ޚަބަރު

މިއަދު 149 މީހުން ކޯވިޑަށް ޕޮޒިޓިވް: ޖުމްލަ 87،000އިން މައްޗަށް


ވޭތުވެދިޔަ 24ގަޑިއިރު ރާއްޖެއިން 140އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވެ، ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 87،000އިން މައްޗަށް އަރައިފިއެވެ.

ރާއްޖެއިން މިހާރު ކޯވިޑް19ގެ ގިނަ ކޭސްތަކެއް ފެންނަމުންދަނީ އަތޮޅުތެރޭގެ ރަށްރަށުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި 149 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 39 މީހުންނާއި، އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވި 85 މީހުންނެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 25 މީހަކުވެސް މީގެ ތެރޭގައި ހިމެނެއެވެ.

އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 87،0717 އަށް އަރާފައެވެ. އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ފަރުވާ ހޯދާ މީހުންގެ އަދަދު މިހާރުވަނީ 1550 އަށް އިތުރުވެފައެވެ. މީގެ ތެރެއިން މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން، 22މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 123 މީހުން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 85،268 އަށް އަރާފައެވެ.

ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 3357 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 240 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.