ޚަބަރު

ތުރުކީގެ ރިކޯޑު ފީއަކަށް އޮސީމެން ގަލަތަސަރާއީއަށް


އިޓަލީގެ ނާޕޮލީއަށް ކުޅެމުން އައި ނައިޖީރިއާގެ ފޯވާޑް ވިކްޓަރ އޮސީމެން، ތުރުކީގެ ރިކޯޑު ފީއަކަށް ގަލަތަސަރާއީއަށް ސޮއިކޮށްފިއެވެ.

އުމުރުން 26 އަހަރުގެ އޮސިމޭން ލޯނު އެއްބަސްވުމެއްގެ ދަށުން ގަލަތަސަރާއީ އާއި ގުޅިފައިވަނީ މިދިޔަ ސީޒަނުގަ އެވެ. އަދި އޭނާ އާއިއެކު ދާއިމީ އެއްބަސްވުމެއްގައި ސޮއި ކުރުމަށް އެ ކްލަބުން މީގެ ކުރިން ކުރި މަސައްކަތް ނަޕޮލީ އިން ވަނީ ހުއްޓުވާފަ އެވެ.

ގަލަތަސަރާއީ އިން އޮސިމޭން އާއިއެކު ދާއިމީ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވަނީ 75 މިލިއަން ޔޫރޯގެ ފީއެއްގެ ދަށުންނެވެ. މިއީ ތުރުކީގެ ފުޓްބޯޅައިގެ ތަރީޚުގައިވެސް ކުޅުންތެރިއަކު ހޯދުމަށް އެ ގައުމުގެ ކްލަބަކުން ހޭދަކުރި އެންމެ ބޮޑު އަދަދެވެ. މީގެ ކުރިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ ތުރުކީގެ ކްލަބަކީ ވާދަވެރި ފެނަބާޗޭ އިން ޔޫސެފް އެން ނެސޭރީ ހޯދުމަށް ސްޕެއިނުގެ ސެވިއްޔާއަށް ދިން 20 މިލިއަން ޔޫރޯގެ ފީ އެވެ.

ގަލަތަސަރާއީ އިން އޮސިމޭން އާއިއެކު ދާއިމީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު, މި އެއްބަސްވުމުގެ ދަށުން އޭނާ އެހެން ކްލަބަކަށް ވިއްކާލައިފިނަމަ ގަލަތަސަރާއީ އަށް ލިބޭ ފައިދާގެ %10 ނަޕޮލީ އަށް ދޭން ޖެހެ އެވެ.

އަދި މުސާރައިގެ ގޮތުގައި އޮސިމޭން އަށް އަހަރަކީ 15 މިލިއަން ޔޫރޯ ލިބިގެންދާއިރު ލޯޔަލްޓީ ބޯނަސްގެ ގޮތުގައި އިތުރު އެއް މިލިއަން ޔޫރޯ ކޮންމެ ސީޒަނަކަށް ލިބިގެންދާނެ އެވެ. އަދި އިމޭޖް ރައިޓްސްގެ ގޮތުގައި އިތުރު 5 މިލިއަން ޔޫރޯ އޭނާއަށް ލިބޭނެ އެވެ.

ލޯނު އެއްބަސްވުމެއްގެ ދަށުން މިދިޔަ ސީޒަނުގައި ގަލަތަސަރާއީ އަށް ކުޅުނު އޮސިމޭން ވަނީ މިދިޔަ ސީޒަނުގައި އެ ޓީމަށް 25 ވަނަ ފަހަރަށް ތުރުކީގެ ލީގު ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި 37 ގޯލު ޖަހާ އިތުރު 8 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.