ޚަބަރު

"ޙަރާމް ގޮތުގައި ފައިސާ ހޯދުމަށް ފަހު، އެ ކަމުން ސަލާމަތްވާން އެދޭ މީހުންނަށް އޮތީ ތައުބާވުން"


  • ޖުވާ ކުޅުމަކީ އިސްލާމް ދީނުގައި ޙަރާމްކަމެއް

  • ޙަލާލު އާމްދަނީގައި ދިރިއުޅުމަކީ ދުޢާ އިޖާބަކުރެއްވުން އަވަސްވާނޭކަމެއް

ޖުވާގެ ބާޒާރަށް ވަދެ، ޙަރާމް ގޮތުގައި ފައިސާ ހޯދުމަށް ފަހު، އެ ކަމުން ސަލާމަތްވާން އެދޭ މީހުންނަށް އޮތީ ތައުބާވުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިހަފްތާގެ ހުކުރު ޚުޠުބާ ޚާއްސަކޮށްފައިވަނީ " ޖުވާއާއި އޭގެ އާމްދަނީ ޙަރާމު" މި މައުޟޫއަށެވެ.

ޖުވާއަކީ، ފައިސާ ބަހައްޓައިގެން ބަޔަކު މީހުންގެ މެދުގައި ކުޅެ، މޮޅުވާ މީހާއަށް ނުވަތަ ޓީމަށް އެ އެންމެން ބެހެއްޓި ފައިސާ ނުވަތަ އެއިން ބައެއް ލިބޭ ގޮތަށް ކުޅޭ ކޮންމެ ކުޅިވަރެކެވެ. މިއީ އިސްލާމް ދީނުގައި ޙަރާމްކަމެކެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ ޙަރާމް ގޮތުގައި ހޯދާ އެއްވެސް އެއްޗެއް، ކެއުމަށް ވެސް އަދި އެހެން ކަމަކަށް ވެސް ބޭނުންކުރުން ހުއްދަ ނުވާނެ ކަމަށެވެ. ސަބަބަކީ އެފަދަ އެއްޗެއް ކައިގެން ހަށިގަނޑުގައި އުފެދޭ މަހާއި ލެއަށް ޙައްޤުކަން ބޮޑީ ނަރަކަ ކަމުގައިވާތީ ކަމަށް ޚިޠުބާގައި ވިދާޅުވިއެވެ.

"މުސްލިމް އަޚުންނޭވެ! ޖުވާކުޅުމަކީ ދުންޔަވީ ގޮތުން ވެސް ގެއްލުން ހުރި ކަމެކެވެ. ފައިސާ ބަހައްޓައިގެން ކުޅޭ ކުޅިވަރުތަކުގައި، ބަލިވާ މީހާ، މޮޅުވާ މީހާއަށް އޭނާ ބެހެއްޓި ފައިސާ ދޭން ޖެހެއެވެ. ބައެއްފަހަރު، މޮޅުވި މީހާ، އެ ކަމަށް ކުރި ހުރިހައި ޚަރަދެއް ދޭން ޖެހެއެވެ. އެންމެ ފަހުން ބަލިވީ މީހާ ދަރަނިވެރިވެ، ބަނގުރޫޓުވެއެވެ" ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ ޖުވާގެ ބާވަތްތައް ޙަރާމްވީ، ނުޙައްޤުން މީސްތަކުންގެ މުދަލަށް އަރައިގަނެވޭތީ ކަމަށާއި ފައިދާވާ މީހާއަށް އެ ލިބެނީ ޙަރާމް މުދަލެއްކަމުގައި ވާތީކަމަށެވެ.
ޚިޠުބާގައި ވިދާޅުވީ ޖުވާގެ ބާޒާރަށް ވަދެ، ޙަރާމް ގޮތުގައި ފައިސާ ހޯދުމަށް ފަހު، މި ކަމުން ސަލާމަތްވާން އެދޭ މީހުންނަށް އޮތީ ތައުބާވުން ކަމަށެވެ.

"އަލްމައުސޫޢަތުލްފިޤްހިއްޔާގައި ބުނެފައިވާ ގޮތުގައި، ޖުވާ ކުޅޭ މީހާ އެ ހޯދަނީ ޙަރާމް ފައިސާއެވެ. އޭނާ އެ ކަމުން މިންޖުވާން އެދޭ ނަމަ އޮތް ގޮތަކީ އޭނާއަށް ނުޙައްޤުން އެ ފައިސާ ލިބުނީ ކޮން ބަޔެއްގެ އަތުންކަން އެނގޭ ނަމަ އެ ބަޔަކަށް އެ ފައިސާ ރައްދުކުރުމެވެ. އެ ގޮތަށް އެ ފައިސާ ރައްދުކުރެވޭނެ ގޮތެއް ނެތް ނަމަ އެ މީހުންގެ ނަމުގައި ފަޤީރުންނަށް އެ ފައިސާ ދިނުމެވެ." ޚުޠުބާގައިވާ ވިދާޅުވިއެވެ.

ކެއިންބުއިމާއި، ފޭރާންލުމާއި، ހަށިގަނޑަށް ލިބޭ ހަކަތައާއި ޣިޛާއަކީ ޙަލާލު އާމްދަނީކަމުގައި ވުމަކީ ދުޢާ އިޖާބަކުރެއްވުން އަވަސްވާނޭކަމެއްކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.