ޚަބަރު

ކުޅުދުއްފުށީގައި ކުރިއަށްދާ ބީޗް ގޭމްސް ފެސްޓިވަލަށް ޒުވާނުންގެ ބޮޑުތަރުހީބެއް


މިއަހަރުގެ ޒުވާނުންގެ ދުވަހުގެ ހަރާކާތް ތަކުގެ ތެރެއިން ހިމަނައިގެން ކުޅުދުއްފުށީގައި ކުރިއަށްދާ ބީޗްގޭމްސް ފެސްޓިވަލަށް ޒުވާނުންގެ ބޮޑުތަރުހީބެއް ލިބިފައިވާ ކަމަށް ޔޫތު މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ކޮންމެ އަހަރަކުވެސް ސަރުކާރުން ފާހަގަ ކުރަމުންދާ ޒުވާނުންގެ ދުވަސް މިއަހަރު ކުޅުދުއްފުށީ ސިޓީގައި ފާހަގަ ކުރަން ނިންމުމުގެ އެންމެބޮޑު ބޭނުމަކީ ކުޅުދުއްފުށްޓަކީ ގިނަޒުވާނުން ތަކެއް ދިރިއުޅެމުންގެންދާ ރަށަކަށްވުމެވެ.

ކުޅުދުއްފުށީ ސިޓީގައި ކުރިއަށްދާ ބީޗް ގޭމްސް ފެސްޓިވަލްގައި 400 އަށްވުރެ ގިނަ ޒުވާނުން ވަނީ ބައިވެރިވެފައެވެ. މިމަހުގެ 19އިން މިއަދުގެ ނިއަލަށް ކުރިއަށްދާ މި ފެސްޓިވަލްގެ ހުރިހާ ކުޅިވަރުތަކެއްވެސް ކުރިއަށް ގެންދަނީ ދެޖިންސަށް ޚާއްޞަކޮށްގެން ކަމަށް ޔޫތު މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މި ފެސްޓިވަލްގައި ކުރިއަށްދާ ކުޅިވަރުތަކުގެ ތެރޭގައި ވޮލީ، ސޮކާ، ހޭންޑް ބޯލް ހިމެނެއެވެ. މި ފެސްޓިވަލްގައި 45 ޓީމު ބައިވެރިވެއެވެ. އެއީ އަންހެން 11 ޓީމާއި ފިރިހެން 34 ޓީމެވެ.

މިފަދަ އިވެންޓެއް ކުރިޔަށް ގެންދިޔުމުގެ އެންމެ ބޮޑު ބޭނުމަކީ ރަށްރަށުގައި މިފަދަ ކުޅިވަރުތައް އާލާކޮށް ތަރައްގީކުރުން ކަމަށް ޔޫތު މިނިސްޓްރީން ފާހަގަ ކުރައްވައެވެ. ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާއިރު މީގެތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ޔޫތު އެވޯޑެވެ.

މިފަހަރު މިއެވޯޑް 18 ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން މިދުވަސް ފާހަގަކުރުމަށް ޖަމިއްޔާތަކުގެ މަހާސިންތާއެއް ބޭއްވުމާއި، ޒުވާނުން ހޭލުންތެރިކުރުމަށް ޚާއްސަ ޕްރޮގްރާމްތަކެއް ހިންގުމާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަންނާނުން ހިމެނޭ ގޮތަށް ޚާއްސަ ސްޓޭޖް ޝޯވއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޔޫތު މިނިސްޓްރީއާއި ކުޅުދުއްފުށި ކައުންސިލުން މަޢުލޫމާތުދެއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ކަނޑައެޅުއްވީ 2020 ވަނައަހަރުއެވެ.