ޚަބަރު

އައު ރަށްތަކެއް ޓޫރިޒަމަށް ހުޅުވާލަނީ، ރަށްތައް އިއުލާންކުރާނީ އެކްސްޕޯގައި


ރާއްޖޭގެ ފަތުރުވެރިކަމަށް އަލަށް ދޫކުރާ ރަށްތައް މާދަމާ އިޢުލާންކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ޓޫރިޒަމް ތަރައްޤީކުރާ ރަށްތައް އިއުލާންކުރުން އޮންނާނީ މިހާރު ދުބާއީގައި ކުރިއަށްދާ ދުބާއީ އެކްސްޕޯ 2020ގައި ބާއްވާ ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމްގައެވެ.

ދުބާއީގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވީ، ރިސޯޓް ތަރައްޤީކުރުމަށް އައު ރަށްތަކެއް މާދަމާ އިއުލާންކުރެވޭނެކަމަށެވެ. އަދި އެރަށްތަކަށް ބިޑު ހުށައެޅުމުގެ މުއްދަތު ކުރީފަހަރުތަކާއި ޚިލާފަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށާއި، އިންވެސްޓަރުންނާއި ބޭންކުތަކަށް އެރަށްތައް ބަލާލުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް ބިޑަށް ހުޅުވާލަނީ ކިތައް ރަށްކަމެއް މިނިސްޓަރ ވިދާޅެއް ނުވެއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް މިދުވަސްވަރު އިންވެސްޓްމަންޓްތައް ވަރަށް މުހިންމުކަމަށެވެ. އެހެންކަމުން ދުބާއީ އެކްސްޕޯއިން ހާސިލްކުރަން ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ ރާއްޖެއަށް އިންވެސްޓްމަންޓްތައް ހޯދުމާއި ފަތުރުވެރިންގެ ޢަދަދު އިތުރުކުރުންކަމަށެވެ.

"އެނގިވަޑައިގަންނަވާނެ 2019ވަނަ އަހަރު ފަތުރުވެރިކަމަށް ދޫކުރުމަށް އިއުލާންކުރި ރަށްތައް އަދި މިވަނީ ދޫނުކުރެވިފަ. ޚާއްޞަކޮށް އަޅުގަނޑުމެން ޓިޕެކްސް ޖަހާލަން ޖެހުނު އެއްއަހަރު ދޮޅު އަހަރު ހިނގައްޖެ. އެހެންކަމުން މާދަމާ އަޅުގަނޑުމެން އިއުލާންކުރާ ރަށްތައް ކުރިއާ އެންމެ ބޮޑަށް ތަފާތުވާނީ އަޅުގަނޑުމެން އިއުލާންކޮށްފައި ވަރަށް ގިނަ ދުވަހު ބަހައްޓާނަން. ބިޑު ހުށައެޅުމުގެ ތާރީޚް މިއޮންނަނީ 4 މަސް ފަހުން. އެހެންކަމުން ވަރަށް ގިނަ އިންވެސްޓަރުންނަށް ފުރުޞަތު ލިބިގެންދާނެ އެރަށްތައް ބަލާލަންދިއުމުގެ އަދި އެކަމަށް ޝަޢުގުވެރި ފަރާތްތައް އެހެން ބޭންކަރުންނާއި އެހެން އިންވެސްޓަރުންނާ ވާހަކަ ދައްކައިގެން ފުރުޞަތުތައް ހޯދައިގެން ރަށްތައް ބަލައިގެން އެމީހުން ޝަޢުގުވެރިވާ ރަށްތައް ޚިޔާރުކޮށް އެއަށް ބިޑު ހުށައެޅުމަށް" ޑރ.މައުސޫމް ވިދާޅުވިއެވެ،

ރައީސްގެ ސިޔާސަތަކީ މުޅި ރާއްޖެއަށް ޓޫރިޒަމް ފުޅާކުރުންކަން ފާހަގަކުރައްވާ ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ، ހޯމް ސްޓޭ ތައާރަފްކުރެވިގެންދާއިރު ގިނަ އެއަރޕޯޓްތަކެއް އަދިވެސް ބޭނުންވާކަމަށެވެ. އެހެންކަމުން މިފަހަރު މިރަށްތައް ބިޑަށް ހުޅުވާލައިގެން ކާމިޔާބު ބިޑަކަށް ވާނެކަމަށް އުއްމީދުކުރެވޭކަމަށެވެ. ސަރުކާރުން ނިންމާފައިވަނީ ޓޫރިޒަމަށް އާ ރަށްތައް ނެރޭއިރު ޓޫރިޒަމް ނެތް ސަރަހައްދުތަކަށް އިސްކަން ދިނުމަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ދުބާއީގައި މިހާރުކުރިއަށްދާ އެކްސްޕޯގައި އިންވެސްޓްމަންޓް ފޯރަމްގެ އިތުރުން ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތަކާއި ބެހޭގޮތުން ޚާއްޞަ ޕެނަލް ޑިސްކަޝަނެއްވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ޕެނަލްގައި ރާއްޖޭގެ ހަތަރު ވަޒީރުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.