ޚަބަރު

ޓަރގެޓަކީ އަންނަ އަހަރު ދެކުނުގެ ފެރީ ނިޒާމު ފެށުން: އަސްލަމް


ދިވެހިރާއްޖޭގެ ރަށްތައް ހައި-ސްޕީޑް ފެރީ ނިޒާމުން ގުޅާލުމަށް ކުރިއަށްދާ މަސައްކަތުގައި އަންނަ އަހަރު ޚާއްސަ ކުރާނީ ދެކުނުގެ 4 އަތޮޅު ގުޅާލުމަށް ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ދުބާއީ އެކްސްޕޯ 2020ގައި ބޭއްވި ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުގައި މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ މިއަހަރު އުތުރުގެ 3 އަތޮޅުގައި ޚިދުމަތް ފެށުމަށް ޢަމާޒުހިފި ނަމަވެސް، މިހާރު ލަފާކުރާގޮތުން މިއަހަރު ޚިދުމަތް ފެށޭނީ ހދ.އަތޮޅުގައިކަމަށެވެ.

ނަމަވެސް އަންނަ އަހަރުގެ ވަރަށް ކުރީކޮޅު، ޒޯން 1ގައި ހިމެނޭ ހއ، ހދ އަދި ށ އަތޮޅުގެ ހުރިހާ ރަށްތަކަށް ޚިދުމަތް ފަށާނެކަމަށެވެ. މި ޒޯންގައި މީހުން ދިރިއުޅޭ 40 ރަށް ހިމެނެއެވެ.

އިންޓަރގްރޭޓެޑް ނެޝަނަލް ފެރީ ނިޒާމަކީ، ހައި ސްޕީޑް ފެރީ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލުމަށް ސަރުކާރުން ފަށާފައިވާ، ދަތުރުފަތުރާ ގުޅޭ އެންމެ ބޮޑު މަޝްރޫޢެވެ. މި މަޝްރޫޢުގެ ޚިދުމަތް ފެށުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާއިރު، ފެރީ ނިޒާމު ހިންގުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއެވެ.

"އަންނަ އަހަރުގެ ވަރަށް ކުރީކޮޅު އުތުރުގެ 3އަތޮޅު ހިމެނޭ މުޅި ޒޯނަށް ޚިދުމަތް ފަށާނަން. ޕްރޮޖެކްޓްގެ އަންނަ އަހަރުގެ ޓަރގެޓަކީ އެންމެ ދެކުނުގެ 4އަތޮޅުގަ ޚިދުމަތް ފެށުން. އެއަށްފަހު 2023ގައި ދެން ހުރި ރަށްތަކަށް ޚިދުމަތް ފަށާނީ." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ފެރީގެ ޚިދުމަތް ފަށާނީ ރާއްޖޭގެ އަތޮޅުތައް 6 ޒޯނަށް ބަހާލައިގެންނެވެ.

ޒޯން 1ގެ އަތޮޅުގެ ޚިދުމަތް ފެށުމަށް 17 ފެރީ ބަނދެއެވެ. މީގެތެރެއިން ފުރަތަމަ ފެރީ ޓެސްޓުކުރުމުގެ މަސައްކަތްވަނީ ކުރިއަށްގެންގޮސްފައެވެ. އިތުރު 3 ފެރީގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މި ފެރީ ތަކަކީ މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ ބާރު، 30ނޮޓްސްގެ ބާރުމިނުގައި ދުވާ ފެރީތަކެކެވެ. 50މީހުންގެ ޖާގައިގެ ފެރީތައް ފަރުމާކޮށްފައިވަނީ، ޖާގަ ތަނަވަސް، މީހުން އުފުލުމުގެ ޚިދުމަތަށް ޚާއްސަ ފެރީގެ ގޮތުގައެވެ. މި ފެރީގައި އެނދުމަތިކޮށްގެން އުފުލަންޖެހޭ ބަލިމީހުންނާއި ފުރޮޅުލީ ގޮނޑީގަ އުޅޭ މީހުންނަށްވެސް ފަސޭހައިން ދަތުރުކުރެވޭނެއެވެ.

ފެރީ ނިޒާމުގެ ޚިދުމަތަށް ބޭނުންވާ ފެރީ ޓަރމިނަލްތަކާއި، އަދި ފެރީ ސްޓޮޕްތައް ހެދުމުގެ މަސައްކަތްދަނީ ކުރިއަށްގެންދަމުންނެވެ.