ތަޢުލީމު

މިހާރަށްވުރެ ބޮޑަށް ދަރިވަރުންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭން ޖެހޭ : ނައިބު ރައީސް


ދިރިއުޅުމަށް ބޭނުންވާ އެކިކަހަލަ ހުނަރާއި ފަންނުވެރިކަން ދަރިވަރުންގެ ކިބައިގައި މިހާރަށްވުރެ ބޮޑަށް އަށަގަންނުވަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިޞަލް ނަސީމް މިހެން ވިދާޅުވީ، ފުވައްމުލަކު މުޙައްމަދު ޖަމާލުއްދީން ސްކޫލުގައި އަލަށް އިމާރާތްކުރި މަލްޓި-ޕަރޕަސް ހޯލުގެ މަސައްކަތް ނިންމާ، ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ އައު މަލްޓި-ޕަރޕަސް ހޯލު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަރިހުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީއާއި، އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމާއި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރާއި، ފުވައްމުލައް ސިޓީ ކައުންސިލުގެ މެންބަރުންގެ އިތުރުން ސްކޫލުގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއްކުރާ އެއްދާއިރާއަކީ ތަޢުލީމީ ދާއިރާކަމަށެވެ. އަދި ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ދަރިވަރުންނަށް ސްކޫލް މާހައުލުން ޢިލްމާއެކު ދިރިއުޅުމަށް ބޭނުންވާ ތަފާތު ހުނަރުތައް ދަސްކޮށްދޭންޖެހޭކަމަށެވެ. އަދި ދިރިއުޅުމަށް ކުއްޖާ ތައްޔާރުވުމުގެގޮތުން ބޭނުންވާ އެކިކަހަލަ ފަންނުވެރިކަމާއި މަސައްކަތްތެރިކަން މިހާރަށްވުރެ ބޮޑަށް ސްކޫލް މާހައުލުގެ ތެރެއިން ދަސްކޮށްދޭންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދަރިވަރުންނަކީ ދިރިއުޅުމަށް އަހުލުވެރި، މަސައްކަތްތެރި ފަންނީ ބަޔަކަށް ވާން އެބަޖެހޭ. ކްލާސްރޫމްތަކުގެ ތެރޭގައި ނަގައިދޭ ފިލާވަޅުތަކުގެ އިތުރަށް ދިރިއުޅުމަށް ބޭނުންވާ ތަފާތު ހުނަރުތަކާއި މަސައްކަތްތައް މިހާރަށް ވުރެ ބޮޑަށް ކިޔައިދީ ދަސްކޮށްދޭން އެބަޖެހޭ." ނައިބު ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ، ސަރުކާރުގެ ވަށާޖެހޭ ތަޢުލީމުގެ ސިޔާސަތު ތަންފީޒުކުރުމަށްޓަކާ ސްކޫލްތަކަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތައް ޤާއިމުކުރުމުގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާކަމަށެވެ. އެގޮތުން މިވަގުތުވެސް 166 މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި 1039 ކްލާސްރޫމާއި، 69 މަލްޓި-ޕަރޕަސް ހޯލް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މުޙައްމަދު ޖަމާލުއްދީން ސްކޫލުގައި އިމާރާތްކުރި މަލްޓި-ޕަރޕަސް ހޯލާއެކު ދަރިވަރުންނަށް އުނގަންނައިދިނުމަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވައި އެ ސްކޫލުގައި ޢިމާރާތްކުރަމުންދާ 16 ކްލާސްރޫމާއި، ކޮމްޕިއުޓަރ ލެބްގެ މަސައްކަތް ނިމުމާއެކު، ސްކޫލްގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ވަނީ މި ހޯލުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް ގޮވާލައްވާފައެވެ.

"ދަރިވަރުންނަށް ކިޔެވުމުގެ ތެރެއިން އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް މި ހޯލުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފާނެކަމަށް އުއްމީދުކުރަން. ދިވެހި ބަހާއި ސަޤާފަތާއި ގުޅުންހުރި އެކި އެކި މުބާރާތްތަކާއި، މައުރަޒުތަކާއި، އެނޫންވެސް ހަރަކާތްތަކަށް މި ހޯލު ބޭނުންކުރާނެކަމަށް އުއްމީދުކުރަން." ޑރ.ޢާއިޝަތު ޢަލީ ވިދާޅުވިއެވެ.

މުޙައްމަދު ޖަމާލުއްދީން ސްކޫލުގައި ސަރުކާރުން ތަރައްޤީކުރި މަލްޓި-ޕަރޕަސް ފަރުމާކޮށްފައިވަނީ ތަފާތު އެކި ބޭނުންތައް ކުރެވޭނެހެން، ޖާގަ ތަނަވަސްކޮށެވެ. އަދި ހޯލުގައި ހަދާފައިވާ ސްޓޭޖަށް ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފަސޭހައިން އަރައި ފޭބޭނެހެން ރޭމްޕެއްވެސް ހާދަފައިވެއެވެ. މި ހޯލުގެ މަސައްކަތް ކޮށްފައިވަނީ އިނޯކާ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ. މިއީ ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 6.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ ހޯލެކެވެ. މި ހޯލާއެކު ދަރިވަރުންނަށް ކުޅިވަރުގެ ހަރަކާތްތަކާއި، އިތުރު ހަރަކާތްތައް ފަސޭހަކަމާއެކު ބޭއްވޭނެ ފުރުޞަތު ލިބިގެންދާނެއެވެ.

ފުވައްމުލަކުގެ 4 އަވަށުގައި ހިމެނޭ ސްކޫލްތަކުގެ ތެރެއިން ދަނޑިމަގު އަވަށުގައި ހުންނަ މުޙައްމަދު ޖަމާލުއްދީން ސްކޫލަކީ އެންމެ ގިނަ އަދަދެއްގެ ދަރިވަރުން ތަޢުލީމު ޙާޞިލުކުރަމުންދާ ސްކޫލެވެ. އެ ސްކޫލުގައި އެލް.ކޭ.ޖީން ފެށިގެން ގްރޭޑް 12 އާއި ހަމައަށް 700އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.