ދުނިޔޭގެ ވިޔަފާރި

ތިންވަނަ ކުއާޓަރގައި ޓެސްލާއަށް ރެކޯޑް އަދަދަކަށް ފައިދާވެއްޖެ


ޓެސްލާއަށް މިއަހަރުގެ ތިންވަނަ ކުއާޓަރގައި ރެކޯޑް އަދަދަކަށް ފައިދާވެފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެމެރިކާގެ އިލެކްޓްރިކް ވެހިކަލް އުފައްދާ ކުންފުނި ޓެސްލާގެ މިއަހަރުގެ ތިންވަނަ ކުއާޓަރގެ މާލީ ރިޕޯޓުތައް ދައްކާގޮތުން އެ ކުއާޓަރުގައި އެކުންފުންޏަށްވަނީ އާމްދަނީގެ ގޮތުގައި 13.7 ބިލިއަން ޑޮލަރު ލިބިފައެވެ. މި އަދަދު މީގެ ބާރަ މަސް ދުވަސްކުރިން ހުރީ 8.77 ބިލިއަން ޑޮލަރުގައެވެ.

ބިލިއަނަރ އެލަން މަސްކުގެ ޓެސްލާ ކުންފުނިން މިއަހަރުގެ ތިންވަނަ ކުއާޓަރުގައި 241،391 ކާރު ވިއްކައިގެން 1.6 ބިލިއަން ޑޮލަރު ސާފު ފައިދާގެ ގޮތުގައި ވަނީ ހޯދާފައެވެ.

ޓެސްލާގެ ޗައިނާ ކާރުޚާނާ އެކުންފުނީގެ އެކްސްޕޯޓިންގ ހަބަށްވެފައިވާއިރު، ކުރިމަގުގައި ތަފާތު ބެޓަރި ބޭނުންކޮށްގެން ވެހިކަލް އުފައްދާ، ދުނިޔޭގެ އެކި ހިސާބުތަކަށް އެކްސްޕޯޓުކުރުމަށް އެކުންފުނިންވަނީ ރާވާފައެވެ.

ޓެސްލާގެ ކާރުތަަކަށް އޮތް ޑިމާންޑު ބޮޑުވެފައިވާއިރު، ޑިމާންޑާއި އެއްވަރަށް ސަޕްލައިކުރުމުގައި އެކުންފުންޏަށްވަނީ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި ކާރުގެ މައިކްރޯޗިޕްސް ހޯދުމަށް ހުރި ދަތިތަކާއި، ދުނިޔޭގެ ކާގޯ ބަނދަރުތަކަށް ބާރުބޮޑުވުމުގެ ސަބަބުން ވަގުތަށް ތަކެތި ޑެލިވަރ ކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާކަން ޓެސްލާއިން ފާހަގަކުރެއެވެ.

އެހެންނަމަވެސް ޓެސްލާއިން އަމާޒް ހިފާފައިވަނީ އަހަރު ނިމޭއިރު އެކުންފުނީގެ ވިޔަފާރިއަށް 50 އިންސައްތައިގެ ކުރިއެރުމެއް ހޯދުމަށެވެ. ޓެސްލާގެ ކާރުތަކުގެތެރެއިން އެންމެ ގިނަ އަދަދަކަށް ވިކިފައިވަނީ އެކުންފުނީގެ 'މޮޑެލް 3' އާއި 'މޮޑެލް ވައި' ގެ ކާރުތަކެވެ. މިއީ އެކުންފުނިން ވިއްކާ އެންމެ އަގުހެޔޮ ކާރުތަކެވެ.