ޚަބަރު

"މީމު އެއަރޕޯޓް"ގެ ޢަމަލީ މަސައްކަތް ފަށައިފި


"މީމު އެއަރޕޯޓް" މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި އެއަރޕޯޓް ތަރައްޤީކުރަނީ މުލަކަތޮޅު މުލީގައެވެ.

"މީމު އެއަރޕޯޓް"ގެ މަސައްކަތް ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ މިއަހަރުގެ އޭޕްރީލްމަހުއެވެ. މިއީ މީމު އަތޮޅުގައި އަޅާ ފުރަތަމަ އެއަރޕޯޓެވެ. މި އެއަރޕޯޓާއެކު ސަރުކާރުންވެފައިވާ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނެޓުގެ ތެރޭގައި އެއަރޕޯޓެއް އޮންނަ ރަށަކަށް ދެވުމުގެ ވަޢުދު ފުއްދޭނެއެވެ.

މީމު އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއެވެ. އެއަރޕޯޓް މަޝްރޫޢު އިފްތިތާޙުކޮށް ގިނަ މަސްތަކެއްވީއިރުވެސް، އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ނުފެށި ލަސްވީ، ރަށުގެ ރައްޔިތުންގެ އެދުމާއެކު ޕްރޮޖެކްޓްގެ ކުރެހުންތަކަށް ބައެއް ބަދަލުތައް ގެންނަންޖެހުމުގެ ސަބަބުން ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. ނަމަވެސް އެމްޓީސީސީން މިހާރު މިވަނީ މީމު އެއަރޕޯޓްގެ ޢަމަލީ މަސައްކަތް މުލީގައި ފަށާފައެވެ.

އެންމެ ފުރަތަމަ މަސައްކަތް ފަށާފައިވަނީ އެއަރޕޯޓްގެ ފަޔަރ ބިލްޑިންގްގެ މަސައްކަތެވެ. ފަޔަރަ ބިލްޑިންގ އިމާރާތުގެ ފައުންޑޭޝަން މަސައްކަތާއި ތަނބުތައް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި މަސައްކަތްތައް އަންނަ ހަފްތާ ތެރޭގައި ނިންމާ، އިމާރާތް ރޭނުމުގެ މަސައްކަތް ފަށާނެއެވެ.

އެއަރޕޯޓްގެ މަސައްކަތް މުލީގައި ކުރިއަށްގެންދަނީ އިތުރަށް ބިން ހިއްކައިގެންނެވެ. 2018 ވަނަ އަހަރުވަނީ މުލީން 40 ހެކްޓަރުގެ ބިން ހިއްކާފައެވެ. މުލީ އެއަރޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ސަރުކާރުން ހަވާލުކޮށްފައިވަނީ އިތުރު 14 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތާއެކުއެވެ. އަދި 1812 މީޓަރުގެ ސަރަޙައްދުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްވެސް މީގެ ތެރޭގައި ހިމެނެއެވެ.

މީމު އެއަރޕޯޓުގެ ރަންވޭއަކީ 1200މީޓަރު ދިގު، 30މީޓަރު ފުޅާ ރަންވޭއެވެ. ރަންވޭގެ އިތުރުން ޓެކްސީވޭއާއި، ފްލައިޓް ޕާކިން އޭރިއާއަކާއި، ޓަރމިނަލް އިމާރާތް އެޅުންވެސް މިމަސައްކަތުގެ ތެރޭގައި ހިމެނެއެވެ. މި މަޝްރޫޢަށް 221 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރެއެވެ.

މުލީގައި ތަރައްޤީކުރާ އެއަރޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ތަރައްޤީކުރާ އެއަރޕޯޓެކެވެ. އެއަރޕޯޓް މަޝްރޫޢުވެގެންދާނީ މުޅި އަތޮޅަށް އިޤްތިޞާދީ ފައިދާ ކުރާނެ މަޝްރޫޢަކަށެވެ. އެގޮތުން އާއްމުންނަށް ލިބޭ ދަތުރުފަތުރުގެ ލުއިތަކުގެ އިތުރުން، މުޅި އަތޮޅަށް ފަތުރުވެރިކަން ފުޅާވެގެން ދިއުމަކީ އަތޮޅުގެ ރައްޔިތުންގެ އުއްމީދެވެ. މިއާއެކު މުޅި އަތޮޅުގެ އާމްދަނީ އެތައް ގޮތަކުން އިތުރުވެގެންދާނެއެވެ.

މ.އަތޮޅުގައި މިހާރު އެއް ރިސޯޓް ހިންގި ނަމަވެސް ސަރުކާރުން ނިންމާފައިވަނީ އަތޮޅުގެ 13 ރަށެއް ފަތުރުވެރިކަމަށް ދޫކުރުމަށެވެ.

މުލަކަތޮޅުގައި 38ރަށް އޮންނައިރު މީހުން ދިރިއުޅޭ އޮންނަނީ 8 ރަށެވެ. މުޅި އަތޮޅުގެ އާބާދީ 7000އިން މައްޗަށް އަރައެވެ.