2018ވަނަ އަހަރު ތަރައްޤީކޮށް ނިންމި މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ މުޅިން ނަގާ، ދެރަށް ގުޅާލުމަށް ބްރިޖެއް ހެދުމަށް ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރީ ކުރިންވެސް މަސައްކަތް ކުރިއަށްގެންދިޔަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއެވެ.
އެއް ފަޅެއްގައި އޮންނަ މަޑަވެލި-ހޯނޑެއްދޫ ގުޅާލުމަށް ކޯޒްވޭގެ މަސައްކަތްފެށީ ކުރީ ސަރުކާރުން 2016ވަނަ އަހަރުއެވެ. އެ މަސައްކަތް ނިންމާ ބޭނުންކުރަންފެށީ 2018ވަނަ އަހަރުއެވެ.
ނަމަވެސް ކޯޒްވޭ އަޅާފައިވަނީ ފަޅު ހުރަސްކޮށް، އަޑިން އޮއެ ދައުރުކުރާނެ ރަނގަޅު ނިޒާމެއް ނެތި ކަމަށްވާތީ، ތިމާވެށީގެ ގިނަ މައްސަލަތަކެއް ދެ ރަށަށް ކުރިމަތިވާންފެށިއެވެ. ޚާއްސަކޮށް އުދައިގެގެ ލޮނުގަނޑު ކޯޒްވޭގެ މައްޗަށް އަރާ ރަށުތެރެއަށް ރާޅު އަރަމުންދިއުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވިއެވެ. ރަށުތެރެއަށް ލޮނު ވަންނަމުންދިއުމުގެ ސަބަބުން ހޯނޑެއްދޫ ދަނޑުބިންތަކަށްވެސް ގެއްލުންވަމުންދިޔައެވެ. އަދި ރަށްގިރުމުގެ މައްސަލަވެސްދަނީ ކުރިމަތިވަމުންނެވެ.
ކޯޒްވޭ ހަދާފައިވަނީ ކޮންކްރީޓް ބޭސް ލޭޔަރއެއްއަޅާ، އޭގެ މައްޗަށް ވެލި އަޅައި އަރިމަތީގައި ރިވެޓްމަންޓްޖަހައިގެންނެވެ. ރާޅުއަރާތީ ރަށުގެ ރައްޔިތުން ނުކުމެވަނީ އޮއެދައުރުވާގޮތަށް ކޯސްވޭ މެދުން ކަނޑާލާފައެވެ. މިހާރު މަގުގެ ބޭނުން ރަށްތަކުގެ ރައްޔިތުންނަށް ނުހިފެއެވެ.
މި މައްސަލަ ޙައްލުކޮށްދިނުމަށް އެދި މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީންވެސް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ހުށައެޅިއެވެ.
މައްސަލަ ޙައްލުކުރުމަށް، މިހާރު އޮތް ކޯޒްވޭ ނަގާ އާ ބްރިޖެއް އެޅުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީއިން މިވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. ކޯޒްވޭ އަޅަނީ ދެރަށް ދެމެދުގައި އޮންނަ ގދ.ހާދު ކިޔާ ކުޑަ ފަޅުރަށް ހުރަސްކޮށެވެ.
އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، 223 މީޓަރުގެ ބްރިޖަކުން ގދ.މަޑަވެއްޔާ ގދ.ހާދޫ އަދި 160މީޓަރުގެ ބްރިޖަކުން ގދ.ހާދޫ އާއި ގދ.ހޯނޑެއްދޫ ގުޅާލުމަށެވެ. ދެން ހިމެނެނީ 262 މީޓަރުގެ މަގު ހެދުމާއި، 260 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 10މަސްދުވަހުން ނިންމާގޮތަށެވެ. މުޅި މަޝްރޫޢުގެ އަގަކީ 84.2މިލިއަން ރުފިޔާއެވެ.
މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭއަކީ ދަޢުލަތުން 29މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. ކޯޒްވޭއަކީ 440މީޓަރު ދިގު، 7މީޓަރު ފުޅާ ކޯޒްވޭއެކެވެ.