ


މޫސުމީ ބަދަލުތަކާއެކު ލިބޭ ގެއްލުމުން އަރައިގަތުމަށް ރާއްޖެއަށް ބައިނަލްއަޤްވާމީ އެހީގެގޮތުގައި ލިބޭ މިންވަރަކީ މިގެއްލުމުން އަރައިގަތުމަށް އެކަށީގެންވާ މިންވަރު ނޫންކަމަށް މިނިސްޓަރ އޮފް އިންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ މިފަހަރުގެ ކޮޕްސަމިޓުގައި ރާއްޖެއިން މިކަމަށް ވަރަށްބޮޑަށް ވަކާލާތު ކުރާނެކަމަށެވެ.

އަންނަ އާދިއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ތިމާވެށީގެ އެންމެބޮޑު ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވަނީ އުންމީދާއެކުގައެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ ހޭދަ, އެތައް ގުނައެއްވަނީ އިތުރުވެފައެވެ. އެހެން ޤައުމުތަކުގެ ޢަމަލުތައް ބެހެއްޓި ގޮތުން ލިބޭ ގެއްލުން ބަރުދާސްތުކުރުމަށް ރާއްޖެއަށް ޖެހިފައިވާއިރު މިކަމުން އަރައިގަތުމަށް ލިބެމުންދަނީ އެކަށީގެންވާފަދަ އެހީއެއް ނޫންކަމަށް ރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެއެވެ.

މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުމުގެ ނުރައްކާ އިންތިހާއަށް އިތުރުވެ ކޮންމެ ދުވަހަކުވެސް އެތައްކަމެއް ކުރިމަތިވަމުން ދެއެވެ. 2015ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖެއަށް އެހީގެ ގޮތުގައި ލިބިފައިވަނީ އެންމެ 24.6 މިލިއަން ރުފިޔާކަން އެންވަޔަރަމަންޓް މިނިސްޓަރ ޝައުނާ ފާހަގަކުރެއްވީ ކަންބޮޑުވުމާއެކުގައެވެ. ޕީއެސްއެމްނިއުސްއާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ ރާއްޖޭގެ އެހެން ބައެއްގެ ސަބަބުން ލިބެމުންދާ ގެއްލުމުން އަރައިގަތުމަށް ރާއްޖޭގެ ތަރައްޤީއާއި އެހެންކަންކަމަށް ހޭދަ ކުރަން ހުރި ބަޖެޓުން ޚަރަދުކުރުމަކީ އުސޫލެއް ނޫންކަމަށެވެ.

"ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ގައި ހިފެހެއްޓުމަކީ ދިވެހިންގެ ދިރިހުރުމާ ގުޅިފައިވާކަމެއް. ކޮންމެ ދުވަހަކީ ރަށްގޮރުމުގެ އެތައް މައްސަލައެއް އެތައް ރަށަކަށް ކުރިމަތިވާ ދުވަހެއް. ކަނޑު ތަކާއި ފަރުތަކަށް ބަދަލު އައުމުން މަސްވެރިކަމަށް އޭގެ އަސަރު އެބަކުރޭ. ދަނޑުވެރިކަމަށް އަސަރު އެބަކުރޭ. އެހެންވީމަ މިފަހަރުގެ ސަމިޓުގައި އަޅުގަނޑުމެން މިގެއްލުންތަކުން އަރައިގަތުމަށް ދޭ އެހީތެރިކަން އިތުރުކުރުމަށް ވަރަށް ބޮޑަށް ބާރު އަޅާނަން." މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މިއަހަރުގެ ކޮޕް ސަމިޓުގައި ރާއްޖެއިން އުންމީދާއެކުގައި ބައިވެރިވާއިރު ރާއްޖެއިން، ދެކަމެއްގައި ވަރަށްބޮޑަށް ވަކާލާތު ކުރުމަށް ހަމަޖެހިފައިވާކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ވިދާޅުވެއެވެ. އެގޮތުން ތިމާވެށީގެ މައްސައްލަ ޙައްލުކުރުމަށް ބޮޑެތި ޤައުމުތަކުން ކުރާ ހޭދަ އިތުރުކުރުމަށާއި ޓެކްނޮލޮޖީއާއި މާލީގޮތުން ފުދުންތެރި ޤައުމުތަކުން ދުނިޔޭގެ ފިހިނިހޫނުމިން 1.5 ޑިގްރީގައި ބެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އިތުރުކުރުމަށް އެއްބަސްކުރުވުމެވެ.

މިމަހުގެ 31ގައި ފަށާ ކޮޕް 26، ފެށުމަށް ޤައުމުތަކުން ސްކޮޓްލޭންޑްގެ ގްލާސްގޯވއަށް ދަތުރުކުރަމުން ދިޔަނަމަވެސް ބައެއް ޤައުމުތަކާއި ޖަމްޢިއްޔާތަކުން މި ސަމިޓާމެދު މާބޮޑު އުއްމީދެއްނެތެވެ. އެހެންނަމަވެސް މިއީ ދުނިޔޭގެ ކުރިމަގާ ގުޅޭގޮތުން ބޮޑު ނިންމުމެއް ކޮންމެޙާލެއްގައިވެސް ނިންމަންޖެހޭ ސަމިޓެއްކަމަށް ހުރިހާ ޤައުމަކުންވެސް ޤަބޫލުކުރެއެވެ. މިގޮތުން މިފަހަރުގެ ސަމިޓުގައި ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް ބަލަން ބޭނުންވަނީ ދުނިޔެއަށް އެންމެ ގިނައިން ވިހަ ގޭސް ބޭރުކުރާ ޗައިނާއާއި އެމެރިކާގެ ނިންމުމެވެ.