ވިޔަފާރި

ފަތުރުވެރިކަމުގެ ކުދި ވިޔަފާރިތަކަށް ލޯނުގެ ގޮތުގައި 160 މިލިއަނަށްވުރެ ގިނަ ރުފިޔާ!


ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ކުންފުނިތަކަށް މިހާތަނަށް 160 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރައްވަމުންނެވެ. އެގޮތުން އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާފައިވާ މަސައްކަތަކީ ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ފަސޭހައި ލޯނު ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އެސްޑީއެފްސީގެ ނަމުގައި ބޭންކެއް އުފެއްދެވުމެވެ.

ސަރުކާރުން ވިދާޅުވީ އެސްޑީއެފްސީގެ ނަމުގައި އުފައްދާފައިވާ މި ކުންފުނިން މިހާތަނަށް 815 ވިޔަފާރިއަކަށް 1،015،712،992 ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާކަމަށެވެ. މީގެތެރެއިން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ވިޔަފާރިތަކަށް ލޯނުގެ ބޮޑުބައެއް ދޫކޮށްފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެއީ 116 ވިޔަފާރިއަކަށް 160،612،911 ރުފިޔާއެވެ.

ސަރުކާރުން ވިދާޅުވީ، ފަތުރުވެރިކަމުގެ އާމްދަނީ އެންމެ ފުޅާ ގޮތެއްގައި ރަށްރަށުގެ ރައްޔިތުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމަށް ތައާރަފުކުރި ގެންޓްހައުސްގެ ވިޔަފާރި ބޮޑަށް ފުޅާކޮށް ތަރައްޤީކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމަށެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް މިހާރު ގެސްޓްހައުސް ވިޔަފާރި އަންނަނީ ފުޅާދާއިރާއެއްގައި ކުރިއަރަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 782 ގެސްޓްހައުސްއެއް ވަނީ ރަޖިސްޓްރީކޮށްފައެވެ. ނަމަވެސް ކޯވިޑާއެކު މިހާރު އޮޕަރޭޝަންގައި ހުރީ 589 ގެސްޓްހައުސްއެވެ.