ތަރައްްޤީ

ތަރައްޤީގެ މަޝްރޫޢުތަކުގެ ކޮލިޓީ ހިފެހެއްޓޭކަން ޔަޤީންކުރާނެ: ނައިބު ރައީސް


މި ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަކީ ކޮލެޓީ ހިފެހެއްޓިގެން ހިންގާ މަޝްރޫޢުތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، ފުވައްމުލައް ސިޓީގައި ސަރުކާރުން އަލަށް ބިނާ ކުރާ މަސްޖިދުލް ހުދާގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މަސްޖިދުލް ހުދާގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވިސްނުންފުޅަކީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ވީހާވެސް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުންކަމަށާއި، ސަރުކާރުން މަސައްކަތް ކުރަމުންދަނީވެސް އެ އަމާޒަށް ކަންކަން ބައްޓަންކުރަންކަމަށެވެ.

އެގޮތުން ތަޢުލީމާއި ޞިއްޙަތު، ދީނީ ހޭލުންތެރިކަމާއި، ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރާޢްޖޭގެ އެކި ސަރަޙައްދުތަކުގައި ގިނަ މަސައްކަތްތަކެއް މިވަގުތުވެސް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ދައުލަތުން ޚަރަދުކޮށްގެން މި ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަކީ، ކަމަކަށް ކަމެއް ކުރުމުގެ ބަދަލުގައި ރައްޔިތުން އެދޭގޮތަށް، ކޮލެޓީއާއި ފެންވަރު ހިފެހެއްޓިގެން ހިންގޭ މަޝްރޫޢުތަކެއްކަމަށެވެ.

"މީގެ ކުރިން އަޅުގަނޑުމެންނަށް ތަޖުރިބާކުރެވިފައި އެބަހުރި ވަކި ކަމަކާއި ނުވަތަ ވަކި ދުވަސްވަރަކާ ދިމާކޮށް މަޝްރޫޢުތައް ހިންގި ތަން. އެކަމުގެ މިސާލެއް 2018 ވަނަ އަހަރު ރާއްޖޭގެ ރަށެއްގައި އިމާރާތްކޮށް ނިންމާފައި ހުރި ބޮޑު މިސްކިތެއް ނުހުޅުވި ލަސްވެގެން ދިޔަދިއުން. އެތަނުގެ މަސައްކަތް ނިމި، ނުހުޅުވެނިސް މިސްކިތުގެ މުށިތައް ނެއްޓިއްޖެ. މިސްކިތަށް ފެންވަދޭ" ނައިބު ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މަސްޖިދުލް ހުދާގެ އަމަލީ މަސައްކަތް ފެށުމުގައި ބައިވެރިވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެން ފަޚުރަކާއި ޝަރަފެއްކަމަށް ވިދާޅުވިއެވެ. އަދި މި މިސްކިތަކީ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށްވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭނެހެން ބިނާކުރެވޭ މިސްކިތަކަށް ހެއްދެވުމަށް މަޝްރޫޢުގެ ކޮންޓްރެކްޓަރުގެ ކިބައިން އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ، މި މިސްކިތަކީ އާއްމުކޮށް ރަށްރަށުގައި ބިނާކުރާ މިސްކިތްތަކާ ތަފާތު ޑިޒައިނަކަށް ފަރުމާކޮށްފައިވާ މިސްކިތެއްކަމަށެވެ. އަދި މިސްކިތް ޑިޒައިންކޮށްފައިވަނީ ބިމުގެ ޖާގަ އެންމެ ފުރިހަމައަށް ބޭނުންކުރެވޭނެހެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިސްކިތް ބިނާކުރެވުމާއެކު، ސާފުތާހިރުކަމާއެކު މިސްކިތް ރައްކާތެރިގޮތުގައި ބެލެހެއްޓުމަށް މިނިސްޓަރ ޒާހިރު ވަނީ ބާރު އަޅުއްވާފައެވެ.

"މިސްކިތެއް އަދިހަމަ ބިނާކޮށްލުމަކުން ނުއެއްނިމޭ. އަޅުކަމުން މިސްކިތް ޒީނަތްތެރިކުރަން އެބަޖެހޭ. މި މިސްކިތުގެ މަސައްކަތް ނިމުމުން ސާފުތާހިރުކަމާއެކު މިސްކިތް ބެލެހެއްޓުމަށް ސަމާލުވާންޖެހޭ. މިސްކިތުގެ ހުރުމަތް ކެނޑޭފަދަ ކަންކަން ކުރާކަށް އަޅުގަނޑުމެންގެ ދީނުގައިވެސް ހުއްދައެއްނުކުރޭ" މިނިސްޓަރ ޑރ. ޒާހިރު ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީގެ މިސްކިތްމަގު އަވަށުގައި ބިނާކުރާ މަސްޖިދުލް ހުދާއަކީ 450 މީހުންގެ ޖާގައިގެ މިސްކިތެކެވެ. 2 ފަންގިފިލާއަށް ބިނާކުރާ މި މިސްކިތުގައި އަންހެނުންނަށް ނަމާދުކުރުމަށް ބޭނުންވާ ޖާގަވެސް ވަނީ ހަމަޖައްސާފައެވެ.

333 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށް މި މަޝްރޫޢުގެ މަސައްކަތް ސަރުކާރުން ޙަވާލުކޮށްފައިވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާއެކު އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 8 އޯގަސްޓް 2021 ގައެވެ. މިއީ ދަޢުލަތުން 8.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ބިނާ ކުރާ މިސްކިތެކެވެ.