ރިޕޯޓް

ޤައުމު ބިނާވެގެން ދާނީ އެވަގުތު އޮންނަ ޒުވާން ޖީލުގެ ވިސްނުމާ ފިކުރާ އެއްގޮތަށް


ޤައުމު ބިނާކުރުމުގަ ޒުވާނުންގެ ދައުރަކީ ވަރަށްމުޙިއްމު ދަޢުރެކެވެ. ޒުވާނުންނަކީ ގައުމެއް ދެމި އޮތުމުގެ މައި ބަދައެވެ. ގައުމެއްގެ މުސްތަގުބަލް އަބަދުވެސް ބިނާވެގެން ދާނީ އެގަޢުމެއްގައި އެވަގުތު އޮންނަ ޒުވާންޖީލުގެ ވިސްނުމާ ފިކުރާ އެއްގޮތަށެވެ. ކަން މިހެން އޮތުމާއެކު ޤައުމުގެ ޒުވާނުންނަކީ ގަޢުމާމެދު ވިސްނާ، އަންނަން އޮތް ޖީލަށް ރަނގަޅުގޮތުގައި ޤައުމު ވާސިލްކޮށްދޭނެ އަޒުމުގައި ތިބި ބައެއްކަމުގައި ވާންޖެހެއެވެ.

މިއަދަކީ، ޤައުމީ ފެންވަރެއްގައި ސަރުކާރުން ފާހަގަ ކުރަމުންދާ ޒުވާނުންގެ ދުވަސް. ކޮންމެ އަހަރެއްގެ ޒުވާނުންގެ ދުވަހަކީ ނޮވެމްބަރުމަހުގެ ސަތާރަވަނަ ދުވަހުގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާ އިއުލާން ކުރައްވާފައިވަނީ، 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. ނަމަވެސް 2020 ވަނަ އަހަރުން ފެށިގެން ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ކަނޑައަޅުއްވާފައި ވަނީ އޮކްޓޫބަރުމަހުގެ 22 ވަނަދުވަހެވެ. ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ ޤައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ސަރުކާރުން ކަނޑައެޅުއްވީ މިދުވަހަކީ، ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް އިންތިޚާބުތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ޙައްޤާއި، އިންތިޚާބުތަކުގައި، އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤާއި، އެ މީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު ލިބިދިނުމުގެ މާއްދާ މީގެ 13 އަހަރު ކުރިން، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ 185 ވަނަ ޖަލްސާއިން ފާސްކުރެއްވި ތާރީޚީ ދުވަހަށްވާތީއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައިވެސް އުފެއްދުންތެރި ޒުވާނުން ބިނާކުރުމަކީ ނުހަނު އިސްކަމެއްދެއްވާފައިވާ ދާއިރާއެކެވެ. އެގޮތުން ސަރުކާރުގެ މެނިފެސްޓޯއާއި، 2019 އިން 2023 އަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވެސް "ފަޚުރުވެރި ޢާއިލާ" މި ސިޔާސަތުގެ ދަށުން ޒުވާނުންނަށް ޚާއްސަ ކަންތައްތަކެއް ވަނީ ހިމަނުއްވާފައެވެ. އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ވަޒީފާ އަދާކުރުމުގަޔާއި، ވިޔަފާރިއާއި އަމިއްލަ މަސައްކަތްތައް ހިންގުންފަދަ އެންމެހާ ކަންކަމުގެ ފުރުޞަތު ފުޅާކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.

ޒަމާނީ ތަޢުލީމް އުނގަންނައިދީ، ހެޔޮލަފާ، ދުޅަހެޔޮ، އުފެއްދުންތެރި ޒުވާނުން ބިނާކުރުމަށް ސަރުކާރުން ކުރައްވާ އެކި މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ހިލޭ ފުރަތަމަ ޑިގްރީއާއި ހަމައަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
މިކަން ވެގެންދިޔައީ ފުދުންތެރިކަން ނެތުމުގެ ސަބަބުން މަތީ ތަޢުލީމުން މަޙްރޫމްވެފައިވާ އެތައް ޒުވާނުންނެއްގެ އުއްމީދުތަކުގައި ހަޤީޤީ ކުލަޖެހުނުކަމަކަށެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ އެކިސަރަހައްދުގައި ތަފާތު ގިނަ ހަރަކާތް ތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަހަރުގެ ޒުވާނުންގެ ދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށްދަނީ ހދ. ކުޅުދުއްފުށީގައިއެވެ. ޔޫތު މިނިސްޓްރީއާއި ކުޅުދުއްފުށީ ކައުންސިލް ގުޅިގެން މިއަހަރުގެ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓިގައި ގިނަ ހަރަކާތް ތަކެއް އަންނަނީ ބާއްވަމުންނެވެ. އެގޮތުން މިމަހުގެ 10 ވަނަދުވަހުން ފެށިގެން މިމަހުގެ 24 ވަނަ ދުވަހާމަޔަށް މިދުވަހުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިދުވަހާ ގުޅިގެން ޚާއްސަ ޖަލްސާއެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި 18 ފަރާތަކަށްް ޔޫތު އެވޯޑް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

ޒުވާނުންގެ ދައުރު ފުޅާކޮށް، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށްދީ، ކުރިއަށް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ މިއަދުގެ ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއް ދީގެން ކުރާ މަސައްކަތެކެވެ. އެހެންކަމުން ޒުވާނުންނަކީ ސަރުކާރުން ފަހިކޮށްދޭ ފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފަން އެނގޭ ބަޔަކަށް ވާންޖެހެއެވެ. ޤައުމެއް ޤައުމެއްގެގޮތުގައި ކުރިއަރާދާނީ އޭރުންނެވެ.