ޚަބަރު

ބ.ކުޑަރިކިލު ގޮޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި


ބ.ކުޑަރިކިލު ގޮޑުދޮށް ހިމާޔަތްކުރަން އެމްޓީ ހޯގާޑް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

ބ.ކުޑަރިކިލު ގޮނޑުދޮށް ހިމާޔަތްކުރާނީ އެރަށުގެ އިރުމަތީ ފަރާތުން 100 މީޓަރގެ 3 ތިން ބްރޭކް ވޯޓަރއަކާއި 150 މީޓަރު 1 ބްރޭކް ވޯޓަރއާއެކު ޖުމްލަ 450 މީޓަރުގެ ބްރޭކް ވޯޓަރއެއްލައިގެންނެވެ. އަދި ރަށުގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ގޮނޑުދޮށަށް ފަސްއަޅައި ބީޗް ޕްރޮފައިލް ކުރުމުގެ މަސައްކަތްވެސް މިމަޝްރޫއުގެ ދަށުން ކުރެވިގެންދާނެއެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން އެކުންފުންޏާއި ހަވާލު ކުރެވިފައިވާ މިމަސައްކަތަށް 14،749،900 ރުފިޔާ ޚަރަދުވެއެވެ. އެކުންފުންޏާއި މިމަޝްރޫޢު ނިންމުމަށް ދީފައިވަނީ 180 ދުވަހެވެ.

މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންސްފްރާސްޓްރަކްޗަގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓްރީ ޒީނިޔާ އަޙްމަދެވެ. ހޯގާޑްގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޖޯގަން ފެލްބޯގް ސްކަރަފްއެވެ.

އެރަށު ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އެކުންފުނިން އަންނަމަހު ބަނދަރުގެ އަމަލީ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން މިހާރު އެކުންފުނިން މަސައްކަތް ކުރަމުންދާ އެއަތޮޅު ކިހާދޫ އާއި ދޮންފަނު ބަނދަރުގެ މަސައްކަތް މިމަސްތެރޭގައި ނިންމާލުމަށް ވަނީ ކަނޑައަޅާފައެވެ.

ކުޑަރިކިލުގެ އިތުރުން ދޮންފަނު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރަމުންދަނީ އެކުންފުނިންނެވެ. އެމަސައްކަތްވެސް މިހާރު ފެށިގެން ކުރިއަށްދާއިރު މި މަސައްކަތް 180 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.