ދީން

އަތޮޅުތަކުގެ ފުރަތަމަ ޙިފްޡު ކޮމެޓީ ފުވައްމުލަކުގައި

ފުވައްމުލަކު ސިޓީގެ ޙިފްޡު ކޮމެޓީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިފްތިތާޙުކޮށްދެއްވައިފިއެވެ. މިއީ އަތޮޅުތަކުގައި ޤާއިމުކުރި މިފަދަ ފުރަތަމަ ކޮމެޓީއެވެ.

ފުވައްމުލަކު ސިޓީގެ ޙިފްޡު ކޮމެޓީ އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، ރައްޔިތުން އެކިއެކި ޚިދުމަތްތައް ހޯދުމަށް ހަމައެކަނި މާލރ ސަރަޙައްދަށް ބަރޯސާވުމުގެ ބަދަލުގައި، އަތޮޅުތަކުން އެޚިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ ވަރަށް މުހިއްމު އަމާޒެއްކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ޚިދުމަތްތައް އަތޮޅުތަކަށް ދޫކޮށްލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުވައްމުލައް ސިޓީއަކީ ކީރިތި ޤުރުއާން ހިތުދަސް ދިނަ ޢަދަދެއްގެ ޙާފިޡުން އުޅޭ ސިޓީއެއްކަމުން މިފަދަ ޚިދުމަތެއް އެސިޓީގައި ލިބިގެންދިއުމުން، ހާފިޡުކަމުގެ ސަނަދު ހޯދަން މާލެއަށް ދާންނުޖެހި، އަމިއްލަ ވަޒަނުގައި ތިބެގެން އެކަން ކުރުމުގެ މަގު ފަހިވެގެންދާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"ޙިފްޡު ކޮމެޓީގެ މަސައްކަތްތަކާއެކު ގުރުޢާން ހިތުދަސް ހާފިޡުންނަށްވެސް ހާފިޡުކަމުގެ ސަނަދު ފަސޭހައިން ހޯދޭނެ ފުރުޞަތު މި ލިބުނީ. މި ސަރުކާރުން ދީނީ ކަންކަމަށް ވަރަށްބޮޑު އިސްކަމެއްދޭ. މި ސިޓީގައި ޤުރުއާނާ ބެހޭ މަރުކަޒެއް ތަރައްޤީވެގެންދާއިރު، އޭގެ ފަސޭހަކަން މުޅި މި ސަރަޙައްދަށް ލިބިގެންދާނެ" ނައިބު ރައީސް ވިދާޅުވިއެވެ.

ހާފިޡުކަމުގެ ސަނަދު ދޫކުރުމުގެ ކަންކަން މީގެކުރިން ކުރަމުންދިޔައީ ހަމައެކަނި މާލެ ސިޓީގައެވެ. އެގޮތުން ޤުރުއާނާބެހޭ މަރުކަޒުން އެކަމަށް ޚާއްސަކޮށްފައިވާ ކޮމެޓީއަށް ކަނޑައެޅޭ ވަކި ތާވަލެއްގެ މަތިން ކިޔައިދޭން ޖެހެއެވެ.

މިއީ ވަރަށް ބޮޑު ހޭދައެއްކުރަންޖެހޭ އަދި ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހޭކަމެކެވެ. އެހެންނަމަވެސް އަތޮޅުތަކުގައި ކައުންސިލްތަކާ ގުޅިގެން އުފައްދާ މިފަދަ ޙިފްޡު ކޮމެޓީތައް ޤާއިމުވެގެންދިއުމުން އަތޮޅުތަކުން ފަސޭހަކަމާއެކު މިޚިދުމަތް ލިބިގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ފުވައްމުލައް ސިޓީގެ އިތުރުން ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައިވެސް މިފަދަ ޙިފްޡު ކޮމެޓީތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.